ސްޕެނިޝް ލީގުގައި އޮސަސޫނާގެ މައްޗަށް ކުރިހޯދައި ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނަ އަށް ޖެހިލައިިފި އެވެ.

ލަލީގާ ސަންޓަންޑާގެ ހަވަނަ ރައުންޑްގައި ރޭ ސެންޓިއާގޯ ބާނެބެއުގައި ކުޅުނު މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ. ރޭ ލިބުނު މުހިއްމު ތިން ޕޮއިންޓާއެކު ރެއާލް އަށް އެއްވަނަ ލިބެނީ ހަ މެޗުން ސާދަ ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ތާވަލުގެ އެއްވަނައިގައި އޮތް ގްރަނާޑާ އެޓީމު އެންމެ ފަހުން ކުޅުނު މެޗުން އެއްވަރުވުމުން ތާވަލުގެ ހަތަރުވަނަ އަށް ވަނީ ވެއްޓިފަ އެވެ. ރެއާލް އަށްވުރެ ފަހަތުން ދެވަނައިގައި ތޭރަ ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު ތިންވަނައިގައި އޮތީ ބާރަ ޕޮއިންޓް ލިބިގެން އެތްލެޓިކް ބިލްބާއޯ އެވެ.

ރޭގެ މެޗަށް ޒިދާން ނެރެފައިވަނީ ޒުވާން ޓީމެކެވެ. މުހިއްމު ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު ތިބާއުޓް ކޯޓުއާ އާއި އެޑެން ހަޒާޑްގެ އިތުރުން ކަރިމް ބެންޒެމާވެސް ބެންޗުން ފެނުނު އިރު މެޗުގައި ރެއާލްގެ ފޯވަޑް ލައިން ލީޑު ކުރީ ބްރެޒިލްގެ ޒުވާން ކުޅުންތެރިން ކަމަށްވާ ވިނިޝިއަސް ޖޫނިއާ އާއި ރޯޑްރީގޯގެ އިތުރުން ސާބިއާގެ ލޫކާ ޖޮވިޗް އެވެ.

ރޭގެ މެޗުގައި ރެއާލް އިން އުފެއްދި ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނުނީ ފުރަތަމަ ހާފުގެ އަށާރަ ވަނަ މިނެޓުގަ އެވެ. ޑިފެންޑަރު އަލްވާރޯ އޮޑްރިއޮޒޯލާ އަމިއްލަ ހާފު ތެރެއިން ބޯޅަ ހިފައިގެން ކުރިއަށް ގޮސް ނަގައިދިން ހުރަސް އިދިކޮޅު ކީޕަރު ރުބެން މަތަކުރިއިރު ރީބައުންޑްގައި އައި ބޯޅަ ލިބުނީ ސީދާ ޖޮވިޗް ފަޔަށެވެ. ނަމަވެސް ހުސްކޮށް ހުރި ޖޮވިޗް ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ދަނޑިމަތިން ބޭރަށެވެ.

މެޗުގައި ރެއާލް އިން ލީޑު ނެގީ 36 ވަނަ މިނެޓުގައި ވިނިޝިއަސް ޖެހި ލަނޑުންނެވެ. އޮސަސޫނާގެ އޭރިއާ އަރިމަތީގައި ހުރެ އޭނާ ފޮނުވާލި ބޯޅަ ނާވާސްގެ އަތުގައި ޖެހިފައި ވަނީ ގޯލުގެ ކަނަށެވެ. ވިނިޝިއަސްގެ ލަނޑަށްވުރެ ކުރިން ތަޖުރިބާކާރު މިޑްފީލްޑަރު ޓޯނީ ކްރޫސް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއްނުވެ އޮސަސޫނާގެ ފަހަތުން އެޓީމުގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޖޮވިޗް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި އެވެ. ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގަ އެވެ.

ރެއާލްގެ ދެވަނަ ލަނޑު 72 ވަނަ މިނެޓުގައި މެޗުގައި މޮޅު ކުޅުމެއް ދެއްކި ވިނިޝިއަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ އަށާރަ އަހަރުގެ ފޯވަޑް ރޮޑްރީގޯ އެވެ. އޭނާ ލަނޑު ޖެހީ އޮސަސޫނާ އޭރިއާ އަރިމަތިން ވިނިޝިއަސް ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށްވަދެ އޮސަސޫނާ ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ރޭގެ މެޗުގައި ޒިދާން ޒުވާން ޓީމަކާއެކު ނުކުމެ ތިން ޕޮއިންޓް ހޯދުމުން ލަލީގާގެ ހަތްވަނަ ރައުންޑްގައި ވާދަވެރި އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗަށް ނުކުންނަ އިރު ރެއާލް އަށް ވަރަށް ބޮޑު އިތުބާރެއް ލިބިގެންދާނެ އެވެ. ހަޒާޑްގެ އިތުރުން ބެންޒެމާ އާއި ލޫކާ މޮޑްރިޗް އަށް ވެސް ޒިދާން ރެސްޓް ދީފައިވާއިރު އަންނަ ހޮނިހިރު ދުވަހު ވަންޑާ މެޓްރޮޕޮލިޓާނޯގައި ކުޅޭ މެޗަކީ ލީގުގައި ޒިދާން އަށް މިސީޒަންގައި ކުރިމަތިވާނެ ފުރަތަމަ ވަރުގަދަ އިމްތިހާނެވެ.