މި އަންނަ ބުރާސްފަތި ދުވަހު ސީރިއާ ދެކޮޅަށް ކުޅޭ މެޗަށް އެކުލަވައިލި ގައުމީ ޓީމުން އީގަލްސްގެ ދެ ފޯވަޑުން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު ރިޒްވާން (ރިޒޭ) އަށް ފުރުސަތު ގެއްލިއްޖެ އެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގައި މިދިޔަ މަހު ގުއާމް އާއި ޗައިނާ އާ ދެކޮޅަށް ކުޅެން ނެގި ގައުމީ ސްކޮޑުގައި ސެންޓޭ އާއި ރިޒޭ ހިމެނުނު ނަމަވެސް އެ ދެމެޗަށް ތައްޔާރުވުމުގެ ގޮތުން ލަންކާގައި ކޭމްޕު ކުރުމަށް ޓީމާއެކު އެ ދެ ކުޅުންތެރިން ގޮސްފައެއް ނުވެ އެވެ. ސްކޮޑުގައި ހިމެނުނު ނަމަވެސް ޓީމާއެކު ރިޒޭއާއި ސެންޓޭ ނުދިޔަ ސަބަބާ ގުޅިގެން އެފްއޭއެމްއިން ބުނީ، ދެކުޅުންތެރިންވެސް ދިޔައީ "އަމިއްލަ ސަބަބުތަކަކާ" ހުރެގެން ކަމަށެވެ.

އެފްއޭއެމުން އެ މައްސަލަ ބެލުމަށް ފަހު ރިޒޭ އާއި ސެންޓޭ، ކޮންމެ ކުޅުންތެރިއަކު 50،000 ރ. އިން ޖޫރިނަމާކުރިއެވެ. އަދި މި ފައިސާ ނުދައްކަނީސް އެފްއޭއެމްގެ އެއްވެސް މުބާރާތެއްގައި މި ކުޅުންތެތިންނަށް ނުކުޅެވޭނެ ކަމަށް ވެސް އަންގާ ގައުމީ ޓީމުގައި އެ ކުޅުންތެރިން ހިމެނުމުން މަގުބޫލު ސަބަބެއް ނެތި ގައުމީ ޓީމާއެކު ނުދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އިންޒާރުދިނެވެ.

ސެންޓޭ އާއި ރިޒޭ ގެ ޖޫރިމަނާ ފައިސާ މުސާރައިން ކެނޑޭ ގޮތަށް ކްލަބް އީގަލްސް އިން ވަނީ އެދުވަހުން އެދުވަހަށް ދައްކާފަ އެވެ. އެއާއެކު ލީގުގައި އީގަލްސް އޭގެ ފަހުން ކުޅުނު މެޗުތަކުގައި އެ ދެކުޅުންތެރިން ވަނީ ކުޅެފަ އެވެ.

އަވަސް އާއި ހަވާލާދީ އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، ސެންޓޭ އާއި ރިޒޭއަށް އެޅި ޖޫރިމަނާގެ ފިޔަވަޅާއެކު އޭރު ހިނގާދިޔަ މައްސަލަ ނިމިފައިވާ ކަމަށެވެ. އަދި ސެންޓޭ އާއި ރިޒޭ ޓީމަށް ނެގުމާމެދު އަދި ނުނެގުމާމެދުވެސް އެފްއޭއެމުން ވަކި ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.

ދިވެހި ލީގުގައި މޮޅަށް ކުޅެމުން އަންނަ ރިޒޭ އާއި ސެންޓޭ އަށް ގައުމީ ޓީމުން ފުރުސަތު ގެއްލުނު އިރު ނޫސްވެރިންގެ ބައްދަލުވުމަކަށް ހާޒިރުނުވުމުގެ ސަބަބަބުން ދޮޅު އަހަރަށްވުރެ ގިނަ ދުވަހު ޓީމުން ބޭރުގައި ހުރުމަށްފަހު ޗައިނާ މެޗުގެ ކުރިން ގައުމީ ޓީމުން އަލުން ފުރުސަތު ލިބުނު ތަޖުރިބާކާރު ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ސައުދީ އަށްދިޔަ ޓީމުގައި ހިމެނިފަ އެވެ.

ދަގަނޑޭ ގައުމީ ޓީމުން ބޭރުކުރި ހިސާބުން ފެށިގެން ދިވެހި ސަޕޯޓަރުންގެ ފާޑުކއިުންތައް އެފްއޭއެމް އަށާއި ކޯޗު ސެގާޓް އަށް އަމާޒުވެގެންދިޔަ އިރު އަލުން ދަގަނޑޭ ޓީމަށް ނެގީ ދިވެހި ލީގުގައި މޮޅަށް ކުޅެމުން އައި ދަނޑިވަޅެއްގަ އެވެ. މި ސީޒަންގައި މިހާތަނަށް ދިހަ ލަނޑު ކާމިޔާބުކޮށްފައިވާ ދަގަނޑޭ ޓީމުގައި ހިމެނިގެން ސީރިއާ މެޗާއި ގައުމީ ފުޓްބޯޅަ ޓީމް ކުރިމަތިލުމަކީ މުޅީ ޓީމަށްވެސް ލިބިގެންދާނެ ބޮޑު ހިތްވަރެކެވެ.