ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް ކުރިހޯދައި މާޒިޔާ ސްޕޯޓްސް އިން ލީގު ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ދިވެހި ލީގުގެ ދެވަނަ ބުރުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި މާޒިޔާ އާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރި މެޗު މާޒިޔާ ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު މާޒިޔާ އަށް ނުވަ މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު ތާވަލުގެ ދެވަނައިގައި އޮތް ގްރީން ސްޓްރީޓަށް ލިބިފައިވަނީ ނުވަ މެޗުން ސޯޅަ ޕޮއިންޓެވެ. ތާވަލުގެ އެންމެ ކުރީގައި މާޒިޔާ ދަމަހައްޓަމުން އައި ފަސް ޕޮއިންޓްގެ ލީޑު ބޮޑުވެގެންދިޔައީ ގްރީން ސްޓްރީޓް އެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި އީގަލްސް އާއި ވާދަކޮށް އެއްވަރުވުމުންނެވެ.

ތިންވަނަ މަގާމުގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށްވެސް ސޯޅަ ޕޮއިންޓް ލިބިފައިވާއިރު ކްލަބް އީގަލްސް އޮތީ ފަނަރަ ޕޮއިންޓް ހަމަކޮށްގެން ތާވަލުގެ ހަތަރުވަނަ މަގާމުގަ އެވެ. ތޭރަ ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ދަ ގްރާންޑޭއަށް ލިބޭއިރު ނުވަ ޕޮއިންޓް ލިބިގެން ހަވަނަ ލިބެނީ ފޯކައިދޫ ސްޕޯޓްސް ކްލަބަށެވެ. ހަތް ޕޮއިންޓާއެކު ޔޫވީ ހަތްވަނައިގައި އޮތްއިރު ފުރަތަމަ ބުރުގެ ފަހު ދެ މެޗު ކާމިޔާބުކޮށްގެން ހޯދި ހަ ޕޮއިންޓާއެކު ނިލަންދޫ ފުޓްބޯޅަ ކްލަބް އަށްވަނައިގައި އޮތްއިރު ފުލުގައި އޮތް ވިކްޓްރީ ވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެފަ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ އާއި މާޒިޔާ ސްޕޯޓްސް ބައްދަލު ކުރި މެޗް - ވަގުތު އިމޭޖެސް: މުހައްމަދު ހައްޔާން

މިއަދުގެ މެޗުގައި މާޒިޔާ އިން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހަ މިނެޓު ތެރޭގަ އެވެ. އެޓީމުން ކާމިޔާބުކުރި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޒުވާން ފޯވަޑް ނާއިޒް ހަސަން އެވެ. ނާއިޒްގެ ފުރަތަމަ ލަނޑު މެޗުގެ ހަތަރު ވަނަ މިނެޓުގައި ޔޫވީގެ އޭރިއާ ބޭރުގައި ހުރެ އިދިކޮޅު ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެން ކާމިޔާބުކޮށްދިންއިރު އޭގެ ދެ މިނެޓު ފަހުން މާޒިޔާ އަށް ލީޑު ފުޅާކޮށްދިން ލަނޑު އޭނާ ޖަހައިދިނީ ޔޫވީ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މާޒިޔާގެ ކުޅުންތެރިއަކު ޖައްސާލި ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ އާއި މާޒިޔާ ސްޕޯޓްސް ބައްދަލު ކުރި މެޗް - ވަގުތު އިމޭޖެސް: މުހައްމަދު ހައްޔާން

ދިވެހި ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިލަންދޫ ފުޓްބޯޅަ ކްލަބާއި ފޯކައިދޫ ފުޓްބޯޅަ ކްލަބެވެ. މިދެޓީމު އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައިވަނީ ނިލަންދޫ އިންނެވެ. ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗު ނިލަންދޫ ކާމިޔާބުކުރީ ފަހު ވަގުތު ލަނޑު ޖަހައި 3-2 ގެ ނަތީޖާއަކުންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ އާއި މާޒިޔާ ސްޕޯޓްސް ބައްދަލު ކުރި މެޗް - ވަގުތު އިމޭޖެސް: މުހައްމަދު ހައްޔާން

މިރޭގެ މެޗާއި ކުރިމަތިލާއިރު ފޯކައިދޫގެ ކޯޗު އަލީ ނިޝްތާރުގެ އަމާޒު ހުރީ ސީދާ ތިން ޕޮއިންޓަށެވެ. މެޗައްވުރެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބުނީ ނިލަންދޫ އަތުން ދެފަހަރަށް ލަނޑު ލިބިފައިއޮތުމުން މިރޭ ނުކުންނާނީ ބަދަލު ހިފައި ސީދާ މޮޅެއް ހޯދުމަށް ކަމަށެވެ. މިދެޓީމު ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:00ގަ އެވެ.