މި މަހުގެ ފަހުކޮޅު މާލޭގައި ކުރިން ބާއްވަން ހަމަޖެހިފައި އޮތް ރާޅާ އެޅުމުގެ ގައުމީ މުބާރާތް ފަސްކޮށްފިއެވެ.

ރަންނަމާރި ޗެލެންޖް 2019 ގެ ނަމުގައި މޯލްޑިވްސް ސާފިންގް އެސޯސިއޭޝަނުން ކުރިއަށްގެންދަން ރާވައިފައިވާ މި މުބާރާތް މިހާރު ބާއްވަން އެ އެސޯސިއޭޝަނުން ނިންމައިފައިވަނީ 27 ނޮވެމްބަރުން ފެށިގެން 6 ޑިސެމްބަރުގެ ނިޔަލަށެވެ. ކުރިން މި މުބާރާތް ބާއްވަން ނިންމާފައި އޮތް ތާރީހަކީ މި މަހުގެ 20 އިން 26 އަށެވެ.

ސާފިން އެސޯސިއޭޝަނުން ބުނެފައިވާ ގޮތުގައި ގައުމީ މުބާރާތް ލަސްކުރީ ކުރިން މުބާރާތް ބާއްވަން ހަމަޖެއްސި ދުވަސްވަރާއި މިއަހަރުގެ ކެމްބްރިޖް އޯ ލެވެލް އިމްތިހާން އޮންނަ ދުވަސްވަރާ ދިމާވުމުގެ ސަބަބުން މުބާރާތުގެ ޖޫނިއަރ ކެޓަގަރީ ތަކުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް ދަތިތަކެއް ހުރެދާނެ ކަމަށް ބަލައި ވީހާވެސް ގިނަ ފަރާތްތަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށެވެ.

ރާޅާ އެޅުމުގެ ފުރަތަމަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ސާފިންގް އެސޯސިއޭޝަނުން މިހާރު ހުޅުވާލައިފައިވާއިރު އެ މުބާރާތުގައި ސާފަރުންނަށް ވާދަކުރެވޭނެ ކެޓަގަރީތައް ވަނީ ކަނޑައަޅައިފައެވެ. ފަސް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ބާއްވާ ފުރަތަމަ ގައުމީ މުބާރާތުގައި މިފަހަރު ހިމެނެނީ ފިރިހެނުންގެ އޯޕަން ކެޓަގަރީ އާއި 18 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭ ޖޫނިއާސް ކެޓަގަރީ އާއި، ދައުވަތު ދެވޭ ވަކި ހާއްސަ ފަރާތްތަކަކުން ވާދަކުރާ މާސްޓާސް ކެޓަގަރީގެ އިތުރުން ވިމެންސް އެކްސްޕްރެޝަން ކެޓަގަރީ އެވެ.

ރާޅާ އެޅުމުގެ ގައުމީ މުބާރާތެއް މި ބާއްވަނީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ. އެންމެ ފަހުން ބޭއެވި ރާޅާ އެޅުމުގެ ގައުމީ މުބާރާތް ކުރިއަށްގެން ގޮސްފައިވަނީ 2014 ވަނަ އަހަރުގެ ކުރީކޮޅުއެވެ. މި މުބާރާތް ނުބޭއްވުނީ މާލެއާއި ހުޅުމާލެއާއި ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖްގެ މަސައްކަތަށް މާލޭގައި ރާޅާ އެޅުމަށް ބޭނުންކުރަމުން އަންނަ ސަރަހައްދު ބަންދުކުރަންޖެހުމާ ގުޅިގެން ކަމަށް މޯލްޑިވްސް ސާފިންގް އެސޯސިއޭޝަނުން ކުރިން ވަނީ ބުނެފަ އެވެ.

މިއަހަރުގެ ތެރޭގައި ރާޅުގަނޑު ސަރަހައްދު އަލުން ބޭނުންކުރެވެން ފެށި ފަހުން ގައުމީ ރާޅާއެޅުންތެރިންގެ ޓީމް އެކުލަވާލުމަށްޓަކައި މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ރާޅާއެޅުމުގެ މުބާރާތެއް ސާފިންގް އެސޯސިއޭޝަނުން ވަނީ ބާއްވައިފައެވެ. “ޓްރައަލްސް 2019” ގެ ނަމުގައި ކުރިއަށްދިޔަ އެ މުބާރާތުގެ ފައިނަލްގައި ވާދަކުރި ހަތަރު ރާޅާއެޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ދިންއިރު އެ މުބާރާތް ކާމިޔާބުކޮށްފައިވަނީ އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ.

އެ މުބާރާތް ގދ. ގައްދޫ އަށް އުފަން ސްމައިލީ ކާމިޔާބުކުރި އިރު ކ. ތުލުސްދޫ އަށް އުފަން ދެ ރާޅާ އެޅުންތެރިން ކަމަށްވާ އަހްމަދު އާގިލް އާއި ހަސަން ނާސިހްގެ އިތުރުން ރ. ރަސްމާދޫއަށް ނިސްބަތްވާ ހުސައިން އަރީފް އަކީ މުބާރާތުގެ ފައިނަލުގައި ސްމައިލީ އާއި ވާދަކުރި ހަތަރު ކުޅުންތެރިންނެވެ. މި ހަތަރު ކުޅުންތެރިންނާއެކު ރާއްޖެ ވަނީ 17 އަހަރަށްފަހު ވޯލްޑް ސާފިންގް ގޭމްސްގައި ދާދި ފަހުން ވާދަކޮށްފަ އެވެ.

ރާޅާ އެޅުމުގެ ގައުމީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 17 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މުބާރާތުގައި ބައިވެރިވާން އޮންލައިންކޮށް ރަޖިސްޓްރީކުރުމުގެ ފުރުސަތުވެސް ސާފިންގް އެސޯސިއޭޝަނުން ވަނީ ހުޅުވާލައިފައެވެ.