އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީގެ މައްޗަށް ކުރިހޯދައި ލިވަޕޫލުން ތާވަލުގެ އެންމެ ކުރީގައި ބޮޑު ލީޑެއް ނަގައިފި އެވެ.

މިރޭ އެންފީލްޑްގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 2-1ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ލިވަޕޫލަށް އަށް މެޗުން އަށް މޮޅު ލިބިފައިވާއިރު އެޓީމުން ވަނީ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު އަށް ޕޮއިންޓަށް ފުޅާކޮށްފަ އެވެ. ސިޓީ އަށްވުރެ އިތުރަށް ލިވަޕޫލުން އެއް މެޗު ކުޅެފައިވުމުން މާދަމާ ރޭ ވޮލްވަހޭމްޓަން ވޮންޑަރާސް އަތުން މޮޅެއް ހޯދައިގެން އަނެއްކާވެސް ފަސް ޕޮއިންޓަށް ފަރަގު ކުޑަކުރުމުގެ ފުރުސަތު ސިޓީ އަށް އެބައޮތެވެ.

މިރޭގެ މެޗުން ބަލިވި ކަމުގައިވިޔަސް ލެސްޓާ އަދިވެސް އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެޓީމަށް ސާދަ ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނަ އަދި ފަސްވަނައިގައި ބާރަ ޕޮއިންޓާއެކު އޮތް ބާންލީ އާއި އާސެނަލް އަންނަނީ ތާވަލުގެ ގަދަ ތިނަކަށް އަތްގަދަ ކުރަމުންނެވެ. އެގޮތުން މާދަމާ ރޭ ބޯންމައުތު އަތުން އާސެނަލް އަށް ތިން ޕޮއިންޓް ލިބިއްޖަނަމަ އެޓީމަށް ތާވަލުގެ ތިންވަނަ އަށް ޖެހިލުމުގެ ފުރުސަތު އެބަައޮތެވެ.

މިރޭގެ ލެސްޓާ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަަހައި ކުރިހޯދީ ލިވަޕޫލުންނެވެ. ތަޖުރިބާކާރު މިޑްފީލްޑަރު ޖޭމްސް މިލްނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާދިއޯ މާނޭ އެވެ. މިރޭގެ މެޗަކީ މާނޭ ލިވަަޕޫލް ޖާޒީގައި ފެނިގެންދިޔަ 100 ވަނަ މެޗެވެ.

މާނޭގެ ލަނޑަށްވުރެ ކުރިން މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިވަޕޫލްގެ ފުލްބެކް އެލެގްޒާންޑާ އަރްނޯލްޑް އުފެއްދި ހަމަލާތަކުގައި ރޮބާޓޯ ފާމީނޯ އާއި މިލްނާ އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. މީގެ އިތުރަށް ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް މާނޭ ލިވަޕޫލްގެ ލީޑު ފުޅާކުރަން ފޮނުވާލި ބޯޅަ ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ.

ދެވަނަ ހާފު ވެސް ލިވަޕޫލް ފެށީ ވަރުގަދަ ކޮށެވެ. އެގޮތުން މިސްރުގެ ފޯވަޑް މުހައްމަދު ސަލާހު ފޮނުވާލި ބޯޅަ ޝްމައިކަލް ހުޝިޔާރުކަމާއެކު ހުއްޓުވިއިރު ފުލްބެކް އެންޑްރޫ ރޮބަޓްސަން އާއި ފާމީނޯގެ ހަމަލާތައް ގޯލަކަށް ބަދަލެއް ނުވި އެވެ. ލިވަޕޫލަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއެއްގެ ގޮތުން ލެސްޓާ އިން 80 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ އެއްވަރު ކުރި އެވެ. މިޑްފީލްޑަރު އަޔޯޒު ޕެރޭޒް ދިން ބޯޅައެއްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޖޭމްސް މެޑިަސަން އެވެ.

މެޑިސަންގެ ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ވެގެންދިއުމުގެ އިތުރަށް ލިވަޕޫލަށް އިތުރު ނުތަނަވަސްކަމަކާއި ކުރިމަތިވީ މެޗުގެ ފަހުކޮޅު ސަލާހު އަށް ލެސްޓާގެ ހަމްޒާ ޗައުދްރީ ކުރި ފައުލަކާއި ގުޅިގެން އަނިޔާވެ އޭނާ ދަނޑުން ބޭލުމުންނެވެ.

ޕްރިމިއާ ލީގުގައި މިރޭގެ މެޗުގެ ކުރިން ލިވަޕޫލުން ވަނީ އެޓީމު އެންމެ ފަހުން ކުޅުނު ސޯޅަ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. ލިވަޕޫލުން ދަހަމައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އަށް ނިމުމެއް އަންނަމުން ދަނިކޮށް އެޓީމަށް މެޗުން ތިން ޕޮއިންޓް ކަށަވަރުވެގެންދިޔައީ އިތުރު ވަގުތުގައި ޖޭމްސް މިލްނާ ލަނޑެއް ޖެހުމުންނެވެ. މިލްނާ ލަނޑު ކާމިޔާބުކުރީ ލެސްޓާގެ އޭރިއާ ތެރެއިން މާނޭ އަށް މާކް އަލްބްރައިޓަން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އެއްގަ އެވެ.

މިރޭގެ މޮޅާއެކު ލިވަޕޫލުން ލީގުގައި ޖެހިޖެހިގެން 17 މޮޅު ހޯދާފައިވާއިރު ރެކޯޑު އޮތީ 18 މެޗާއެކު މެންޗެސްޓާ ސިޓީ އަތުގަ އެވެ.