ހެންވޭރު ފުޓްބޯޅަ ދަނޑާއި ވިލިމާލެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް މި ސަރުކާރުން ނިންމާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމުން ކުރިމަތިކުރުވާ ސުވާލުތަކަށް ޖަވާބުދިނުމަށް ފެށި "އަހަރެންގެ ސުވާލު"ގެ ފުރަތަމަ ސެޝަންގައި ރޭ ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ ހެންވޭރާއި ވިލިމާލެ ދަނޑުގައި ޓާފް އަޅަން ނިންމާފައިވާ ކަމަށާއި ކުރިއަށްއޮތްތާގައި އެ ދަނޑުތައް ބޭނުން ކުރުމުގެ ފުރުސަތު ގިނަ ބަޔަކަށް ލިބިގެންދާނެ ކަމަށެވެ. އަދި ކުޅޭނެ ދަނޑެއް ހޯދުމަށް ގިނަ ފައިސާތަކެއް ހޭދަކުރަން ޖެހޭ ކަމުގެ ޝަކުވާތައް ޒުވާނުންގެ ފަރާތުން ވަރަށް ގިނައިން ލިބެމުންދާ ކަމަށާއި ދަނޑުތަކުގައި ޓާފް އެޅުމުން އެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"ހެންވޭރު ދަނޑުގައި މިހާރު މި އޮންނަނީ ވިނަ. އެހެންކަމުން އެ ދަނޑު ބޭނުންކުރެވެނީ ވަރަށް މަދުން. އަޅުގަނޑުމެން ފެން ޖަހައިގެން ވެސް އެކަމަށް ވަރަށް ބޮޑު ހަރަދެއް އެބަ ހިނގާ. އެހެންވީމާ އަޅުގަނޑުމެންގެ ވިސްނުމުގައި ހުރީ ހެންވޭރު ދަނޑުގައި ޓާފް އެޅުމަށް. އެފްއޭއެމްއާއި ވެސް ގުޅިގެން މި މަސައްކަތް ކުރިއަށްދާއިރު ކައިރި މުސްތަގްބަލެއްގައި މާފަންނުގެ ވެލި ދެ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފެށޭނެ. މި މަސަތްކަތް ނިމުމުން ވަރަށް ގިނަ ބަޔަކަށް އެތަނަށް ކުޅެން ދިއުމުގެ ފުރުސަތު ލިބިގެންދާނެ. މީގެ އިތުރުން ވިލިމާލޭގައި އޮތް ދަނޑުގައި ވެސް ޓާފެއް އެޅުމުގެ މަސައްކަތް އަޅުގަނޑުމެން ވަރަށް އަވަހަށް ފަށާނަން، " މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ ޔޫތު މިނިސްޓްރީގެ ވިސްނުމަކީ ޒުވާނުން ފުޓްބޯޅަ ކުޅުމަށްޓަކައި ދަނޑެއް ހޯދުމަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް ވީހާވެސް ގިނަބަޔަަކަށް ދަނޑުތަކުގެ ބޭނުން ކުރެވޭ ގޮތަށް ހެދުން ކަމަށެވެ.

" ހަގީގަތުގައި ވަރަށް ގިނަ ފައިސާ އެތައް ބަޔަކު އެބަ ހަރަދު ކުރޭ މިކަމަށް. އަޅުގަނޑުމެންގެ ވިސްނުމުގައި ހުރީ ރައްޔިތުންނަށް ވީހާވެސް ލުއިވާނެ ގޮތަކަށް މިކަން ކުރިއަށްގެންގޮސް ގިނަ ބަޔަކަށް ފުރުސަތު ދިނުން. ވަކި އުސޫލުތަކެއް މިކަންކަމަށް ކަނޑައެޅިގެން ހަގީގަތުގައި މިކަން ވާނީ. " މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ ބައެއްފަހަރު ފައިސާދީގެން ވެސް ކުޅެން ދަނޑެއް ނުލިބޭ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި ޓާފް ދަނޑުތައް ބަލަހައްޓާނެ ފަރާތްތައް ކުރިން ކަނޑައެޅިފައިވަނީ ކިހިނެއް ކަމެއް ނޭނގޭ ކަމަށެވެ. ނަމަވެސް އެ މައްސަލައެއް ހައްލެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަަޑަފި

    ދައުލަތުގެ ބިމުގަ ދައުލަތުން ޚަރަދުކޮއްގެން ހަދާފައިވާ ޓާފު ފުޓުސަލް ދަނޑުތަކުގެ ދައުލަތުން ކަރަންޓާ ފެންބިލު ދައްކާއިރު ކަންމަތީ ޕާޓޭ ގުރޫޕައް ލާރިދީގެން އެދަނޑުތަކުގަ ކުޅެން މިޖެހެނީ ކީއްވެތޯ.
    އެއީ މިސަރުކާރުން ބާރނުހިނގާ ބަޔަކީތޯ، ސަރުކާރައް އަހަރުވާއިރު އެކަމާބެހޭ ގޮތުން ގޮތެއް ނުނިމޭ ވާނުވާއެއް މިންޓަރަށް ނޭގޭ

    4
    1