މިއަހަރުގެ ޖެނުއަރީ ޓްރާންސްފާގައި މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ މެންޗެސްޓަރ ސިޓީ އަށް ގެންނަން އޭނާގެ އެޖެންޓް މިނޯ ރަޔޯލާ ހުށަހެޅި ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.

ގާޑިޔޯލާ މިކަން ހާމަކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައި އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔައި ރަޔޯލާ ވާހަކަތަކެއް ދައްކާފައިވަނިކޮށެވެ.

ރަޔޯލާގެ ވާހަކަތަކާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ގާޑިޔޯލާ ބުނީ ރަޔޯލާއާ އޭނާ ދުވަހަކު ވެސް ވާހަކަ ނުދައްކާ ކަމަށާއި އޭނާ އަކީ ނުބައި މީހެއްގެ ގޮތުގައި ރަޔޯލާ ސިފަކުރަން ޖެހުނު ސަބަބެއް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށެވެ.

"ރަޔޯލާ އެބުނާ ފަދަ މީހަކަށް އަހަރެން ވާނަމަ، ސުވާލަކީ ކީއްކުރަންހޭ މީގެ ދެ މަސް ދުވަސް ކުރިން އޭނާ އެޖެންޓުކަން ކުރަމުންދާ ދެ ކުޅުންތެރިން ކަމަށްވާ، ޕޮގްބާ އާއި ހެންރިކް މިކިތާރިޔަން ސިޓީ އަށް ގެންނަން އަހަރެންނަށް ހުށަހަޅަންވީ. ރަޔޯލާ އެ ބުނަނީ އަހަންނަކީ ނުބައި މީހެކޭ. އެހެންވީމަ ރަޔޯލާ ޖެހޭނެ އަހަރެންގެ ކިބައިން އެ ކުޅުންތެރިންނަށް ރައްކާތެރިކަން ދޭން" ގާޑިޔޯލާ ބުންޏެވެ.

ޖެނުއަރީ ޓްރާންސްފާގައި ޕޮގްބާ ކްލަބު ބަދަލުކޮށްފައި ނުވާއިރު މިކިތާރިޔަން ވަނީ ޔުނައިޓެޑް ދޫކޮށް އާސެނަލް އަށް ބަދަލުވެފައެވެ.

އިތުރަށް ވާހަކަދައްކަމުން ގާޑިޔޯލާ ބުނީ ޕޮގްބާ ސިޓީ އަށް ގެންނަން ރަޔޯލާ ހުށަހެޅި ހުށަހެޅުމަށް ނޫނެކޭ ބުނި ކަމަށާއި ޕޮގްބާ ގެންނަން ސިޓީގެ އަތުގައި އެކަށީގެންވާ ވަރަށް ފައިސާ އެއް ނެތް ކަމަށެވެ.

"އަހަރުމެން އަތުގަ ނެތް ޕޮގްބާ ގެންނަން އެކަށީގެންވާ ފައިސާ އެއް. އޭނާގެ އަގު މާ ބޮޑު" ގާޑިޔޯލާ ބުންޏެވެ.

ގާޑިޔޯލާގެ މި ވާހަކަތަކާ ގުޅިގެން "ބީބީސީ" އަށް ދިން އިންޓަވިއުއެއްގައި ރަޔޯލާ ވަނީ ގާޑިޔޯލާއާ އޭނާ ވާހަކަ ނުދައްކާ ކަމަށް ބުނެފައެވެ. ނަމަވެސް އޭނާ އެޖެންޓުކަން ކުރަމުންދާ ކުޅުންތެރިއެއް ސިޓީ އަށް ގެންނަން ހުށަހެޅި ވާހަކަ ރަޔޯލާ ދޮގުކޮށްފައެއް ނުވެއެވެ.

"އަހަރެން ގާޑިޔޯލާއާ ވާހަކައެއް ނުދައްކަން. ކުޅުންތެރިންގެ ކަންކަމުގަ އަހަރެން އޭނާއާ ވާހަކަ ނުވެސް ދައްކާނަން. އެކަމަކު ސިޓީއާ އަހަރެން ވާހަކަ ދައްކާނަން. ސިޓީ އަކީ މޮޅު ކްލަބެއް. އަދި އެ ކްލަބުގައި އެހުރީ ވެސް މޮޅު ކޯޗެއް" ރަޔޯލާ ބުންޏެވެ.

ގާޑިޔޯލާ މި ވާހަކަ މީޑިޔާއާ ހިއްސާކޮށްފައިވާއިރު ޕްރިމިއަރ ލީގުގައި މިރޭ ސިޓީ އިން ނިކުންނާނީ ޕޮގްބާ ކުޅެމުން އަންނަ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށްކަން ފާހަގަކޮށްލެވެއެވެ. މި މެޗުން މޮޅުވެއްޖެނަމަ ސިޓީ އަށް ޕްރިމިއަރ ލީގު ލިބޭނެއެވެ.