ދުނިޔޭގެ ފުޓްބޯޅަ އާއި ބެހޭ މައި އިދާރާ ކަމަށްވާ ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ބްރެޒިލްގެ އަލިސް ބެކާ ހޮވުނު އިރު އެންމެ މޮޅު ކޯޗުގެ އެވޯޑު ލިވަޕޫލްގެ ޖާގަން ކްލޮޕް ހާސިލްކޮށްފި އެވެ.

އިޓަލީގެ މިލާނުގައި މިރޭ ކުރިއަށްދިޔަ ފީފާ ދަ ބެސްޓް ފުޓްބޯޅް އެވޯޑް ހަފުލާގައި ނިމިގެންދިޔަ އަހަރުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑު އަލިސަން ހޯދީ ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާސްޓެޖަން އާއި މެންޗެސްޓާ ސިޓީގެ ކީޕަރު އެޑަސަން މޯރެސް ފަހަތަށް ޖައްސާލުމަށްފަހު އެވެ. އަލިސަން ވަނީ ފީފާ އިން ހޮވާ ފްރޯ ވޯލްޑް އިލެވެންގައިވެސް ހިމެނިފަ އެވެ.

އިޓަލީގެ އޭއެސް ރޯމާ އިން ލިވަޕޫލަށް ބަދަލުވުމަށްފަހު އެޓީމުގެ ގޯލު ބެލެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލިސަން ވަނީ މިދިޔަ ސީޒަންގައި ތިން މުބާރާތެއްގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދައި ފުޓްބޯޅައިގެ ތާރީހުން ޖާގަ ހޯދާފަ އެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް އަލިސަން ވަނީ ހޯދާފަ އެވެ.

ލިވަޕޫލް އާއެކު ޕްރިމިއާ ލީގުގައި 97 ޕޮއިންޓާއެކު ޗެމްޕިއަން ސިޓީގެ ފަހަތުން ދެވަނައިގައި ނިންމުމުގެ އިތުރުން ޔޫރަޕްގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލިވަޕޫލް މިދިޔަ ސީޒަންގައި ހޯދިއިރު އެޓީމުގެ ފަހަތުގައި ޑިފެންޑަރު ވެން ޑައިކްގެ އިތުރުން އެންމެ މުހިއްމު ރޯލެއް އަދާކުރީ އަލިސަން އެވެ.

ފީފާ ދަ ބެސްޓް ގޯލްކީޕަރުގެ އެވޯޑު އަލިސަން ހާސިލްކުރިއިރު އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ އަލިސަން އަށް އިރުޝާދު ދެމުން އަންނަ ހުނަރުވެރި ކޯޗު ޖާގަން ކްލޮޕް އެވެ.

2005 ވަނަ އަހަރުގެ ފަހުން ޔޫރަޕްގައި ލިވަޕޫލުން ފުރަތަމަ ފަހަރަށް ބޮޑު ތައްޓެއް މިއަހަރު އުފުލާލީ ކްލޮޕްގެ އިރުޝާދުގެ ދަށުންނެވެ. ލިވަޕޫލްގެ ކޯޗަކަށް އޭނާ ހަމަޖެއްސި ފުރަތަމަ ދުވަސްކޮޅު ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުންތައް ކްލޮޕް އަށް އަމާޒުވި ނަމަވެސް އޭނާ ވަނީ ފާއިތުވެދިޔަ ތިން އަހަރު ތެރޭގައި ޒުވާން މޮޅެތި ކުޅުންތެރިންތަކެއް ހިމެނޭގޮތަށް މުޅި ޔޫރަޕްގައިވެސް ފާހަގަކޮށްލެވޭ ވަރުގަދަ ޓީމެއް ބިނާކޮށްފަ އެވެ.

އެންމެ މޮޅު ކޯޗުގެ މަގާމް ކްލޮޕް ހޯދީ މެންޗެސްޓާ ސިޓީ އަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ޕެޕް ގާޑިއޯލާ އާއި ޗެމްޕިއަންްސް ލީގު ފައިނަލަށް ޓޮޓެންހަމް ގެންގޮސްދިން ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި ވާދަކުރުމަށްފަހު އެވެ.