ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ގްރީން ސްޓްރީޓް އާއި ދެކޮޅަށް ކުޅޭ މެޗަކީ އުނދަގޫ މެޗަކަށް ވާނެކަމަށާއި ނަމަވެސް ކުޅުންތެރިން ހިތްވަރުކޮށްފިނަމަ ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަށް ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ފުރަތަަމަ މެޗުގައި މިރޭ ގްރީން ސްޓްރީޓް އާއި ދެކޮޅަށް އީގަލްސް ނުކުންނައިރު އެޓީމު ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ވަނީ އެއްވަރުވެފައެވެ. ޔުނައިޓެޑު ވިކްޓްރީ އާއި ދެކޮޅަށް 4-4 އިން އެއްވަރުވުމަށްފަހު ފުރަތަމަ ބުރުގެ ފަހު މެޗުގައި ދަ ގްރާންޑޭ އަތުން ވެސް އީގަލްސް ފަރުޖައްސާލަން ޖެހުނީ ޕޮއިންޓަކުންނެވެ.

އީގަލްސް މިވަގުތު އޮތީ 14 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގައެވެ. އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ދަ ގްރާންޑޭ ހަތަރު ވަނައިގައި އޮތްއިރު ގްރީން ސްޓްރީޓް އޮތީ މާޒިޔާ އަށްވުރެ ފަސް ޕޮއިންޓް ފަހަތުން ދެވަނަ މަގާމުގަ އެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ގްރީން އަކީ ލީގުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި އެޓިމާއި ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެން އެއްވެސް ހާލެއްގައި ފަސޭހައެއް ނުވާނެ ކަމަށެވެ. އަދި ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ މުހިއްމު ކުޅުންތެރިންތަކެއް ނުލާ މި މެޗަށް ނުކުންނަން ޖެހުމަކީ އެޓީމަށް ދިމާވި ވަރަށް ބޮޑު ޗެލެންޖެެއް ކަމަށާއި މެޗުން ރަނގަޅު ނަތީޖާއެއް ބޭނުންނަމަ ހުރިހާ ކުޅުންތެރިންވެސް މެޗު ފެށިގެން ނިމެންދެން ވަރަށް ހިތްވަރާއެކު މަސަތްކަތްކުރަން ޖެހޭ ކަމަށެވެ.

މޯހަން ބުނީ ގްރީން ސްޓްރީޓްސް ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް އީގަލްސްގެ އެންމެ ވަރުގަދަ އެގާރަ ނުނެރެވޭތީ ކަންބޮޑުވާ ކަމަށެވެ. ނަމަވެސް މިރޭގެ މެޗުގައި ޒުވާން ކުޅުންތެރިނަށް ކުޅެލަން ފުރުސަތު ދެވޭތީ ހިތްހަމަޖެހޭކަމަށާއި މި މެޗަކީ ޒުވާން ކުޅުންތެރިންނަށް އެކުޅުންތެރިންގެ ހުނަރު ދައްކާލައި ބޮޑު މެޗެއްގެ ތަޖުރިބާ ހޯދަން ލިބޭނެ ފުރުސަތަކަށް ވެގެންދާނެކަމަށެވެ.

" ގްރީން އަކީ ލީގުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު. މި މެޗަށް ނުކުންނަ އިރު މުހިއްމު ކުޅުންތެރިން ލިބެން ނެތުމަކީ ގްރީންއާއި ދެކޮޅަށް ނުކުންނަ އިރު ކުރިމަތިވާނެ ބޮޑު ޗެލެންޖެއް. އެމީހުންގެ ބަދަލުގައި ޒުވާން ކުޅުންތެރިން އަރުވައިގެން ކުޅެން ޖެހޭނީ. އެއީ ދެން އެއްގޮތަކުން ޕޮޒިޓިވްކަމެއް. ޒުވާން ކުޅުންތެރިންގެ ފަރާތުން ރަނގަޅު ޕާފޯމެންސެއް ފެންނާނެކަމުގެ އިތުބާރު އެބައޮތް. މެޗު ތެރެއިން ލިބޭ ފުރުސަތުގެ ބޭނުންހިފައި ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެންނަން އެބަޖެހޭ. " މޯހަން ބުންޏެވެ.

ސަސްޕެންޝަނުގެ ސަބަބުން އީގަލްސްގެ ގޯލް ކީޕަރު ސުޖަން ޕެރޭރާއާއި ޑިފެންޑަރު ހައިޝަމް ހަސަންއަށް މި މެޗުގައި ނުކުޅެވޭއިރު މި މަހުގެ ކުރީކޮޅު ގައުމީ ޓީމަށް ކުޅެނިކޮށް އަނިޔާވި އަހުމަދު ނޫމާން (ހެލްމެޓް) އަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ދުވަހެއް އަދިވެސް ބުނަން ނޭނގޭ ކަމަށް މޯހަން ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:00ގަ އެވެ.