އޭސިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ދިވެހި ގައުމީ ވޮލީ ޓީމް ފަރިތަކުރުންތަށް ކުރިއަށް ގެންދިޔުމަށް ރޭ ތައިލޭންޑަށް ފުރައިފިއެވެ.

ބަންގްލަދޭސްގައި މިމަހު 22 އިން 27 އަށް ކުރިއަށް ދާ އޭސިއަން ސެންޓްރަލް ޒޯން ވޮލީ ބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރާއްޖޭގެ ޓީމް ތައިލެންޑްގައި ފަރިތަކުރުންތަކުގެ 6 މެޗެއް ކުޅޭނެއެވެ.

ރޭ ޓީމް ތައިލޭންޑަށް ފުރުމުގެ ކުރިން ވޮލީ ބޯލް އެސޯސޮއޭޝަންގެ ރައީސް މުޙައްމަދު ލަތީފް ވަނީ ޓީމާއި ބައްދަލުކޮށް ޓީމަށް ހިތްވަރު ދެއްވާފައެވެ. ލަތީފްގެ ވާހަކަފުޅުގައި ރީތި އަހުލާގެއް ނެތިއްޖެ ނަމަ ނިކަން އަވަހަށް އެމީހާގެ ހުނަރު ނެތި ދާނެ ކަމަށާއި ރިވެތި އަހުލާގެއްގެ މަތިން ކުޅިވަރަށް ލޯބި ހުރި ނަމަ ވަރަށް އަވަހަށް ތިމާ އަށް ކުރިއެރުން ލިބޭނެކަމަށް ބުނެޔެވެ. އަދި މި ދަތުރުގައި ހުރިހާ ބައިވެރިންވެސް ރިވެތި އަހުލާގު ދެއްކުމަށް ނަސޭހަތްތެރިވިއެވެ.

މި ދަތުރުގައި އަލަށް އެކުލަވާލެވުނު ޓީމްގެ އިތުރުން އޮފިސަލުންވެސް ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމް މިދިޔަ އަންގާރަ ދުވަހު އެކުލަވާލި އިރު މިފަހަރު ޓީމްގެ ކެޕްޓަންގެ ގޮތުގައި ހަމަޖައްސާފައިވަނީ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ. އަދި ވައިސް ކެޕްޓަންގެ ގޮތުގައި ހަމަޖައްސާފައިވަނީ ހުޒާމް އަލީ އެވެ.