ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ނިންމައި ދެވަނަ ބުރަށް ދާއިރު، މިއަދު ޔުނައިޓެޑް ވިކްޓްރީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ބައިވަރު ލަނޑުތަކުން ޓީމަށް ވަރަށް ފައިދާ ކުރާނެ ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗްގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް ގްރީން ސްޓްރީޓުން ކުރިހޯދާފައިވަނީ 8-2ގެ ނަތީޖާއަކުންނެވެ. މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) ފަސް ލަނޑު ކާމިޔާބުކޮށްދިން އިރު ގްރީނުން ދެން ލަނޑު ޖަހާފައިވަނީ ރިހާމް އަބްދުލްޢަނީ އާއި މުހައްމަދު ރިސްވާންގެ އިތުރުން އަބްދުﷲ ޔާމީން އެވެ. ޔޫވީން މެޗުގައި ޖެހި ދެ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އަހުމަދު ނާޝިދު އާއި މިރާހު މުހައްމަދު އެވެ.

މެޗައްފަހު ވާހަކަދައްކަމުން ސުޒެއިން ބުނީ ޔުނައިޓެޑް ވިކްޓްރީ ކަހަލަ ޓީމެއް އަތުން ބޮޑު މޮޅެއް ލިބުމުން ހިތްހަމަޖެހޭ ކަމަށާއި މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދުން އަމާޒަކަށް ހަދައިގެން ކަމަށެވެ. އަދި މެޗުން ތިން ޕޮއިންޓް ކަށަވަރު ކުރުމަށްފަހު އިތުރަށް ގްރީނުން ޖެހި ލަނޑުތަކުން ލީގުގައި ކުރިއަށް ހުރި މެޗުތަކާއި އެޓީމު ކުރިމަތިލާއިރު ފައިދާ ކުރާނެ ކަމަށެވެ.

މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ދަގަނޑޭއާ ގުޅޭގޮތުން ސުޒޭން ބުނީ، ގިނަ ދުވަސްވަންދެން ގައުމީ ޓީމުން ބާކީވެފައި ހުއްޓާ ދާދިފަހުން ޓީމުން ފުރުސަތު ލިބުމުން ދަގަނޑޭގެ އިތުބާރު ބޮޑުވެގެން ހިގައްޖެ ކަމަށާއި މިއަދު އޭނާގެ ފަރާތުން ފެނުނީ އިތުބާރާއެކު ކުޅުމުން ފެންނަ މޮޅު ކުޅުން ކަމަށެވެ.

ކޯޗް އަލީ ސުޒޭން މީޑިއާ އަށް މައުލޫމާތު ދެނީ – ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން
ކޯޗް އަލީ ސުޒޭން މީޑިއާ އަށް މައުލޫމާތު ދެނީ – ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

"އަޝްފާގަށް ގައުމީ ޓީމުން ފުރުސަތު ލިބުނީމަ ވެސް އޭނަގެ ކޮންފިޑެންސް ލެވެލް ހައިވެގެންދާނެ ކޮންމެ ގޮތެއްވިޔަސް. ވަރަށް އުއްމީދުކޮށްގެން ހުއްޓާ އޭނާ އަށް އެ ފުރުސަތު ލިބުނީ. އެހެންކަމުން އެގޮތަށް ޓީމުން ބާކީ ކޮށްފައި ހުއްޓާ ފުރުސަތު ލިބުމުން ހިތްހަމަޖެހޭނެ ހަގީގަތުގައި. އޭގެ އަސަރު މިއަދުގެ މެޗުގައި ފެނުނީ،" ސުޒޭން ބުންޏެވެ.

މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ސުޒޭންގެ ކޮއްކޮ އަދި ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ބޮޑު ތަފާތަކުން ބަލިވުމުން ނުތަނަވަސްވެއްޖެ ކަމަށާއި ނަމަވެސް މެޗުގައި ފެނުނު ކަންތައްތަކަށް ބަލާއިރު ފަރަގު އެހާ ބޮޑެއް ނޫން ކަމަށެވެ. ނަޒީހު ބުނީ ރެފްރީން ތަންކޮޅެއް ބޮޑަށް މެޗުތަކަށް އިންސާފު ކުރާއިރު ހަމަހަމަ ވާންޖެހޭ ކަމަށާއި، މެޗުގައި ފެނުނީ އެއްކޮޅަށް ޖެހިގެން ރެފްރީކަން ކުރިތަން ކަމަށެވެ.

"މެޗުގައި ހިނގާދިޔަ ހާދިސާތަކަށް ބަލާއިރު މާ ބޮޑެއް ނޫން ފަރަގު. ރެފްރީން އެހާ ކޮންސިސްޓެންޓެއް ނޫން. މިއަށްވުރެ ހަމަހަމަ ވާން އެބަޖެހޭ އެމީހުން. މިހާތަނަށް ދުވަހަކު ވެސް އަދި ނުދައްކަން ޕްރެސްއެއްގައި ރެފްރީގެ ވާހަކައެއް. ރަނގަޅު މެޗަކުން އައިއްސަ މިހެން ބަލިވީމަ މާޔޫސްވެފައި މިހިރީ،" މެޗަށް ފަހު ނަޒީހު ބުންޏެވެ.

ކޯޗް ނަޒީހު މީޑިއާ އަށް މައުލޫމާތު ދެނީ – ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން
ކޯޗް ނަޒީހު މީޑިއާ އަށް މައުލޫމާތު ދެނީ – ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

ނަޒީހު އިތުރަށް ބުނީ މެޗުން ބަލިވީ ހަމައެކަނި ރެފްރީގެ މައްސަލަތަކުން ނޫންކަމަށާއި، ކުޅުންތެރިންގެ ފަރާތުން ވެސް މައްސަލަތައް ފާހަގަކުރެވުނު ކަމަށެވެ.

"ކުޅުންތެރިންގެ މައްސަލަ އެބައުޅޭ ވަރަށް. ދަގޭ އެބަހުރި ވަރަށް އީޒީ ގޯލުތަކެއް ޖަހާލާފައި. ދަގޭ އަރާފަ މިލޯސް ކައިރިން ބޮލުން ޖެހީމަ އެއީ ވަރަށް ބޮޑު މައްސަލައެއް. އަނެއްކާ ދަގޭ އަކީ ބޮލުން މާގިނަ ގޯލުތަކެއް ޖަހާ ކުޅުންތެރިއެއް ވެސް ނޫން. ގިނަ ގޯލުތަކުގައި ކުޅުންތެރިންގެ ފަރުވާކުޑަކަން ފެނިގެންދިޔަ." ބޮޑު ތަފާތަކުން ބަލިވުމުން މާޔޫސްވެފައި ހުރި ނަޒީހު ބުންޏެވެ.

ޔުނައިޓެޑު ވިކްޓްރީ އަތުން ލިބުނު ބޮޑު މޮޅާއެކު ގްރީން ސްޓްރީޓަށް އަށް މެޗުން ފަނަރަ ޕޮއިންޓް ލިބިފައިވާއިރު ތާވަލުގެ އެންމެ ކުރީގައި ވިހި ޕޮއިންޓް ހޯދައިގެން އޮތީ މާޒިޔާ ސްޕޯޓްސް އެވެ. ޔޫވީ އޮތީ އަށް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ހަތް ވަނަ މަގާމުގަ އެވެ.

ދިރާގު ދިވެހި ލީގުގައި މިރޭ ބައްދަލުކުރާ މެޗުގައި ކުޅޭނީ ފޯކައިދޫ އާއި ޓީސީ ސްޕޯޓްސް ކްލަބެވެ.