ސްޕެނިޝް ލަލީގާގައި ގްރަނާޑާގެ މައްޗަށް ކުރިހޯދައި ރެއާލް މެޑްރިޑުން ތާވަލުގެ އެންމެ ކުރީގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ނިމިގެންދިޔަ ޓްރާންސްފާ ބާޒާރުގައި އިނގިރޭސިވިލާތުގެ ޗެލްސީން ރެއާލަށް ބަދަލުވި އެޑެން ހަޒާޑް މެޑްރިޑްގެ ޖާޒީގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑާއެކު ގްރަނާޑާގެ މައްޗަށް އެޓީމުން ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ރެއާލް އަށް ލަލީގާ ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފައިވާއިރު އެޓީމުން ވަނީ މިހާތަނަށް ކުޅުނު އަށް މެޗުން އަށާރަ ޕޮއިންޓް ހޯދާފަ އެވެ. ދެވަނައިގައި ސާދަ ޕޮއިންޓާއެކު ގްރަނާޑާ އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ތިންވަނަ މަގާމުގައި އޮތީ އެތުލެޓިކޯ މެޑްރިޑް އެވެ.

ރޭގެ މެޗުގައި ރެއާލުން ޖެހި ފުރަތަމަ ލަނޑު މެޗު ފެށިގެން ދެ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ފޯވަޑް ކަރިމް ބެންޒޭމާ އެވެ. ބެންޒެމާ ލަނޑު ޖެހީ ވޭލްސްގެ ގެރެތު ބޭލް ދިން ޕާހަކުންނެވެ. ދެ ވަނަ ލަނޑު ހަޒާޑް ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. މިޑްފިލްޑާ ފޭޑޭ ވަލްވޭޑޭ ދިން ބޯޅަ ހަޒާޑު ގޯލުގެ ތެރެއަށް ވައްދާލީ ގްރަނާޑާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ކީޕަރު ބޯ މަތިންނެވެ.

ރެއާލްގެ ތިން ވަނަ ލަނޑު ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗެވެ. ހަޒާޑް ލިދިން ބޯޅައެއްގައި އޭރިއާގެ ބޭރުން މޮޑްރިޗް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ރެއާލުން ތިން ލަނޑުގެ ލީޑެއްގައި އޮވެ މެޗުން މޮޅުވަމުންދަނިކޮށް ގްރަނާޑާ އަށް ސުންކަޑުވައިދިނީ 69 ވަނަ މިނެޓުގައި ޑާވިން މަޗިސް އެވެ. އޭނާ ލަނޑު ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީ އެއްގަ އެވެ. އޭގެ ބާރަ ވަރަކަށް މިނެޓު ފަހުން އެ ޓީމުގެ ޑޮމިނިގޯސް ޑުއަޓްރޭ ވަނީ ލިބުނު ކޯނަރެއްގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފަ އެވެ.

މެޗުގެ ނަތީޖާގެ ފަރަގު އެއް ލަނޑަށް ކުޑަ ކުރުމަށް ފަހު ގުރަނާޑާއިން ވަރަށް ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ހަމޭސް ރޮޑްރިގޭޒް ވަނީ މެޗުގެ އެންމެ ފަހު މިނެޓްގައި ރެއާލުން އުފެއްދި ކައުންޓާ ހަމަލާއެއްގައި އިދިކޮޅު ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށް ފަރަގު ދެ ލަނޑަށް އަނެއްކާވެސް ބަދަލުކޮށްފަ އެވެ.