ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ދުވަސް ފާހަގަކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ކުރިޔަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން މާލޭގެ ސުކޫލްތަކަށް ހާއްސަކޮށްގެން ބޭއްވި "ކިޑްސް ފުޓްބޯލް ފިއެސްޓާ"ގެ ޗެމްޕިއަންކަން ހުޅުމާލޭގެ ގާޒީ ސްކޫލްން ހޯދައިފިއެވެ.

މިއަދު ހެނދުނު ހެންވޭރު ދަނޑުގައި ޖުމްލަ 17 ސްކޫލަކާއެކު ކުރިޔަށް ގެންދިޔަ މި ފިއެސްޓާގެ ޗެމްޕިއަންކަން ގާޒީ ސްކޫލުން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި މަޖީދިއްޔާ ސްކޫލްގެ މައްޗަށް 0-2 އިން ކުރި ހޯދައިގެންނެވެ. މި މެޗުގައި ގާޒީ ސްކޫލުން ކާމިޔާބުކުރި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ޝައިން އިބްރާހިމް ރަމީޒްއެވެ.

މިއަދު ހަވީރު ބޭއްވި އެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ސްޕެނިޝް ލަލީގާގައި ވާދަކުރާ ސެލްޓަ ވިގޯގެ ބައެއް ވެރިންނާއި ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝެލް ސަލްގާޑޯ ވެސް ބައިވެރިވިއެވެ. އެ ރަސްމިއްޔާތުގައި ވަނަވަނައަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް ވަނީ މެޑެއްޔާއި ޓްރޮފީ ހަވާލުކޮށްފައެވެ.

މުބާރާތުގެ ޗެމްޕިއަންކަން ގާޒީ ސްކޫލުން ހޯދި އިރު، ރަނަރަޕްކަން ހޯދީ މަޖީދިއްޔާ ސްކޫލެވެ. މުބާރާތުގެ ތިންވަނަ ހޯދީ އިމާދުއްދީން ސްކޫލެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދީ ގާޒީ ސްކޫލްގެ މުހައްމަދު އައިހަމް އިބްރާހިމްއެވެ. އޭނާ ވަނީ މި މުބާރާތުގައި ހަތަރު ލަނޑު ޖަހާފައެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ޢިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްއެވެ.

ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑްރީމް ޓީމުގައި ހިމެނޭ ތިން ކުޅުންތެރިޔަކަށް ރާއްޖެއިން ބޭރުގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. މިއަދު ހޮވި ފިއެސްޓާގެ ޑްރީމް ޓީމަށް އަންނަ އަހަރުގެ ފެބްރުއަރީ މަހު ދުބާއީގައި އޮންނަ ކޮންޓިނެންޓަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާއިރު އެ މުބާރާތުގައި އެޓީމު ވާދަކުރާނީ ރާއްޖޭގެ ގައުމީ 13 އަހަރުން ދަށުގެ ގައުމީ ޓީމުގެ ގޮތުގައެވެ.

މިއަދު ކުރިއަށްދިޔަ ފިއެސްޓާ އިން ހޮވުނު އެންމެ މޮޅު އަށް ކުޅުންތެރިންނަށް ގައުމީ ޓީމުގެ ސްކޮޑުން ޖާގަދިނުމަށް އެފްއޭއެމްއިން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙިޔަަ

    ޢަލްހަމްދުލިއްލާާަހި ❤❤❤