ހަތްވަނަ ގައުމީ ހޭންޑްބޯލް މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ފުލިދޫ އެސްްސީ ހޯދައިފި އެވެ.

ފިރިހެން ބައިން ފުލިދޫ ޓީމް ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި ލަޔަންސްގެ މައްޗަށް ކުރިހޯދައިގެންނެވެ. ފޯރިގަދަ ފައިނަލް މަޗުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނު އިރު ފަހު ވަގުތު ފުލިދޫ ކުރިހޯދީ 24-22 އިންނެވެ.

ފޯރިގަދަ ފައިނަލް މަޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފު 10-10 އަކުން ދެޓީމު އެއްވަރުވެގެން ނިމުނުއިރު ދެވަނަ ހާފްގައި ފުލިދޫ އިން ކުޅުން އިތުރަށް ރަނގަޅުކޮށް ލަޔަންސްގެ ގޯލަށް ބާރުބޮޑުކުރި އެވެ. ފަހު ހާފުގެ ކުރީކޮޅުހެން ލަޔަންސްގެ ޑިފެންސް ފޫއަޅުވާލާ ފުލިދޫ އިން ދެ ޕޮއިންޓްގެ ލީޑެއް ނެގުމާއެކު ލަޔަންސް އަށް މެޗު އެއްވަރު ކުރަން އުނދަގޫތަކެއް ވާން ފެށި އެވެ. ފަހު ހާފުގެ ބޮޑުބައެއްގައި ދެ ވަރަކަށް ޕޮއިންޓްގެ ލީޑެއްގައި އޮވެ ފުލިދޫ އިން ކުރިއަށްގޮސް މެޗު ނިންމާލީ 24-22 ލަނޑުގެ ނަތީޖާއަކުންނެވެ.

ގައުމީ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކުލަބް ޒެފްރޯލް އެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެކަން ފާހަގަކޮށްލެވެ އެވެ. ޒެފްރޯލް ތަށި އުފުލާލީ ފައިނަލުގައި ޕޮލިސް ކްލަބާއި ވާދަކުރުމަށްފަހު 16-6 ގެ ނަތީޖާއަކުންނެވެ. މިއީ އަންހެން ބައިގެ ޗެމްޕިއަންކަން ޒެފްރޯލް ހޯދި ދެވަނަ ފަހަރެވެ.

އަންހެން ފައިނަލް މެޗު ފެށިގެން ފުރަތަމަ ކޮޅުގައި މޮޅަށް ކުޅުނީ ޕޮލިސް ކުލަބުންނެވެ. އެގޮތުން ޒެފްރޯލް އަށް މެޗުގެ ތެރެއަށް ނުވަދެވިގެން އުޅެނިކޮށް ޕޮލިސް ކްލަބުން ތިން ޕޮއިންޓްގެ ލީޑެއް ނެގި އެވެ. ނަމަވެސް އެޓީމަށް މާގިނައިރެއް ވަންދެން އެ ލީޑު ހިފަހައްޓައެއް ނުލެވުނެވެ. 3-1 ގެ ނަތީޖާއެއްގައި ޕޮލިސް ލީޑު ކުރަމުން ދަނިކޮން ޒެފްރޯލުން ކުޅުން ރަނގަޅުކޮށް ފުލުފުލުގައި ގިނަ ހަމަލާތަކެއް އުފައްދާ ތަފާތު ބޮޑު ލީޑެއް ފުރަތަމަ ހާފު ނިމުމުގެ ކުރިން ހޯދި އެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ފަހު ހާފުގެ ކުރީކޮޅު ޕޮލިހުން ޒެފްރޯލްގެ ގޯލަށް ނުރައްކާކުރި ނަމަވެސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޒެފްރޯލްގެ ގޯލްކީޕަރު ވަނީ ޕޮލިހުގެ ހަމަލާތައް ވަރަށް ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. މެޗުގެ ފަހު ހާފުގައިވެސް މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދައި ޒެފްރޯލް އިން ފަސޭހަކަމާއެކު ޕޮއިންޓްތައް ނަގަމުންދިޔައިރު އެޓީމު ހުއްޓުވަން ޕޮލިސް ކްލަބަށް މާބޮޑު މަސަތްކަތެއް ނުކުރެވުނެވެ.