އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އަތުން ބަލިވެ ޓޮޓެންހަމް ހޮޓްސްޕާސް އަށް އިތުރު ނުތަނަވަސްކަމަކާއި ކުރިމަތިވެއްޖެ އެވެ.

ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބްރައިޓަން އާއި ވާދަކޮށް ސްޕާސް ބަލިވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މީގެ ދެ ދުވަސްކުރިން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ޖަރުމަނުގެ ބަޔާން މިއުނިކް އަތުން ސްޕާސް ވަނީ 7-2ގެ ބޮޑު ތަފާތަކުން ބަލިވެފަ އެވެ. އެހެން ކަމުން ލީގުގެ ތޭރަ ވަނަ މަގާމުގައި އޮތް ބްރައިޓަން އަތުން ތިން ލަނޑުގެ ތަފާތުން ބަލިވުމުން ތިން ދުވަސްތެރޭގައި ސްޕާސް ކޮޅަށް ނުވަ ލަނޑު ވަދެފައިވެ އެވެ. މިއަދުގެ މެޗަކީ މި ސީޒަންގައި ސްޕާސް ހުރިހާ މުބާރާތެއް އެއްކޮށްގެން ބަލިވި ފަސް ވަނަ މެޗެވެ.

ސްޕާސް ކައިރިން ލިބުނު ތިން ޕޮއިންޓާއެކު ބްރައިޓަން ތާވަލުގެ ތޭރަ ވަނަ މަގާމަށް ޖެހިލީ އަށް މެޗުން ނުވަ ޕޮއިންޓް ހަމަކޮށްގެންނެވެ. މިވަގުތު އެގާރަ ޕޮއިންޓާއެކު ހަވަނައިގައި ސްޕާސް އޮތްއިރު އެހެން ޓީމުތަކަށްވުރެ އިތުރަށް ސްޕާސް އެއް މެޗު ކުޅެފައިވާތީ ލީގުގެ އަށްވަނަ ބުރު އެއްކޮށް ނިމޭއިރު މިއަށްވުރެ ދަށަައް އެޓީމު ވެއްޓުމުގެ ފުރުސަތު އެބައޮތެވެ.

މިއަދުގެ މެޗުގައި ބްރައިޓަންގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ ވަރަށް ކުރީކޮޅު އެވެ. އެގޮތުން ތިންވަނަ މިނެޓުގައި އެޓީމުގެ މިޑްފީލްޑަރު ޕާސްކަލް ގްރޮސް އޭރިއާ ތެރެއަށް ނަގައިދިން ހުރަސް ހުއްޓުވަން ކީޕަރު ހޫގޯ ލޯރިސް އޭރިއާ ތެރެއަށް ބޯޅަ ޕަންޗް ކުރި ގަޑީގައި ކައިރީގައި ހުރި ނިއަލް މައުޕޭ ވަނީ އެއް ޝޮޓުން ގޯލުގެ ތެރެއަށް ބޯލަ ވައްދާލާފަ އެވެ. އެގަޑީ ބޯޅަ ޕަންޗް ކުރުމުގެ ތެރޭގައި ލޯރިސްގެ ވައަތަށް އަނިޔާވެ އޭނާ ވަނީ ދަނޑުން ބާލާފަ އެވެ. ބަދަލުކުރުމުގެ ކުރިން ލޯރިސް އަށް ދަނޑުމަތީގައި އޮކްސިޖަން ދީގެން ފަރުވާދީފައިވެ އެވެ.

ބްރައިޓަންގެ ދެވަނަ ލަނޑު ކާމިޔާބުކުރީ 32 ވަނަ މިނެޓުގައި ބާންސް ނަގައިދިން ހުރަސް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެއަރޮން ކޮނޮލީ އެވެ. ބްރައިޓަންގެ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ކޮނޯލީ އެވެ. އޭނާ މެޗުގައި ޖެހި ދެވަނަ ލަނޑަކީ ޑިފެންޑަރު ލެވިސް ޑަންކް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސްޕާސްގެ ކުޅުންތެރިއެއްގެ ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ކަނަށް ތިރިތިރިން ބޯޅަ ފޮނުވާލައިގެން ޖެހި ލަނޑެކެވެ. މިއަދުގެ މެޗުގައި ކޮނޮލީ ޖެހި ދެ ލަނޑާއެކު އޭނާ ވެފައިވަނީ 1999 ވަނަ އަހަރުގެ ފަހުން ޕްރިމިއާ ލީގުގެ މެޗެއްގައި ދެ ލަނޑު ކާމިޔާބުކުރި އަޔަލޭންޑްގެ ޓީންއޭޖްގެ ފުރަތަމަ ކުޅުންތެރިއާ އަށެވެ.

މިއަދުގެ މެޗުގައި ސްޕާސްގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު އެޓީމަށް ފުރަތަމަ ހާފުގައި އިދިކޮޅުގެ ގޯލާއި އަމާޒުކޮށް ބޯޅަ އެއް ފޮނުވާލެވިފައިނުވެ އެވެ. ސްޕާސްގެ ފަރާތުން ކުޑަކޮށްވެސް ބްރައިޓަންގެ ގޯލަށް ނުރައްކާ އަމާޒުވީ ދެވަނަ ހާފުގެ ފަހު ފަނަރަ މިނެޓު ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބްރެޒިލްގެ ލޫކަސް މޫރާ ކުޅެން އެރި ހިސާބުންނެވެ.

ފޯވަޑް ސޮން ގެ ބަދަލުގައި ކުޅެން އަރައި ސްޕާސް އަށް މެޗުން ސުންކަޑުވައިދޭން މޫރާ ވަރަށް މަސަތްކަތް ކުރިއިރު 78 ވަނަ މިނެޓުގައި ބްރައިޓަންގެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ފުރަތަމަ ހަމަލާ ކީޕަރު ރަޔާން ވަނީ މަތަކޮށްފަ އެވެ. މޫރާގެ ދެވަނަ ހަމަލާގައި އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ ފަހު ކޮޅުގައި ކެޕްޓަން ހެރީ ކޭން އަށް ވެސް ހުސް ފުރުސަތެއް ލިބިގެންދިޔައިރު ގޯލުގެ ކުރިމަތީގައި ހުރެ އޭނާ ވަައަތު ފައިން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.