މިހާރު ކުރިއަށް ދާ 19 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައި ސީރިޔާގެ ޓީމަށް ރާއްޖޭގެ ޒުވާން ޓީމު ހިފާއްޓާލެވުނީ ކިރިޔާއެވެ.

މިއަދު ތަޖިކިސްތާނުގެ ސެންޓްރަލް ރެޕަބްލިކަން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރާއްޖޭގެ ޓީމުން ރަނގަޅު ކުޅުމެއް ދައްކާފައި ވާއިރު، މެޗުގެ 19 މިނެޓުގައި ގޯލު ޖަހައި ފުރަތަމަ ލީޑު ނަގާފައި ވަނީވެސް ރާއްޖެއިންނެވެ. މި ގޯލު ކާމިޔާބު ކޮށްދިނީ އިބްރާހިމް ސާވީއެވެ. ނަމަވެސް، އޭގެ 6 މިނެޓު ފަހުން ސާވީ އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފައެވެ.

 

މިއާއި އެކު މެޗުގެ ނަތީޖާ 1-1ގައި ވަނިކޮށް ސީރިޔާގެ މުހައްމަދު އަލް މަލްހެމް ވަނީ އެ ޓީމަށް ގޯލެއް ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެގެން ގޮސްފައި ވަނީ އެ ނަތީޖާގައި 2-1ން ސީރިޔާ ކުރީގައި އޮވެގެންނެވެ.

ރާއްޖޭގެ ޒުވާން ޓީމު. ފޮޓޯ : އެފްއޭއެމް

ދެވަނަ ހާފަށް ރާއްޖެ ކުރިމަތިލައި މެޗުގެ 55ވަނަ މިނެޓުގައި ކެޕްޓަން ހަސަން ނަޒީމް ގާސިމް(ޗޯޓޫ)ގެ ގޯލުން ނަތީޖާ ވަނީ 2-2ން އެއްވަރުކޮށްފައެވެ. މިއާއިއެކު ސީރިޔާ އިން ވަނީ ކުޅުން ވަރުގަދަކޮށް، 62 ވަނަ މިނެޓުގައި އިތުރު ގޯލެއް ކާމިޔާބު ކޮށްފައެވެ. ނަމަވެސް އޭގެ ފަހުން އެ ޓީމުން އުފެއްދި ހަމަލާތައް ރާއްޖޭގެ ޑިފެންސުންނާއި ކީޕަރު ވަނީ ދިފާއުކޮށް އިތުރު ގޯލެއް ޖެހުމުގެ ފުރުސަތު ދޭން ދެކޮޅު ހަދާފައެވެ.

3-2ން މިއަދުގެ މެޗު ނިމިގެން ގޮސްފައި ވާއިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ މިވަރުގެ ބޮޑު ޓީމަކާއި ދެކޮޅަށް މީގެ ކުރިން ރާއްޖޭގެ ޒުވާން ޓީމަކުން މިހައި ގިނައިން ގޯލު ޖަހާފައި ނުވާކަމެވެ. ސީރިޔާގެ ސީނިއާ ޓީމަކީ އޭޝިއާގައިވެސް ގަދަ ބާރެއް ކަމުގައި ވާއިރު، ވޯލްޑް ކަޕަށް ސީރިޔާ ކޮލިފައި ނުވީވެސް ހަނިގޮތަކަށް އޮސްޓްރޭލިއާ އަތުން 1-0 ން ބަލިވެގެންނެވެ.

މިއަދުގެ މެޗުގެ ތެރެއިން. ފޮޓޯ : އެފްއޭއެމް

ދާދި ފަހުން ނޭޕާލުގައި ކުޅުނު 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި 3ވަނަ ނެގުމަށް ފަހު އެއްވެސް ރެސްޓަކާއި ނުލައި ރާއްޖޭގެ ޓީމުން މި މުބާރާތައި ކުރިމަތިލި އިރު، ކުޅުންތެރިން ކުރި އަރަމުން އަންނަ ކަމުގެ ނިޝާންތައް މިދަނީ ފެންނަމުންނެވެ.

މިއަދުގެ ނަތީޖާ އާއި އެކު ރާއްޖެ ކޮލިފައިން އިން ކަޓާފައި ވީ ނަމަވެސް، މި މަހުގެ 6 ވަނަ ދުވަހު ލުބްނާން އާއި ދެކޮޅަށް ކުޅެން ޖެހޭ މެޗު ބާކީ އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލި ރަސްގެފާނު

    ދާހިލީ ހަނގުރާމައިގައި ހަފުސްވެފައިއޮތް ގައުމެއްގެ އަތުން ރާއްޖެ މެޅުން ވާހާކަ ލިއުނީމަ މާތާހިރުވީސް