އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

އޯލްޑް ޓްރަފޯޑްގައި ކުޅުނު މެޗު 1-1 އިން ދެޓީމު ހަމަހަމަވެގެން ނިމުނުއިރު ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެންކައިރިވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްކޮޓްލެންޑްގެ ގައުމީ ޓީމްގެ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ އެވެ. މިއީ އޯލްޑް ޓްރެފޯޑްގައި އުމުރުން 22 އަހަރުގެ މެކްޓޮމީނޭ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ފުރަތަމަ ހާފްގައި ޔުނައިޓެޑުން ލަނޑެއް ޖަހައި ކުރި ހޯދި ނަމަވެސް ދެވަނަ ހާފް ފަށައިގެން 13 ވަނަ މިނެޓުގެ ތެރޭގައި އާސެނަލުން ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޕިއެރޭ އެމެރިކް އައުބަމެޔަންގް އެވެ. ޔުނައިޓެޑްގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އާސެނަލްގެ ޒުވާން ކުޅުންތެރިއާ ބުކަޔޯ ސާކާ އައުބަމެޔަންގް އަށް ޖައްސާލި ބޯޅަ އޭނާ ގޯލުގެ ތެރެއަށް ފޮނުވާލިއިރު ފުރަތަމަ ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. ނަމަވެސް ވީއޭއަރު ބެލުމަށްފަހު ރެފްރީ ވަނީ އައުބަމެޔަންގް ޖެހި ލަނޑު ސައްހަ ކަމަށް ނިންމައިފައެވެ. މިއީ ގެބޯން ކުޅުންތެރިއާ މި ސީޒަންގެ ޕްރިމއާ ލީގުގައި ޖެހި ހަތް ވަނަ ލަނޑެވެ.

ރޭގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަރަށް އާދައިގެ ކުޅުމެއް ފެނުނުއިރު މިއީ ފަހަކަށް އައިސް މިދެޓީމު ބައްދަލުކުރި މެޗުތަކުގެ ތެރެއިން އެންމެ ފޫހި އެއް މެޗުކަން ފާހަގަކޮށްލެވެ އެވެ. ރޭގެ މެޗުގައި ގޯލާއި އަމާޒުކޮށް ފުރަތަމަ ޝޮޓެއް ހެދި ތަންވެސް ފެނުނީ 29 މިނެޓު ކުޅުނު ފަހުންނެވެ. ޔުނައިޓެޑްގެ އަންދްރެއާސް ޕެރޭރާ ފޮނުވާލި އެ ބޯޅަ ގޯލްކީޕަރު ބާންޑް ލެނޯ ވަނީ ދިފާއުކޮށްފަ އެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު އާސެނަލް އިން ވަނީ ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށް ތިން ހަމަލާ އެއް ފޮނުވާލާފަ އެވެ. އެގޮތުން ކްލަބްގެ ރެކޯޑް ފީ އަކަށް އާސެނަލަށް މިފަހަރު ގެނައި ނިކޮލަސް ޕެޕޭ ފޮނުވާލި ބޯޅަ އާއި ސާކާ އާއި މެޓިއޯ ގުންޑޯޒީ ފޮނުވާލި ދެ ހަމަލާއެއް ކީޕަރު ޑެހެއާ ވަނީ މަތަކޮށްފަ އެވެ.

މެޗްގެ ނަތީޖާ އާސެނަލުން ހަމަހަމަކުރި ފަހުން އަލުން ލީޑް ހޯދަން ޔުނައިޓެޑަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. ދެވަނަ ހާފްގައި ޔުނައިޓެޑަށް ލިބުނު ކޯނަރެއްގައި އެޓީމްގެ ކެޕްޓަން އުމުރުން 34 އަހަރުގެ އޭޝްލީ ޔަންގް ހުރަސްކޮށްލި ބޯޅަ މެކްޓޮމިނޭ ބޮލުން ޖަހައި ފޮނުވާލުމުން ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ފަހުން ޔުނައިޓެޑްގެ ފޯވާޑް މާކަސް ރެޝްފޯޑަށް ލިބުނު ބޯޅައެއް އާސެނަލްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ނަމަވެސް ލެނޯ ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.

ރޭގެ ނަތީޖާ އާއެކު ބާރަ ޕޮއިންޓް ހޯދައިގެން ޓޭބަލްގެ ހަތަރު ވަނަ އަށް އާސެނަލް ޖެހިލިއިރު ޔުނައިޓެޑް އޮތީ ނުވަ ޕޮއިންޓާއެކު ޓޭބަލްގެ ދިހަ ވަނައިގައެވެ. ތާވަލުގެ އެންމެ ކުރީގައި ހަތް މެޗުން ހަތް މޮޅު ހޯދައިގެން ޖުމްލަ 21 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު ދެވަނައިގައި ސޯޅަ ޕޮއިންޓާއެކު އޮތީ ސިޓީ އެވެ. ތިންވަނަ މަގާމުގައި އޮތީ ސާދަ ޕޮއިންޓް ލިބިގެން ލެސްޓާ ސިޓީ އެވެ.