ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ތުރުކީގެ ގަލަޓަސަރާއީގެ މައްޗަށް ކުރި ހޯދައި ޕީއެސްޖީން ގްރޫޕްގެ އެންމެ ކުރީގައި ހަމަޖެހިލައިފި އެވެ.

ގްރޫޕް އޭގެ ފުރަތަމަ މެޗްގައި މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ރެއާލް މެޑްރިޑްގެ މައްޗަށް ވެސް ކުރިހޯދި ޕީއެސްޖީން ރޭ ގަލަޓަސަރާއީ ބަލިކުރީ މެޗްގެ 52 ވަނަ މިނެޓްގައި ފޯވަޑް މައުރޯ އިކާޑީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މިދިޔަ މަހު ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އިންޓަ މިލާނުން ޕީއެސްޖީ އަށް ބަދަލުވި ފަހުން އިކާޑީ އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑުކަން ފާހަގަކޮށްލެވެ އެވެ.

ރޭގެ މެޗުން ޕީއެސްޖީ ހަނި ނަތީޖާ އަކުން މޮޅުވި ނަމަވެސް އެޓީމަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުުން އެޓީމުގެ އާޖެންޓީނާގެ ވިންގާ އެންހެލް ޑި މާރިއާ އަށް ހުސް ފުރުސަތުތަކެއް ލިބުނުއިރު އޭނާ އުފެއްދި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ގަލަޓަސަރާއީގެ ގޯލްކީޕަރެވެ. މެޗުގެ ފަހު ހާފްގައި ގަލަޓަސަރާއީ އަށްވެސް ލަނޑު ޖަހާނެ ރަގަޅު ފުރުސަތެއް ލިބުނު އިރު އެ ފުރުސަތު ނާކާމިޔާބުވީ ޕީއެސްޖީގެ ގޯލްކީޕަރު ކޭލާ ނަވާސްގެ ހުށިޔާރު ކަމުންނެވެ. ޓްރާންސްފާ ބާޒާރުގައި ރެއާލް އިން ޕީއެސްޖީ އަށް ބަދަލުވުމަށްފަހު ނާވާސް އަންނަނީ ފްރާންސްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ގްރޫޕް އޭ ގައި ރޭ ކްލަބް ބްރޫގީ އާއި ރެއާލް މެޑްރިޑް ވާދަކުރި މެޗު ނިމުނީ 2-2 ން ދެޓީމު އެއްވަރުވެގެންނެވެ. މި ނަތީޖާތަކާއެކު ހަ ޕޮއިންޓް ލިބިގެން ޕީއެސްޖީ ގްރޫޕްގެ އެއްވަނައިގައި އޮތް އިރު ރެއާލް މެޑްރިޑް އެއް ޕޮއިންޓާއެކު އަދި އޮތީ ޓޭބަލްގެ އެންމެ ފުލުގައެވެ. ދެ ޕޮއިންޓް ހޯދައިގެން ބްރޫގީ ދެވަނައިގައި އޮތްއިރު ތިންވަނަ ލިބެނީ ޕޮއިންޓަކާއެކު ގަލަޓަސަރާއީ އަށެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އިޓަލީގެ ޔުވެންޓަސް ވަނީ 3-0 އިން ޖަރުމަނުގެ ބަޔާ ލެވަކޫސަން ބަލިކޮށްފަ އެވެ. ބަޔާ ލެވަކޫސަން ކޮޅަށް ރޭ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާއެކު އޭނާ ވަނީ ރެއާލްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް ޗެމްޕިއަންސް ލީގުގައި ތަފާތު 33 ޓީމު ކޮޅަށް ލަނޑު ޖަހައިގެން ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. އުމުރުން 34 އަހަރުގެ ރޮނާލްޑޯ ލަނޑު ޖެހީ މެޗުގެ ފަހު މިނިޓްގަ އެވެ. ޔުވެންޓަސްގެ ފުރަތަމަ ދެ ލަނޑު ކާމިޔާބުކުރީ މިޑްފީލްޑަރު ފެޑެރީކޯ ބާނަޑޭޝީ އާއި ފޯވަޑް ގޮންޒާލޯ ހިގުއިން އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ލޮކޮމޯޓިވް މޮސްކޯ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް ވަނީ 2-0 އިން މޮޅުވެފަ އެވެ. ޕޯޗުގަލްގެ އުއްމީދީ ކުޅުންތެރިއާ ޖޮއާއޯ ފެލިކްސްގެ ލަނޑުން އެތުލެޓިކޯ އިން ލީޑުނެގިއިރު، ދެ ވަނަ ލަނޑު ޖެހީ ތޯމަސް ޕާޓޭ އެވެ. މި ނަތީޖާތަކާއެކު ހަތަރު ޕޮއިންޓާއެކު ޔުވެންޓަސް ގްރޫޕްގެ އެއްވަނައިގައި އޮތްއިރު ލަނޑުގެ ތަފާތުން ދެވަނައިގައި އޮތީ އެތްލެޓިކޯ އެވެ. ތިންވަނައިގައި ތިން ޕޮއިންޓް ލިބިގެން ލޮކޮމޯޓިވް މޮސްކޯ އޮތްއިރު ފުލުގައި އޮތް ބަޔާ ލެވަކޫސަން އަށް އަދި ޕޮއިންޓެއް ލިބިފައި ނުވެ އެވެ