ދުނިޔޭގެ އެންމެ މަޝްހޫރު މިކްސްޑް މާޝަލް އާޓްސް މުބާރާތް ކަމަށްވާ އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫއެފްސީ)ގެ މެޗުތައް ދިރާގު ޓީވީން ލައިވްކޮށް ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.

މި މެޗުތައް ބަލަން ބޭނުންވާ މީހުންނަށް ދިރާގު ޓީވީ މެދުވެރިކޮށް ޓީވީން ނުވަތަ ފޯނުން މެޗުތައް ބަލާލެވޭނެ އެވެ. މެޗުތައް ވަގުތުން ދައްކާ ޗެނަލްތަކުގެ ތެރޭގައި ސޮނީ ޓެން 2 އެޗްޑީ އާއި ސޮނީ ޓެން 3 އެޗްޑީ އަދި ސޮނީ ސިކްސް އެޗްޑީ ހިމެނެ އެވެ.

މިކްސް މާޝަލް އާޓް ފެނިގެންދާ އަލްޓިމެޓް ފައިޓިންގް ޗެމްޕިއަންޝިޕަކީ ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޗެމްޕިއަންޝިޕެކެވެ. 1993 ވަނަ އަހަރު އުފެދިގެން އައި ޔޫއެފްސީ އަކީ އެމެރިކާގެ ލާސް ވޭގަސްގައި ކުރިއަށްދާ މުބާރާތެކެވެ. މި ޗެމްޕިއަންޝިޕުގެ މެޗުތައް މިއަދު ހެނދުނުގައިވެސް ކުރިއަށްދާނެ އެވެ. އެގޮތުން ލައިޓްވެއިޓާއި މިޑިލްވެއިޓާއި ހެވީވެއިޓްގެ މެޗުތައް މިއަދު އޮންނާނެ އެވެ.

ދިރާގުން ބުނީ ޔޫއެފްސީގެ އެހެން މެޗުތައް އޮންނަ ތާރީހާއި ވަގުތު އެ ކުންފުނީގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް އާއްމުކުރަމުން ގެންދާނެ ކަމަށެވެ.

ދިރާގު ޓީވީ ބޭނުންކޮށްގެން ކަސްޓަމަރުންނަށް އެންމެ ފަހުގެ ކުޅިވަރު މެޗުތައް ބަލާލެވޭއިރު ދިރާގު ޓީވީން ގިނަ އަދަދެއްގެ ކުޅިވަރު ޗެނަލްތައް ލިބެ އެވެ. ގާތްގަނޑަކަށް 90 އަށް ވުރެ ގިނަ ޗެނަލް ދިރާގު ޓީވީން ލިބެ އެވެ.