ގައުމި ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން ރަން މެޑަލް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި ގައުމީ މުބާރާތުގެ އެއްވަނަ އައިޝަތު ހިމްނާ ހަސަން ހޯދައިފި އެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށްދާ މި މުބާރަތުގެ ފިރިހެނުންގެ 100 މީޓަރު ރޭސް ސާއިދު ކާމިޔާބުކުރީ 10.58 ސިކުންތުން ދުވެގެންނެވެ. މިއަދުގެ ރޭހުން ރިހި މެޑަލް ހޯދީ 11.21 ސިކުންތުން ދުވި އިބާދުﷲ އާދަމެވެ. އަދި ލޯ މެޑަލް ހޯދީ 11.25 ސިކުންތުން ދުވި ނުޖޫމް ހަސަނެވެ.

ސާއިދު މިއަދުގެ ދެ ވަނަ ރަން މެޑަލް 400 މީޓަރު ދުވުމުން ހޯދީ 50.75 ސިކުންތުން ދުވެގެންނެވެ. އެ ރޭހުން ރިހި މެޑަލް ހޯދީ މުހައްމަދު އައިހަމް އަސްފަރު ވަހީދެވެ. އޭނާ ދުވީ 52.09 ސިކުންތުންނެވެ. ލޯ މެޑަލް ހޯދީ މި އިވެންޓުން ޖޫނިއާ ރެކޯޑް ހަދާފައިވާ އިބްރާހިމް އަޝްފާން އަލީ (އައްޕި) އެވެ. ޓައިމިން އަކީ 52.37 ސިކުންތެވެ.

އަންހެނުންގެ 100 މީޓަރު ދުވުމުން، ގައުމީ މުބާރާތުގެ އެއްވަނަ ހޯދި އައިޝަތު ހިމްނާ ހަސަން ރަން މެޑަލް ހޯދީ 12.54 ސިކުންތުން ރޭސް ނިންމައިގެންނެވެ. ގައުމީ މުބާރާތުން ރިހި މެޑަލް ހޯދި ނަޝާ ނިޒާރު، މިއަދުގެ ރޭހުން ރިހި މެޑަލް ހޯދާފައިވަނީ 12.87 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަދި ލޯ މެޑަލް ހޯދި މަރިޔަމް އަލްހާ ހުސެއިން ރޭސް ނިންމީ 13.20 ސިކުންތުންނެވެ.

ހިމްނާ 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ 59.18 ސިކުންތުން ދުވެގެންނެވެ. އޭނާގެ ފަހަތުން ދުވެ ރިހި މެޑަލް ހޯދީ 1 މިނެޓު 04.41 ސިކުންތުން ދުވި އައިމިނަތު ލަޔާނާ މުހައްމަދެވެ. އަދި ލޯ މެޑަލް ހޯދާފައިވަނީ 1 މިނެޓު 04.93 ސިކުންތުން ދުވި ރިފާ މުހައްމަދެވެ.

ފިރިހެނުންގެ 1500 މީޓަރު ރޭސް ވާދަވެރިކޮށް ފެނިގެންދިޔައިރު، ގައުމީ މުބާރާތުގައި މި ރޭސް ކާމިޔާބުކުރި ހުސެއިން ފަޒީލް ހާރޫން ބަލިކޮށް، ރަން މެޑަލް ހޯދީ ހުސެއިން ރިޒާ އެވެ. ގައުމީ މުބާރާތުގެ މި ރޭސް ކާމިޔާބުކުރަން ރިޒާ އަށް ފުރުސަތު ލިބިފައި ގެއްލުނީ ފަހު ވަގުތު އުފާފާޅުކުރަން އަތްނެގި ވަގުތު ފަޒީލް ދެމި ގަތުމުންނެވެ. ނަމަވެސް މިއަދުގެ ރޭހުގައި ފުދޭވަރެއްގެ ބޮޑު ފަރަގަކާއެކު ރިޒާ ރޭސް ނިންމީ 4 މިނެޓު 8.24 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނައަށް ދިޔަ ފަޒީލް އަށް ރޭސް ނިންމުނީ 4 މިނެޓު 10.97 ސިކުންތުންނެވެ. އަދި ތިންވަނަ ހޯދި އައިމަން ޚާލިދު ރޭސް ނިންމާފައިވަނީ 4 މިނެޓު 36.23 ސިކުންތުންނެވެ.

މިއަދު އަންހެނުންގެ 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ އައިމިނަތު ޖާއިޝާ ޖުނީޒެވެ. ފަހަކަށް އައިސް މިޑިލް ޑިސްޓެންސްގައި ޖާއިޝާގެ އެންމެ ބޮޑު ވާދަވެރިޔާ މަރިޔަމް އަބްދުލްކަރީމް (މަރީ) ބާލިން މެރެތަންގައި ދުވުމަށް ޖަރުމަނަށް ގޮސް އެނބުރި ނާންނާތީ މިއަދުގެ ރޭހުގައި ވާދަނުކުރެވުނެވެ. މިއަދުގެ ރޭހުގައި ޖާއިޝާ 5 މިނެޓު 25.70 ސިކުންތުން ދުވިއިރު ރިހި މެޑަލް ހޯދި އައިޝަތު ނަފްހާ ނަޝީދުގެ ޓައިމިން އަކީ 5 މިނެޓު 51.90 ސިކުންތެވެ. އަދި ލޯ މެޑަލް ހޯދި ޒުލައިޚާ އަބްދުﷲ ރޭސް ނިންމާފައިވަނީ 6 މިނެޓު 20.20 ސިކުންތުންނެވެ.

މި މުބާރާތުގައި ހިމެނޭ ހަމައެކަނި ފީލްޑް އިވެންޓް ކަމަށްވާ ލޯންގް ޖަމްޕުގެ ފިރިހެނުންގެ އިވެންޓުން މިއަދު ރަން މެޑަލް ހޯދީ 5.96 މީޓަރަށް ފުންމި ދުވުންތެރިޔާ ނުޖޫމެވެ. ރިހި މެޑަލް ހޯދީ ސުޒައިން މުހައްމަދެވެ. އޭނާ ފުންމާފައިވަނީ 5.92 މީޓަރަށެވެ. އަދި ލޯ މެޑަލް ހޯދީ 5.89 މީޓަރަށް ފުންމި އިބްރާހިމް ރާފިލް ވާފިރެވެ.

މާދަމާ އޮންނާނީ އަންހެނުންގެ ލޯންގް ޖަމްޕުގެ އިތުރުން ދެ ޖިންސުން 800 މީޓަރު، 200 މީޓަރު އަދި 3000 މީޓަރު ދުވުމެވެ.

ގައުމީ މުބާރާތާއި ސްކޫލް މުބާރާތާއި ޖޫނިއާ މުބާރާތުގެ އެންމެ މޮޅު އެތުލީޓުންނަށް ދައުވަތު ދީގެން އެތުލެޓިކްސް އެސޯސިއޭޝަނުން ކުރިއަށްގެންދާ މި މުބާރާތުގައި މާދަމާ އޮންނާނީ އަންހެނުންގެ ލޯންގް ޖަމްޕުގެ އިތުރުން ދެ ޖިންސުން 800 މީޓަރު، 200 މީޓަރު އަދި 3000 މީޓަރު ދުވުމެވެ.