އަންނަ އަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދަން ރާވައިފައިވާ ހަރަކާތްތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ހިމެނޭ ޓީމަކާއި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމް ވާދަކުރާ މެޗެއް ހިމެނޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދިވެހި ގައުމީ ޓީމާއި ދުނިޔޭގެ ތަރިން ހިމެނޭ ޓީމު ބައްދަލުކުރާ މެޗު ރޭވުމަށް ނިންމާފައިވާކަން މިނިސްޓަރު އަލީ ވަހީދު އިއުލާންކުރެއްވީ ކްރޮސްރޯޑްގައި ރޭ ބޭއްވި ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ގާލާ ނައިޓްގައި ވާހަކަދައްކަވަމުންނެވެ.

މިއަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން އެ މިނިސްޓްރީން ވަނީ ފާއިތުވެދިޔަ ހަފުތާ ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އެ މިނިސްޓްރީގެ މަސައްކަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބޭއްވި ޓޫރިޒަމް އޯޕަންޑޭ އާއި މާލޭގެ ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި ކިޑްސް ފުޓްބޯލް ފިއެސްޓާގެ އިތުރުން ޕެރެޑައިސް އައިލޭންޑް ރެސޯޓްގައި ބޭއްވި ޓޫރިޒަމް ކޮންފަރެންސް ހިމެނެ އެވެ.

ރޭ ބޭއްވި ގާލާ ނައިޓްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަންނަ އަހަރު ވެސް ޓޫރިޒަމް ދުވަސް ކުލަގަދަކޮށް ރާއްޖޭގައި ފާހަގަކުރާނެ ކަމަށާއި އެގޮތުން އެ ދުވަހާ ގުޅިގެން ހިންގަން ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތަކީ ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ލެޖެންޑުންނާއި ގައުމީ ޓީމު ބައްދަލުކުރާ މެޗު ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވުމަށްފަހު ދެންނެވިން ދިވެހިރާއްޖެއަށް އަޅުގަނޑުމެން ގެންނާނަމޭ ކުރިން ދިވެހިން ދެކެފައިނުވާ ކަހަލަ މަންޒަރުތައް. އެގޮތުން ވޯލްޑް ކަޕާއި ޕްރިމިއާ ލީގާއި ސްޕެނިޝް ލީގުގައި ކުޅެފައި ތިބި ކުރީގެ ފުޓްބޯޅަ ތަރިންނާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަންނަ އަހަރުގެ ފަތުރުވެރިކަމުގެ އީދުގައި ކުޅޭ މަންޒަރު ރާއްޖޭގައި އޮންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ ޓޫރިޒަމް ދުވަހުގެ ހަރަކާތްތަކަށް ސްޕެނިޝް ލަލީގާގެ ޓީމެއް ކަމަށްވާ ސެލްޓަ ވިގޯގެ ވެރިންގެ އިތުރުން ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝެލް ސަލްގާޑޯ ވަނީ ރާއްޖެ އައިސްފައެވެ. އެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ފުޓްބޯލް ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ކުޅުންތެރިންނަށް މެޑެއްޔާއި ޓްރޮފީ ހަވާލުކުރުމުގައި ސަލްގާޑޯ ވަނީ ބައިވެރިވެފަ އެވެ.

ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑްރީމް ޓީމަށް އަންނަ އަހަރުގެ ފެބްރުއަރީ މަހު ދުބާއީގައި ބާއްވާ އިންޓަ ކޮންޓިނެންޓަލް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންގޮސްފައިވާއިރު އެ މުބާރާތުގައި ވިދާލި މުހައްމަދު އައިހަމް އިބްރާހީމާއި ހުސައިން އާއިޝް އަބްދުލް ވާހިދަށް ސެލްޓަ ވިގޯގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ވަނީ ލިބިފައެވެ. އަދި 11 އަހަރުން ދަށުގެ ކުޅުންތެރިއެއް ކަމަށްވާ އީތަން އިބްރާހިމް ޒަކީއަށް ވަނީ ސަލްގާޑޯގެ އެކަޑަމީގައި އެއް މަސް ދުވަހުގެ ޓްރެއިނިންގެއް ފުރިހަމަކުރުމުގެ ފުރުސަތު ލިބިފައެވެ.