ދިވެހި ޕްރިމިއާ ލީގްގައި މިރޭ ފޯކައިދޫ އާއި ނިލަންދޫ ބައްދަލުކުރި މެޗް ނިމުމާއި އެކު މާރާމާރީ ހިންގައިފިއެވެ.

ދަނޑުގައި ތިބި "ވަގުތު" ގެ ނޫސްވެރިން މައުލޫމާތު ދިން ގޮތުގައި މާރާމާރީ ހިނގަން މެދުވެރިވީ މެޗު ނިމުނުތަނާހެން ނިލަންދޫ ޓީމްގެ ކޯޗާއި ދިމާއަށް ފޯކައިދޫ ޓީމްގެ ކުޅުންތެރިޔަކު ހުތުރު ބަހެއް ބުނުމުންނެވެ. ދެ ހާފުގައިވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ 93 ވަނަ މިނެޓުގައި ފޯކައިދޫ ޓީމުގެ މުހައްމަދު ޖައިލަމް އާއި ނިލަންދޫ ޓީމުގެ އަހުމަދު ސާޖިދު އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. މިރޭގެ މެޗަށްފަހު ދެޓީމުގެ ކޯޗުންނާއި، ކުޅުންތެރިންގެ ދެމެދުގައި މާރާމާރީ ހިންގަން ފެށުމުން ފުލުހުންނާއި އޮފިޝަލުން ވަނީ ދަނޑައަށް އަރާ ހަމަނުޖެހުން ހުއްޓުވާފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗު ނިމުނީ 2-1 ގެ ނަތީޖާއަކުން ފޯކައިދޫ މޮޅުވެގެންނެވެ. ލީގުގައި މިދެޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުވެސް ނިލަންދޫ އިން ކާމިޔާބުކޮށްފައިވުމުން ފޯކައިދޫ އިން މިރޭގެ މެޗާއި ކުރިމަތިލާނީ ސީދާ ތިން ޕޮއިންޓް ހޯދަން ކަމަށް އެޓީމުގެ ކޯޗު އަލީ ނިޝްތާރު ވަނީ މެޗުގެ ކުރިން ބުނެފަ އެވެ. މިރޭގެ މެޗު ފޯކައިދޫން ފެށީވެސް ވަރުގަދަ ކޮށެވެ. ފުރަތަމަ ފަނަރަ މިނެޓު ތެރޭގައި އެޓީމުން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުނުއިރު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސް އެޓީމުންނެވެ. އެގޮތުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި މިޑްފީލްޑަރު ޚަލީލް ގަމާލް އެވެ. އޭނާ ލަނޑު ޖެހީ ފޯކައިދޫ ކުޅުންތެރިއަކު ގޯލަށް ފޮނުވާލި ބޯޅަ ނިލަންދޫގެ ކުޅުންތެރިއަކު ސާފުކޮށްލުމުން ރީބައުންޑްގައި ލިބުނު ބޯޅަ ބޮލުން ގޯލު ތެރެއަށް ފޮނުވާލައިިގެންނެވެ.

ފޯކައިދޫން ލީޑުގައި އޮވެ ފުރަތަމަ ހާފު ނިމެމުން ދަނިކޮށް 45 ވަނަ މިނެޓުގައި ކިންގްސްލީ ޗަކްވޫޑީ ވަނީ ލަނޑެއް ޖަހައި ނިލަންދޫ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ފޯކައިދޫގެ އޭރިއާ ބޭރުން ނިލަންދޫ އަށް ލިބުނު ހިލޭ ޖެހުމުގައި އެޓީމުގެ ކުޅުންތެރިއަކު ޖައްސާލި ބޯޅަ އެއްގައި ކިންގްސްލީ ލަނޑު ޖެހީ ކީޕަރު ކައިރިން ނައްޓާލުމަށްފަހު އެވެ. ފުރަތަަމަ ހާފު ދެޓީމު އެއްވަރުވެގެން ނިމުނުއިރު މިހާފުގައި ފޯކައިދޫ އަށް ވަނީ އިތުރު ލަނޑުތަކެއް ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބިފަ އެވެ. އެގޮތުން އެޓީމުގެ މުސްތަފާ މުހައްމަދު ފޮނުވާލި ހިލޭ ޖެހުމެއް ނިލަންދޫގެ ގޯލުގެ ދަނޑިއަށް އަމާޒުވި އިރު ޚަލީލް ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލި ބޯޅަ އިދިކޮޅު ކީޕަރު ވަނީ މަތަކޮށްފަ އެވެ.

ފޯކައިދޫން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ މެޗު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް މުސްތަފާ މުހައްމަދު ޖެހި ލަނޑުންނެވެ. އޭނާ ލަނޑު ކާމިޔާބުކުރީ އެޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. އޭރިއާ ތެރެއިން ފޯވާޑް މުސްތަފާ އަށް ނިލަންދޫ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ މުސްތަފާ ވަނީ ކާމިޔާބުކުރީ ފަސޭހަކަމާއެކު އެވެ.

މި ނަތީޖާއާއެކު ފޯކައިދޫ އަށް ނުވަ މެޗުން ބާރަ ޕޮއިންޓް ލިބިފައިވާއިރު އެޓީމު އޮތީ ދިވެހި ލީގު ތާވަލުގެ ފަސްވަނަ މަގާމުގަ އެވެ. ނުވަ މެޗުން ހަ ޕޮއިންޓް ހޯދައިގެން ނިލަންދޫ އޮތީ ތާވަލުގެ އަށްވަނަ މަގާމުގަ އެވެ. ތާވަލުގެ އެންމެ ކުރީގައި އޮތް މާޒިޔާ އަށް ނުވަ މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ގްރީން ސްޓްރީޓަށް ލިބިފައިވަނީ ނުވަ މެޗުން ސޯޅަ ޕޮއިންޓެވެ.

ތިންވަނަ މަގާމުގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށްވެސް ސޯޅަ ޕޮއިންޓް ލިބިފައިވާއިރު ކްލަބް އީގަލްސް އޮތީ ފަނަރަ ޕޮއިންޓް ހަމަކޮށްގެން ތާވަލުގެ ހަތަރުވަނަ މަގާމުގަ އެވެ. ތޭރަ ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ދަ ގްރާންޑޭއަށް ލިބޭއިރު ފުލުގައި އޮތް ވިކްޓްރީ ވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަހުމަދު

    ސޮކޯ ކިހާވަރެއް

  2. ހުސޭނުބޭ

    ކޮންމެވެސް ގޮތެއް ހަދައިގެން ދިވެހި ލީގުގެ ފޯރި އެބަޖެހޭ ގަދަކުރަން! ޔިގޮތް ގޯހެއްނޫން! ކޮންމެވެސް ފޯރިއެއް އެބަ އަރައެއްނު!

  3. ާަޕޮގުބާ

    އަށްޗީޑި ބޯހަލާކު

  4. ދަންސޫރަ

    ފޯރިގަދަވަނީ ތެޅީމަތަ؟