ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ކުރިއަށްދިޔަ ގައުމީ ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގައި ވިދިވިދިގެން ދެ ވަނަ އަހަރު 3000 މީޓަރު ދުވުމުން ގައުމީ ރެކޯޑް އާކޮށް، އެންމެ މޮޅު އެތުލީޓްގެ މަގާމް ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) މިއަދު ހޯދައިފި އެވެ.

10،000 މީޓަރު ދުވުމާއި 5000 މީޓަރު ދުވުމުގެ ޓްރެކް އަދި ރޯޑުގެ ވެސް ގައުމީ ޗެމްޕިއަން ފަޒީލް މިއަދު 3000 މީޓަރު ދުވުމުގެ ރެކޯޑު އާކުރީ 9:11 މިނެޓުން ދުވެގެންންނެވެ. 2011 ވަނަ އަހަރު 9:41 މިނެޓުން ދުވެ އަޒްހާމް ވަހީދު ހަދާފައިވާ މި އިވެންޓުގެ ރެކޯޑު ފަޒީލް އެންމެ ފުރަތަމަ މުގުރާލީ 9:29 މިނެޓުން ދުވެގެންނެވެ. ބޮޑު ފަރަގަކާއެކު ފަޒީލް އޭނާގެ މަގާމު މިއަދު ދިފާއު ކުރިއިރު މިއަދުގެ ރޭހުގައި ފަޒީލުގެ ފަހަތުން ރިހި މެޑަލް ހޯދީ 9:12 މިނެޓުން ދުވި މުހައްމަދު ރަޝީދު (މޯޑް) އެވެ. ލޯ މެޑަލް ހޯދީ 10.14 މިނެޓުން ދުވި އައިމަން ޚާލިދެވެ.

އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް ހޯދީ މިއަދު 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ޖުމްލަ ތިން ރަން މެޑެއްޔާ އެކު އައިޝަތު ހިމްނާ ހަސަން އެވެ. ހިމްނާ ވަނީ އިއްޔެ 100 މީޓަރު ދުވުމުންނާއި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. އެއް ވަނަ އަންހެން އެތުލީޓް ހިމްނާ 200 މީޓަރުން ރަން މެޑަލް މިއަދު ހޯދީ 26.09 ސިކުންތުން ދުވެގެންނެވެ. އެ ރޭހުން ރިހި މެޑަލް ހޯދީ 27.40 ސިކުންތުން ދުވި ނަޝާ ނިޒާރެވެ. ލޯ މެޑަލް ހޯދީ 28.06 ސިކުންތުން ދުވި ރިފާ މުހައްމަދެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިއާ ހަސަން ސާއިދު ވެސް ވަނީ ގައުމީ ގްރޯން ޕްރީގައި ތިން ރަން މެޑަލް ހާސިލްކޮށްފަ އެވެ. މިއަދު 200 މީޓަރު ދުވުމުން ސާއިދު އެއްވަނަ ހޯދިއިރު އޭނާ ވަނީ އިއްޔެ 100 މީޓަރު ދުވުމާއި 400 މީޓަރު ދުވުން ވެސް ކާމިޔާބުކޮށްފައެވެ. ސާއިދު އަށް ގްރޯން ޕްރީގެ އެންމެ މޮޅު އެތުލީޓުގެ މަގާމް ލިބޭގޮތް ނުވީ ފަޒީލް މުގުރާލި ރެކޯޑާ އެކު އޭނާ އަށް ލިބުނު ޕޮއިންޓް ގިނަ ވުމުންނެވެ.

ފިރިހެނުންގެ 200 މީޓަރު ދުވުމުން ސާއިދު ރަން މެޑަލް ހޯދީ 22.68 ސިކުންތުން ދުވެގެންނެވެ. އޭނާއާ ވާދަކޮށް ރިހި މެޑަލް ހޯދީ 22.95 ސިކުންތުން ދުވި އިބްރާހިމް އަޝްފާން އަލީ (އައްޕި) އެވެ. އަދި ލޯ މެޑަލް ހޯދީ 23.08 ސިކުންތުން ދުވި ޒުވާން ދުވުންތެރިއާ އިބާދުﷲ އާދަމެވެ.

އަންހެނުންގެ 3000 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައިވަނީ 13:44 މިނެޓުން ދުވެގެން ޒުލައިޚާ އަބްދުﷲ އެވެ. ރިހި މެޑަލް ހޯދީ ސަމްހާ މުހައްމަދެވެ. އޭނާ ދުވެފައިވަނީ 14.04 މިނެޓުންނެވެ. ލޯ މެޑަލް ހޯދީ 14:26 މިނެޓުން ދުވި ފާތިމަތު އަލްޔާ އިބްރާހީމެވެ.

ގްރޯން ޕްރީގައި ހިމެނޭ ހަމައެކަނި ޓްރެކް އެންޑް ފީލްޑް އިވެންޓް ކަމަށްވާ ލޯންގް ޖަމްޕުގެ އަންހެނުންގެ ބައިން ރަން މެޑަލް ހޯދީ އައިޝަތު ޝައިމް އަޒީޒެވެ. އޭނާ ފުންމާފައިވަނީ 4.46 މީޓަރަށެވެ. ރިހި މެޑަލް ހޯދީ 4.34 މީޓަރަށް ފުންމި ރިފާ މުހައްމަދެވެ. އަދި ލޯ މެޑަލް ހޯދީ 4.27 މީޓަރަށް ފުންމައިގެން ނޫރާ އަބްދުލްހަމީދެވެ.

މި ބައިގައި އިއްޔެ ކުރިއަށްދިޔަ ފިރިހެނުންގެ އިވެންޓުން ރަން މެޑަލް ހޯދީ 5.96 މީޓަރަށް ފުންމި ދުވުންތެރިޔާ ނުޖޫމެވެ. ރިހި މެޑަލް ހޯދީ ސުޒައިން މުހައްމަދެވެ. އޭނާ ފުންމާފައިވަނީ 5.92 މީޓަރަށެވެ. އަދި ލޯ މެޑަލް ހޯދީ 5.89 މީޓަރަށް ފުންމި އިބްރާހިމް ރާފިލް ވާފިރެވެ. މި 3 އެތްލީޓުންނަކީވެސް ތިނަދޫގެ އެތްލީޓުންކަން ފާހަގަކޮށްލެވެއެވެ.