ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ފޯކައިދޫ ކުޅޭ ފުރަތަމަ މެޗުގައި ނިލަންދޫ އަތުން ނަތީޖާ ނެރެން ފަސޭހަނުވާނެކަމަށް ފޯކައިދޫ ޓީމުގެ ކޯޗު އަލީ ނިޝްތާރު ބުނެފިއެވެ.

ދިވެހި ލީގުގައި ނިލަންދޫ އާއި ފޯކައިދޫ ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޯޗު އަލީ ނިސްތާރު ބުނީ ނިލަންދޫ އިން މިހާތަނަށް ފޯކައިދޫ ޓީމަށް ދެ ފަހަރު ލަނޑު ދީފައިވާ ކަމަށާއި، ތިންވަނަ ފަހަރަށް އެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި ނިލަންދޫ ޓީމަކީ ބަލި ޓީމެއް ކަމަށް ބަލައިގެން ހަމަޖެހިލެވެން ނެތް ކަމަށާއި އެންމެ ފަހުން ޕްރިމިއަރ ލީގުގައި ނިލަންދުއާއި ދެކޮޅަށް ކުޅުނު ދެ މެޗުގައިވެސް އެޓީމު އަތުން ބަލިވެފައިވުމުން މިރޭ ފޯކައިދޫން ނުކުންނާނީ މެޗުން ތިން ޕޮއިންޓް ހޯދުމުގެ އަޒުމުގައި ކަމަށެެވެ.

"އަންޑަރއެސްޓިމޭޓް ކުރެވޭ ވަރުގެ ބައެއް ނޫން ނިލަންދުއަކީ. އެއަށްވުރެ އެޓީމު މޮޅު. އަހަރެމެން ނުކުންނަން ޖެހެނީ ސީރިއަސްވެގެން މޮޅުވުމުގެ ރޫހުގައި. ޖެހިޖެހިގެން ދެ ފަހަރު ނިލަންދޫ އިން އަހަރެމެންނަށް ލަނޑު ދީފި. މިދިޔަ އަހަރުގައި ލީގުގެ ފަހު މެޗުގައި 0-5 އިން ދެން އެއަށް ފަހު އަނެއްކާ އިހަކަށްދުވަހު އެ ބަލިކުރީ. ތިންވަނަ މެޗުގައި ބަލިކުރަން ފުރުސަތު ނުދޭނަން. ބަދަލު ހިފަން މިރޭ އަހަރެމެން ނުކުންނާނީ، " ނިޝްތާރު ބުންޏެވެ.

މިދިޔަ ސީޒަނުގައި ނިލަންދޫން 5-0 އިން ފޯކައިދޫ ބަލިކުރިއިރު އެ މެޗުގައި ނިލަންދޫ އިން ޖެހު ހުރިހާ ލަނޑެއްވެސް ޖަހާފައިވަނީ ފުރަތަމަ 20 މިނެޓު ތެރޭގަ އެވެ. މިފަހަރުގެ ސީޒަނުގެ ކުރީކޮޅު ނިލަންދޫ ޓީމު އާދައިގެ ގޮތަކަށް ފެނުނު ނަމަވެސް، އެޓީމުން ފުރަތަމަ ބުރު ނިންމާލީ ވަރުގަދަކޮށެވެ. އެގޮތުން ނިލަންދޫން މި ސީޒަނުގެ ފުރަތަމަ މޮޅު ފޯކައިދޫގެ މައްޗަށް ހޯދިއިރު ފުރަތަމަ ބުރުގެ ފަހު މެޗުގައި އެޓީމުން ވަނީ ވިކްޓްރީ ބަލިކޮށްފަ އެވެ.

ނިޝްތާރު އިތުރަށް ބުނީ ލީގުގައި ވާދަކުރާ ގިނަ ޓީމުތަކެއްހެން ފޯކައިދޫ ޓީމުވެސް އޮތީ މާލީ ގޮތުން އަނދަވަޅެއްގެ ތެރޭގައި ކަމަށާއި ޓީމުގެ މާލީ ހާލަތު އިތުރަށް ރަނގަޅު ނުކޮށް ލީގުގައި ކުރިއަށްދާން ވަރަށް އުނދަގޫވާނެ ކަމަށެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ފ.ނިލަންދޫ ޓީމުގެ ކޯޗު އަޙުމަދު މުޖުތަބާ (ފެސްކޯ) ބުނީ، ފޯކައިދޫއާއި އެންމެ ފަހުން ކުޅުނު މެޗުގައިވެސް އެޓީމު އަތުން ތިން ޕޮއިންޓް ހޯދި ގޮތަށް މި މެޗަށްވެސް ނުކުންނާނީ ތިން ޕޮއިންޓް ހޯދަންކަމަށެވެ. ފެސްކޯ ބުނީ ފޯކައިދޫ އަކީ ނިލަންދޫ އާއި ވާދަކުރެވޭ ފެންވަރުގެ ޓީމެއްކަމަށާއި މިރޭގެ މެޗުން ނަތީޖާ ނެރެވޭނީ ނިލަންދޫ ޓީމުންވެސް އެންމެ ފަހުވަގުތާއި ޖެހެންދެން ހިތްވަރު ކޮށްގެން ކަމަށެވެ.

ލީގުގައި ނިލަންދޫ އާއި ފޯކައިދޫންވެސް މިހާތަނަށް 8 މެޗު ކުޅެފައިވާއިރު، ދެޓީމުގެ ދެމެދު އޮތީ 3 ޕޮއިންޓުގެ ފަރަގެކެވެ. 9 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައި ފޯކައިދޫ އޮތްއިރު، ނިލަންދޫ އޮތީ އަށްވަނައިގައި 6 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި 20 ޕޮއިންޓާއެކު މާޒިޔާ އޮތް އިރު ދެވަނައިގައި 16 ޕޮއިންޓާއެކު އޮތީ ކްލަބް ގްރީން ސްޓްރީޓްސްއެވެ. އަދި ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ތިން ވަނައިގައި އޮތީ ޓީސީއެވެ. ގްރީންއަށް ދެވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ދިވެހި ޕްރިމިއާ ލީގުގައި ނިލަންދޫ އާއި ފޯކައިދޫ މިރޭ ބައްދަލުކުރާ މެޗު ފަށާނީ 21:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޮނިބެ

    ފޮނިކެނޑުން ނޫންކަމެއް ކަލޭމެނގެ އޮވޭތަ. އެހެންވީމަ ކު ރިން 2 ފަހަ ރު ފު ރުސަތު ދިނީތާ ދޯ