ކެނެޑާގެ ދުވުންތެރިޔާ މިޝަލް ކެޕްރަލް އައްޑޫ ސިޓީގައި މިއަދު ބޭއްވި ކޮކާ ކޯލާ ރަން ގައި ދުނިޔޭގެ ރިކޯޑް ހަދައިފިއެވެ.

ދުނިޔޭގެ ރިކޯޑް ހަދަން މިޝަލް ކެޕްރަލް އައްޑޫ އައް އައިސްފައިވަނީ މިދިޔަ މަހުގައެވެ. އޭނާ ވަނީ ދުނިޔޭގެ 2 ރިކޯޑެއް ރާއްޖޭގައި ހަދަން ނިންމާފައެވެ.

މިޝަލް ކެޕްރަލް އައްޑޫގައި ހަދާފައިވަނީ ހަތަރު ބޯޅަ ޖަގަލް ކުރަމުން 10 ކިލޯ މީޓަރ ދުވުން އެންމެ އަވަހަށް ނިންމައިގެންނެވެ. އޭނަ އެ ދުވުން ފުރުހަމަ ކޮށްފައިވަނީ 55 މިނަޓް 48 ސިކުންތުގައެވެ. އައްޑޫގައި އޭނާގެ އަމިއްލަ ރިކޯޑް މުގުރާލާފައިވާ އިރު އޭނާ އަކީ އެންމެ އަވަސް އަދި ހާފް މެރެތަން ޖަގަލް ކުރުމުން ރިކޯޑް އޮތް ފަރާތެކެވެ.

މިމަހުގެ 11 ވަނަ ދުވަހު އޭނާ ހެދުމަށް ހަމަޖެހިފައިވާ ދެވަނަ ރެކޯޑަކީ އެއް ގަޑިއިރު ވަންދެން ހުއްޓާ ނުލައި ތިން ބޯޅަ އުކަމުން ސިޑިން އެރުމުގެ ރެކޯޑެވެ. އެ ރެކޯޑް ހެދުމަށް ނިންމާފައި ވަނީ މާލޭ ސަލްޓަން ޕާކުގަ އެވެ. މި ރެކޯޑްވެސް ކެޕްރަލް ހަދާ އިރު އޭނާ އެ ރެކޯޑް ހަދާނީ ހުއްޓާ ނުލައި ސަލްޓަން ޕާކުގައި އޮންނަ ސިޑި މަތީ ބޯޅަ އުކަމުން ސިޑިން އަރައި ފައިބަމުންނެވެ. އެގޮތުން ގައިގަނޑަކަށް 3،000 ފިޔަވަޅު ގަޑިއިރެއްގެ ތެރޭގައި ނެގޭނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ.

މިޝަލް ކެޕްރަލް މި 2 ރިކޯޑް ރާއްޖޭގައި ހަދައިފިނަމަ ބޭރު ގައުމުތަކުގައި ރާއްޖެ އިތުރަށް އިޝްތިހާރު ވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.