އެމްއެމްޕީއާރުސީއާއި ޓީއެފްޖީ އަދި ކެނެޑާގެ ދުވުންތެރިއާ މައިކަލް ކެޕްރަލް ގުޅިގެން ރާއްޖޭގައި އިތުރު ދެ ދުނިޔޭގެ ރިކޯޑެއް ހަދަން ތައްޔާރުވެއްޖެއެވެ.

ކެނެޑާގެ ދުވުންތެރިއެއް ކަމަށްވާ މިކަލް ކެޕްރަލް އާއި ގުޅިގެން އެމްއެމްޕީއާރުސީއާއި ޓީއެފްޖީ އިން ކުރިއަށްގެންދާ ދެ ރިކޯޑް ގެ ތެރެއިން ފުރަތަމަ ރިކޯޑް ހެދުން އޮންނަނީ އޮކްޓާބަރ 5 ވަނަ ދުވަހު އައްޑޫގައެވެ. އަދި ދެވަނަ ރިކޯޑް ހަދުން އޮންނާނީ އޮކްޓޯބަރ 11 ވަނަ ދުވަހުއެވެ.

އައްޑޫގައި ހެދުމަށް ހަމަޖެހިފައިވާ ރެކޯޑަކީ ހަތަރު ބޯޅަ ޖަގްލްކުރަމުން 10 ކިލޯމީޓަރަށް ދުވުމުގެ ރެކޯޑެވެ. މިއީ ދުނިޔޭގައި މުޅިން އަލަށް ހަދާ ރެކޯޑަކަށް ވާ އިރު މި ރޭހުގައި ކެޕްރަލް ހަތަރު ބޯޅަ ޖަގަލް ކުރަމުން ދުވާނީ އެ ދުވަހު އައްޑޫގައި އޮންނަ ޓީއެފްޖީ އައްޑޫ ރަންގެ ދުވުންތެރިންނާ އެކުގައެވެ. އަދި އޭނާ އެ ރޭހުގައި ދުވަމުންދާ އިރު ބޯޅަ ވެއްޓިއްޖެނަމަ ބޯޅަ ވެއްޓުނު ހިސާބަށް އައިސް ދުވަން ފަށާނެ ކަމަށް ވަނީ ބުނެފައެވެ.

މިއަދު އެމްއެމްޕީއާރްސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - އިބްރާހިމް ޝާބިލް

އަންނަ މަހުގެ 11 ވަނަ ދުވަހު ހެދުމަށް ހަމަޖެހިފައިވާ ދެވަނަ ރެކޯޑަކީ އެއް ގަޑިއިރު ވަންދެން ހުއްޓާ ނުލައި ތިން ބޯޅަ އުކަމުން ސިޑިން އެރުމުގެ ރެކޯޑެވެ. އެ ރެކޯޑް ހެދުމަށް ނިންމާފައި ވަނީ މާލޭ ސަލްޓަން ޕާކުގަ އެވެ. މި ރެކޯޑްވެސް ކެޕްރަލް ހަދާ އިރު އޭނާ އެ ރެކޯޑް ހަދާނީ ހުއްޓާ ނުލައި ސަލްޓަން ޕާކުގައި އޮންނަ ސިޑި މަތީ ބޯޅަ އުކަމުން ސިޑިން އަރައި ފައިބަމުންނެވެ. އެގޮތުން ގައިގަނޑަކަށް 3،000 ފިޔަވަޅު ގަޑިއިރެއްގެ ތެރޭގައި ނެގޭނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

މިއަދު އެމްއެމްޕީއާރުސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވިދާޅުވީ، މިކަމުގެ ސަބަބުން ކެނެޑާއިން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި، މިހާރު ކެނެޑާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ ޕަސެންޓޭޖަކީ 0.7 ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި މި ރިކޯޑް ރާއްޖޭގައި ހެދުމުން މުޅި ދުނިޔޭގެ ސަމާލުކަމަށް ރާއްޖެ އަންނާނެ ކަންވެސް ތޮއްޔިބު ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފައިސާ ފައިސާ

    އެފަކީރު ލައްވާ މޮޔަ ހައްދުވަނީދޯ.

  2. ޖަގްލިންގ

    ޖަގްލް ކުރުމަށް ކިޔާ ދިވެހި ބަހެއް ނޯވޭތަ؟

  3. އަހްމަދު

    އަޅުގަނޑަށް ހީވަނީ 4 ބޯޅައިގެ އިތުރަށް އިތުރު އެހެން 2 ބޯޅައެއް ޖަގްލް ވަމުންދާނެހެން ވީމާ ޖުމްލާ 6 ބޯޅަ

  4. އިތުރު

    އިތުރު ދެ ދުނިޔޭގެ ރިކޯޑެއް ވާވާ