21 އަހަރުން ދަށުގެ ސައުތް އޭޝިއަން ރީޖަނަލް ބެޑްމިންޓަން މުބާރާތް އައްޑޫ ސިޓީގައި ފެށިގެން ކުރިއަށް އެބަދެ އެވެ.

ސާކުގެ ހަތް ޤައުމުގެ މެދުގައި ބާއްވާ 21 އަހަރުން ދަށުގެ މި މުބާރާތް ކުރިއަށްދަނީ އައްޑޫ ސިޓީގައި މުޅިން އަލަށް ބިނާކުރި އިންޑޯ ހޯލުގަ އެވެ. ޖުމްލަ ހަތަރު ކޯޓު ހިމެނޭގޮތަށް ދާދި ފަހުން ބިނާކުރި އިންޑޯ ހޯލަކީ އޭޝިއަން ބެޑްމިންޓަން އެޕްރޫވަލް ޓްރެއިނިން ހޯލެކެވެ. އަލަށް ގާއިމްކުރި މި ހޯލުގެ ފްލޯރިންއާއި، ހޯލުގައި ބޭނުންކުރާ ހުރިހާ ވަސީލަތްތަކަކީވެސް ބެޑްމިންޓަން އޭޝިއާއިން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ ތަކެއްޗެވެ. މި ހޯލުގެ މަސައްކަތް ނިންމާލާފައި މިވަނީ އަމަލީ މަސައްކަތް ފެށިތާ 32 ދުވަހުގެ ތެރޭގައެވެ.

ސާކް ސަރަހައްދުގެ ހަތް ގައުމުން ޖުމްލަ 56 އެތްލީޓުން މި މުބާރާތުގައި ވާދަކުރާއިރު މިއީ މި މުބާރާތް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިންވެސް މިމުބާރާތް ބާއްވަން ފުރުސަތު ލިބިފައިވީ ނަމަވެސް މީގެ ކުރިން މުބާރާތް ބޭއްވިފައި ނުވަނީ މިފަދަ އިންޓަނޭޝަަނަލް ބޮޑު މުބާރާތެއް ބާއްވަން އެކަޝީގެންވާ ވަރުގެ ވަސީލަތްތައް ޤާއިމްކުރެވުފައި ނެތިމުން ކަމަށް މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

އިއްޔެ އައްޑޫގައި ފެށުނު މި މުބާރާތުގެ ސަބަބުން މާލެއިން ކުޅިވަރުތައް ބޭރު ކުރުމަށް ކުރަމުންދާ މަސައްކަތައް ރަނގަޅު އަސަރެއް ކުރާނެ ކަމަށާއި ކުރިއަށް އޮތްތާގައި އެހެން ރަށްރަށުގައި ވެސް މިފަދަ މުބާރާތްތައް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ.

މިއަދު ފެށިގެންދިޔަ މުބާރާތަކ މިދިޔަ ދެ ހަފުތާ ތެރޭގައި ރާއްޖޭގައި ފެށި ބައިނަލްއަގުވާމީ ތިންވަނަ ބެޑްމިންޓަން މުބާރާތެވެ. ހަ އަހަރަށްފަހު ރާއްޖޭގައި ފެށި ފުރަތަމަ ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތަކީ މިދިޔަ މަހުގެ 17 އިން 23 އަށް ކުރިއަށްދިޔަ ލިނިންގް މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗަރ ސީރީސް އެވެ. 15 ގައުމަކުން 108 ކުޅުންތެރިން މި މުބާރާތުގައި ވާދަކުރި އިރު މިދިޔަ މަހު 24 އިން 29 އަށް ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖްގެ ނަމުގައި އިތުރު މުބާރާތެއް ވަނީ ބާއްވާފަ އެވެ. އެ މުބާރާތުގައި 45 ގައުމަކުން 268 ކުޅުންތެރިން ވަނީ ވާދަކޮށްފަ އެވެ.