ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

މިރޭ ގަލޮޅު ދަނޑުގައި ދިވެހި ލީގުގެ ދެވަނަ ބުރުގައި އީގަލްސް އާއި ގްރީން ސްޓްރީޓް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެޓީމު ހަމަހަމަވެގެންނެވެ. މި ނަތީޖާއާއެކު ގްރީން ސްޓްރީޓް ވަނީ އަލުން އެނބުރި ތާވަލުގެ ދެވަނަ އަށް ޖެހިލާފަ އެވެ. ގްރީން އަށް ނުވަ މެޗުން ސޯޅަ ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ޓީސީން ވަނީ މިއަދު ހަވީރު އެޓީމު ކުޅުނު މެޗުގައި ވިކްޓްރީ އާއި ވާދަކޮށް މޮޅުވެ ސޯޅަ ޕޮއިންޓް ހަމަކޮށްފަ އެވެ. ގްރީން އަށް ކުރިލިބެނީ ފައިދާ ލަނޑުންނެވެ.

ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކްލަބް އީގަލްސް އޮތީ ފަނަރަ ޕޮއިންޓް ހަމަކޮށްގެން ތާވަލުގެ ހަތަރުވަނަ މަގާމުގަ އެވެ. ތޭރަ ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ދަ ގްރާންޑޭއަށް ލިބޭއިރު ނުވަ ޕޮއިންޓް ލިބިގެން ހަވަނަ ލިބެނީ ފޯކައިދޫ ސްޕޯޓްސް ކްލަބަށެވެ. ހަތް ޕޮއިންޓާއެކު ޔޫވީ ހަތްވަނައިގައި އޮތްއިރު ފުރަތަމަ ބުރުގެ ފަހު ދެ މެޗު ކާމިޔާބުކޮށްގެން ހޯދި ހަ ޕޮއިންޓާއެކު ނިލަންދޫ ފުޓްބޯޅަ ކްލަބް އަށްވަނައިގައި އޮތްއިރު ފުލުގައި އޮތް ވިކްޓްރީ ވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެފަ އެވެ.

މިރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ގްރީން ސްޓްރީޓުންނެވެ. އެގޮތުން ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިއާ މުހައްމަދު ސަލާހު އިމާމް އަލް ސާދާނީ އެވެ. އޭނާ ލަނޑު ޖެހީ އީގަލްސްގެ އޭރިއާ ބޭރުން ގްރީންގެ ކުޅުންތެރިއަކު ދިން ބޯޅަ ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ.

ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަނިޔާގެ ސަބަބުން މުހިއްމު ކުޅުންތެރިންތަކެއް ނުލައި ނުކުތް އީގަލްސް އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ 60 ވަނަ މިނެޓުގައި ފޯވަޑް އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ ލަނޑު ކާމިޔާބުކުރީ އިދިކޮޅު ޓީމުގެ ހާފުގެ އަރިމަތިން އީގަލްސް އިން އުފެއްދި ހަމަލާއެއްގައި އެޓީމުގެ ކުޅުންތެރިއަކު ސެންޓޭ އަށް ޖައްސާލުމުން އޭރިއާ ތެރެއަށްވަދެ ގޯލުގެ ކަނަށް ތިރިތިރިން ބޯޅަ ފޮނުވާލައިގެންނެވެ.

މިރޭގެ މެޗުގައި ދެޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ލަނޑު ޖަހަން އެހާ ގިނަ ފުރުސަތުތަކެއް ދެޓީމުންކުރެ އެއްޓީމަކަށްވެސް ނުލިބެ އެވެ. ދެވަނަ ހާފުގެ ފަހު ފަނަރަ މިނެޓު ތެރޭގައި ލިބުނު ހިލޭ ޖެހުމެއްގައި ސެންޓޭ ގްރީންގެ އޭރިއާ އަރިމަތިން ފޮޮނުވާލި ބޯޅަ ގްރީންގެ ކީޕަރު މަތަކުރިއިރު ފުރަތަމަ ހާފުގައި ރިޒޭ ފޮނުވާލި ހަމަލާއެއްވެސް ގްރީންގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.