ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޑްރިޑް ޑާބީ 0-0 އިން ދެޓީމު އެއްވަރުވެގެން ނިމިއްޖެ އެވެ.

އެތުލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު ރޭގެ މެޗުގައި ރެއާލާއި އެތުލެޓިކޯ އަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފަ އެވެ. އެ ގޮތުން އެތުލެޓިކޯގެ ޑިއޭގޯ ކޮސްޓާ އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނުއިރު، ރެއާލުގެ ގެރެތު ބޭލް މުޅިން ހުސްކޮށް ކަހަލަ ގޮތަކަށް ހުރެފައި ޖެހި ބޯޅަ ވެސް ގޯލާ ސީދާނުވި އެވެ. މެޗުގައި ލީޑު ނަގަން އެންމެ ހުސް ފުރުސަތެއް ލިބުނީ ކަރިމް ބެންޒެމާ އަށެވެ. އެތްލެޓިކޯގެ އޭރިއާ ތެރެއިން ބެންޒެމާ ޖެހި ބޯޅަ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ.

ޖުމްލަކޮށް ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގައި ޑިފެންޑަރުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ހާއްސަގޮތެއްގައި ރެއާލްގެ ހަމަލާތައް ހުއްޓުވުމުގައި އެތްލެޓިކޯގެ ޑިފެންސް ލައިނުން ދެއްކި ހިތްވަރު ފާހަގަކޮށްލެވެ އެވެ.

ރެއާލް އަށް ދެން ކުރިއަށްއޮތީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުލަބް ބްރަޖްއާ އާއި ވާދަކުރާ މެޗެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޕީއެސްޖީ އަތުން ބޮޑު ތަފާތަކުން ބަލިވެފައި އޮތުމުން މި މެޗަކީ ކާމިޔާބުކުރުން ރެއާލް އަށް ވަރަށް މުހިއްމު ވާނެ އެވެ. އެތްލެޓިކޯ މެޑްރިޑް ނުކުންނާނީ ލޮކޮމޯޓިވް މޮސްކޯ އާއި ދެކޮޅަށެެވެ.

މެޑްރިޑް ޑާބީ އެއްވަރު ވުމުން އެންމެ ބޮޑު ފައިދާ އެއް ލިބުނީ ވާދަވެރި ބާސެލޯނާ އަށެވެ. އަނިޔާގެ ސަބަބުން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ނުލައި އެ ޓީމުން ކުޅުނުއިރު މި މެޗުގައި ބާސާ އަށް ލީޑު ލިބުނީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ފޯވަޑް ލުއިސް ސުއަރޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގައި ބާސާ އިން ޖެހި ދެވަނަ ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖޫނިއާ ފާޕޯ އެވެ.

މިއީ މި އަހަރުގެ އޭޕްރީލް މަހަށް ފަހު ބާސެލޯނާ އިން ލީގުގައި ރަށުން ބޭރުގައި ހޯދި ފުރަތަމަ މޮޅުކަން ފާހަގަކޮށްލެވެ އެވެ.

ރޭގެ ނަތީޖާތަކަށް ފަހު ރެއާލް އެއް ވަނައިގައި އޮތީ ހަތް މެޗުން 15 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތީ ރޭ ލެގަނޭސް އަތުން 1-0 އިން މޮޅުވެ، ހަތް މެޗުން 14 ޕޮއިންޓް ހަމަކުރި ގްރަނާޑާ އެވެ. އެތުލެޓިކޯ އަށް ވެސް ހަތް މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ތިން ވަނައިގަ އެވެ. ހަތަރު ވަނައިގައި ބާސެލޯނާ އޮތީ ހަތް މެޗުން 13 ޕޮއިންޓާ އެކު އެވެ.