ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިއާ ނުވަތަ ފީފާ ދަ ބެސްޓް ވިމެންސް ޕްލޭޔާގެ އެވޯޑު އެމެރިކާ އާއެކު ވޯލްޑްކަޕްގެ ތަށި އުފުލާލި މެގަން ރެޕިނޯ ހާސިލްކޮށްފި އެވެ.

މިއަހަރުގެ މެދުތެރޭގައި ބޭއްވި ފީފާ އަންހެން ވޯލްޑްކަޕް ކާމިޔާބުކުރި ރެޕިނޯ ފީފާގެ މޮޅު ކުޅުންތެރިއާގެ އެވޯޑު ހާސިލްކުރީ އިނގިރޭސިވިލާތުގެ ލޫސީ ބްރޮންޒް އާއި އެމެރިކާގެ އެލެކްސް މޯގަން އާއި ވާދަކުރުމަށްފަހު އެވެ.

ދަ ބެސްޓް އެވޯޑް ކާމިޔާބުކުރި ރެޕިނޯ ވަނީ ނިމިގެންދިޔަ ވޯލްޑް ކަޕްގައި އާދަޔާ ޚިލާފް މޮޅުކުޅުމެއް ދައްކައި އެމެރިކާ އަށް ތަށި ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްފަ އެވެ. ހަ ލަނޑު ޖަހައިގެން މުބާރާތުގެ ރަން ބޫޓު ހާސިލްކުރުމުގެ އިތުރުން ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިއާ އަށްދޭ ރަންބޯޅަ ހާސިލްކުރީވެސް ރެޕިނޯ އެވެ.

34 އަހަރުގައި ކެޕްޓަނެއްގެ ހައިސިއްޔަތުން ޓީމު ލީޑު ކޮށްދީ ރެޕިނޯގެ ފަރާތުން ހާއްސަގޮތެއްގައި ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗުތަކުގައި ފެނުނު މޮޅު ކުޅުމަށް ގިނަ ބައެއްގެ ތައުރީފް އަމާޒުވި އެވެ. 2006 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ގަވާއިދުން ކުޅެމުން އަންނަ ރެޕިނޯ ވަނީ ގައުމީ ޖާޒީގައި 156 މެޗު ކުޅެދީ 50 އަށްވުރެ ގިނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

އަންހެން އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑްގެ ގަދަ ތިނެއްގައި ރަޕިނޯގެ އިތުރުން ދެން ހިމެނުނު އެލެކްސް މޯގަން ވެސް މިދިޔަ ސީޒަންގައި ކްލަބް ލެވެލްގައްޔާއި ބައިނަލްއަގުވާމީ ފެންވަރުގައި މޮޅު ކުޅުމެއް ދެއްކި އިރު ޓީމްމޭޓް ރަޕިނޯގެ ފަހަތުން ވޯލްޑްކަޕްގެ ސިލްވާ ބޫޓު ހާސިލްކޮށް މުބާރާތުގައި އެމެރިކާ ޓީމަށް މުހިއްލު ލަނޑުތަކެއް މޯގަން ވަނީ ކާމިޔާބުކޮށްދީފަ އެވެ. މޯގަން އަކީ 2012 ވަނަ އަހަރުގެ ފިފާ ވިމެންސް ވޯލްޑް ޕްލޭޔަ އޮފްދަޔިއާގެ އެވޯޑްގެ ގަދަ ތިނެއްގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ.

ފީފާ ދަ ބެސްޓް އެވޯޑްގެ ގަދަ ތިނެއްގައި ދެން ހިމެނުނު ލޫސީ ބްރޮންޒް އަކީ ނިމިގެންދިޔަ ވޯލްޑްކަޕްގެ ސިލްވާ ބޯޅަ ހާސިލްކުރި ކުޅުންތެރިއާ އެވެ. ޗެމްޕިއަން އެމެރިކާ އަތުން ކަޓައި ހަތަރުވަނައިގައި އިންގްލަންޑް ނިންމާލިނަމަވެސް ބްރޮންޒް ވަނީ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ކްލަބް ލެވެލްގައި ނިމިގެންދިޔަ ސީޒަންގައި ރަން ވަނަތަކެއް ހާސިލްކުރި ބްރޮންޒް އަށް ދަ ބެސްޓް އެވޯޑު ނުލިބުނު ނަމަވެސް އޭނާ ވަނީ ދާދިފަހުން ބޭއްވި ޔުއެފާ އެވޯޑް ނައިޓްގައި ޔޫރަޕްގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑު ހޯދާފަ އެވެ.