ޔުއެފާ ޗެމްޕިއަންސް ލީގުގައި ވާދަވެރި ކުޅުމަކަށްފަހު، މުބާރާތުގެ މިދިޔަ ސީޒަނުގެ ފަޚުރުވެރި ޗެމްޕިއަނުން، ލިވަޕޫލް އެމީހުންގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. އަމިއްލަ ދަނޑުގައި ލިވަޕޫލް އިން ވަނީ ފޯރިގަދަ ކުޅުމަކަށް ފަހު މިރޭ ސަލްޒްބާގް 3-4 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

ރަށުން ބޭރުގައި ފުރަތަމަ މެޗުގައި އިޓަލީގެ ނަޕޯލީގެ އަތްދަށުވުމުގެ ސަބަބުން ލިވަޕޫލުން މިރޭ އަމިއްލަ ދަނޑުގައި ނުކުތީ މޮޅުވުމުގެ ވަރުގަދަ ރޫހަކާއި އެއްކޮށެވެ. އެގޮތުން މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވަރުގަދައަށް މެޗު ފައްޓައި ލިވަޕޫލް އިން ވަނީ 3 ލަނޑު ޖަހާފައެވެ.

އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 9 ވަނަ މިނެޓުގައި ސާޑިއޯ މާނޭ ކާމިޔާބު ކޮށްދިން އިރު، ޒުވާން ޑިފެންޑަރު އެންޑްރިއު ރޮބަޓްސަން ވަނީ މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. ލިވަޕޫލްގެ 3 ވަނަ ލަނޑު ތިންވަނަ ލަނޑު ޖެހީ އެ ޓީމުގެ ތަރި، މިސްރުގެ މުހައްމަދު ސަލާހުއެވެ. އެ ލަނޑަށް މާ ގިނަ އިރުތަކެއް ނުވަނީސް ސަލްޒްބާގްގެ ހީ ޗަން ވަންގް ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާފައެވެ.

ޙައިރާންކުރަނިވި ގޮތަކަށް އޮސްޓްރިއާ ލީގުގެ ޗެމްޕިއަނުން، ސަލްޒްބާގް ވަނީ ގާތްގާތުގައި ދެލަނޑު ޖަހައި ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެލަނޑުތައް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޓަކޫމީ އާއި ހާލަންޑްއެވެ. ނަމަވެސް، ލިވަޕޫލް ވަނީ ހިތްވަރާ އެކު ކުޅެ މެޗުގެ 69 ވަނަ މިނެޓުގައި ފިރްމީނޯގެ އެހީތެރިކަމާއެކު ސަލާހު ކާމިޔާބުކޮށްދިން ލަނޑުން، މިރޭގެ މުހިއްމު މެޗުން މޮޅުވެފައެވެ.

މި ނަތީޖާއާއި އެކު ޗެމްޕިއަންސް ލީގުގެ ގްރޫޕު އީ ގައި ލިވަޕޫލް މިވަގުތު އޮތީ 3 ޕޮއިންޓާއި އެކު 3 ވަނައިގައެވެ. މިގްރޫޕުގެ އެއްވަނައިގައި އޮތީ 4 ޕޮއިންޓާ އެކު ނަޕޯލީ އެވެ. މިރޭގެ މެޗުން ބަލިވި ސަލްޒްބާގް އޮތީ ލަނޑުގެ ތަފާތުން ލިވަޕޫލަށް ވުރެ ކުރީގައި، 2 ވަނައިގައެވެ.

މިރޭ ޗެމްޕިއަންސް ލީގުގައި ކުޅެވުނު ބައެއް އެހެން މެޗުތަކަށް ބަލާއިރު ގްރޫޕު އެޗް ގައި ޓަމީ އަބްރަހަމް އާއި ވިލިއަން ގެ ލަނޑުތަކުން ޗެލްސީ އިން ވަނީ ފްރާންސްގެ ލިލް 2-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. މި ގްރޫޕުގައި ހޮލެންޑުގެ ވަރުގަދަ ބާރު، އަޔެކްސް މިރޭ ކުޅުނު މެޗުން ވަނީ 3-0 ގެ ނަތީޖާއަކުން ސްޕެއިންގެ ވެލެންސިއާ ބަލިކޮށްފައެވެ. ކުޅުނު 2 މެޗުވެސް ކާމިޔާބުކޮށް ޒުވާން މޮޅެތި ކުޅުންތެރިންތަކެއް ހިމެނޭ އަޔެކްސް މި ގްރޫޕުގެ އެއްވަނައިގައި އޮތީ 6 ޕޮއިންޓާ އެކީގައެވެ. ޗެލްސީ މިރޭ ހޯދި 3 ޕޮއިންޓާ އެކީ އޮތީ 2 ވަނައިގައެވެ.

ގްރޫޕު ޖީ ގައި މިރޭ ރަށުން ބޭރުގައި ކުޅެ ފްރާންސް ގެ ލިޔޯން ވަނީ 2-0 ގެ ނަތީޖާއަކުން ރަސެންބޯލްސްޕޯޓް ލެޕްޒިގްގެ މައްޗަށް ކުރިހޯދާފައެވެ. މި ގްރޫޕުގައި ކުޅެވުނު އަނެއް މެޗުގައި ޒެނިތް ވަނީ 1-3 ކުން ބެނެފީކާ ބަލިކޮށްފައެވެ. ގްރޫޕު ސްޓޭޖުގެ 2 މެޗު ކުޅެވުނު އިރު ޒެނިތް އާއި ލިޔޯންވެސް 4 ޕޮއިންޓް ހޯދާފައިވާއިރު މިގްރޫޕުގެ އެއްވަނައިގައި ޒެނިތް މިވަގުތަށް އޮތީ ޖެހި ލަނޑުގެ ތަފާތުންނެވެ.