ޖިންސީ ގޯނާގެ ތުހުމަތުގައި އިއްޔެ ހެނދުނު ހައްޔަރުކުރި ގައުމީ ކްރިކެޓް ޓީމުގެ ކޯޗު ދެކުނު އެފްރިކާގެ އާސިފް ޚާން ކުޑަކުދިން ހިމެނޭ ގޮތަށް ބައެއް ކުޅުންތެރިންނަށް ޖިންސީ ގޯނާކޮށްފައިވާކަން އިތުބާހުރި މަސްދަރުތަކުން ޔަގީންވާ ކަމަށާއި އަދި އެ މައްސަލައިގެ ހަގީގަތް ނުބަލައި އޭނާ ރާއްޖެއިން ފުރުވާލަން ކްރިކެޓް ބޯޑުން މަސައްކަތްކުރި ކަމަށް ގައުމީ ފިރިހެން އަދި އަންހެން ކްރިކެޓް ޓީމުގެ ކުޅުންތެރިން ބުނެފި އެވެ.

ދިވެހި އަންހެން އަދި ފިރިހެން ކްރިކެޓް ކުޅުންތެރިންގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެ މައްސަލަތަކާ ހެދި އާސިފް ހާން ކުއްލިއަކަށް އިސްތިއުފާ ދިން ދިނުން ކްރިކެޓް ބޯޑުން ސިއްރު ކުރުމަށް ފަހު މަސައްކަތް ކުރީ އޭނާ ގައުމުން ފުރުވާލަން ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވާގޮތުން ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރު މަތިން އާސިފް ޖިންސީ ގޯނާކޮށްފައިވާކަން ތުހުމަތުކުރެވޭ ކަމަށާއި އޭގެ ތެރޭގައި ގިނައީ 18 އަހަރު ނުފުރޭ ކުޅުންތެރިން ކަމަށެވެ.

"އާސިފް ހާންގެ ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކަމާބެހޭ މުއައްސަސާތަކަށް ހުށަނާޅައި، ކްރިކެޓް ބޯޑުން އޭނާ ފުރުވާލަން އުޅުނު މައްސަލަ ހަރުކަށި ކޮށް ކުށްވެރި ކުރަން،" ކުޅުންތެރިންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ކުޅުންތެރިން އިތުރަށް ބުނެފައި ވަނީ ކްރިކެޓްގެ އުސޫލުތަކާއި ހަމަތައް ހިފަހައްޓަން ތިބި ކްރިކެޓް ބޯޑުގެ ފަރާތުން ފެނުނު ކަންތައްތަކުން މި ހިނގާދިޔަ ކަންކަމުގައި ބޯޑު ފެއިލް ވެފައިވާކަން ހާމަކޮށްދޭ ކަމަށެވެ. އަދި ބޯޑުން މިކަމުގައި އަމަލުކުރި ގޮތުގެ ސަބަބުން ޖިންސީ ގޯނާގެ ޝިކާރަޔަކަށްވި ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާތަކަށް އިތުރު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ކުޅުޅުންތެރިން ދެކެ އެވެ. އެކަމަކު ކްރިކެޓް ކުޅުންތެރިންގެ ހައިސިއްޔަތުން އެ ކުޅުންތެރިން ތިބީ ކްރިކެޓުގެ އުސޫލުތައް އަލުން އާލާކޮށް ހުރިހާ ކުޅުންތެރިންނަށް ވެސް ރައްކާތެރި މާހައުލެއް މި ކުޅިވަރުގެ ގާއިމްކޮށްދޭން ތައްޔާރަށް ކަމަށް ބަޔާނުގައިވެ އެވެ.

ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި، ދެކުނު އެފްރިކާއަށް ނިސްބަތްވާ އާސިފް ޚާން އިއްޔެ ހައްޔަރު ކުރީ އެއާޕޯޓަށް ފުރަން ގޮސް ހުއްޓަ އެވެ.

އާސިފް ހާން ހައްޔަރު ކުރުމަށް ފަހު ފުލުހުން ބުނީ އިއްޔެ ހެނދުނު 8:20 ހާއިރު ސައުތު އެފްރިކާގެ 46 އަހަރުގެ ފިރިހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައިވާ ކަމަށެވެ. އޭނާ ހިފަހައްޓާފައިވަނީ 18 އަހަރުން ދަށުގެ ކުދިންތަކަކާއި 18 އަހަރުން މަތީގެ ބަޔަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރުމަށް ފަހު މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ގައުމީ ކްރިކެޓް ޓީމުގެ ކޯޗުކަން އާސިފް ކުރަމުން އަންނަނީ މިދިޔަ އަހަރުން ފެށިގެންނެވެ. ކުރިން ސިންގަޕޫރުގެ ގައުމީ ޓީމަށްވެސް ކޯޗް ކޮށްދިން، އާސިފްގެ ކޯޗުކަމުގައި ރާއްޖޭން ވަނީ މެލޭޝިއާގައި ޖޫން މަހު އޮތް ބައިނަލްއަގްވާމީ ޓްރި-ނޭޝަންސް ޓީޓްވެންޓީ މުބާރާތުން ދެ ވަނަ ހޯދައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ސައްދާމް

  ތުހުމަތެއްނޫން ކެޔޮކޭވަރު އެންގޭނީ ބިތުފަންގި ނެގީމަކަމަށް ބުނެއުޅޭ. ބިއްވެސް ލުއްސާލާފި އެކަމަކުވެސް ކެޔޮކޭވަރު ނޭގޮގެން ބޯޑުން އެއުޅެނީ.

 2. އަލިބެއްޔާ

  ކުޅޭށެ ކުރިކެޓު ކުޅޭށެ ކުރިކެޓު ބަހާއި އަމަލުން ކުޅޭށެ ކުރިކެޓު، މިއޮތީ މިފަހަރު ކޯޗު ކުޅެފައި. ބޯޑު ނުކުތީ މަތިޖަހަން.

 3. މަބޭ

  ކުރިކެޓްބޯޑް އެއްކޮއް އިސްތިއުފާ ދޭންޖެހޭ

 4. ހަބީބު ޝާޒު

  މިނިސްޓަރ ޝާހިދުގެ އުއްމީދު: ރާއްޖޭގެ ކްރިކެޓް އެންމެ މަތީ ފަންތިއަށް ގެންދިއުން. މީމިދާކަށް ފަހުން މިނިސްޓަރު ވިދާލުއްވި ބަސްފުޅު. މިއަދު މިއޮތީ އިންޑިޔާ އާއި އެއްފެންވަރަކަށް ކުރިކެޓް ތަރައްގާ ވެފައި.

 5. ޖުހާގެ ދަރި

  ކުރިކެޓް ބޯޑުގެ އެކަނި އިހުމާލެއްނޫން، ނައިބް ރައީސްގެވެސް ލަފާގެ މަތިން ކަމަށްވަނީ ކޯޗު ބޭރުކޮށްލާން އުޅުނީ. ރާއްޖޭގެ ކްރިކެޓަށް ލިބިދާނެ ހުތުރު ނަމެއްގެ ސަބަބުން. ކޯޗުގެ ހަމަލާގެ ޝިކާރަޔަކަށްވީ ކުދިންގެ ހައްގެއްނެތް.

 6. ގޮވެލި

  މިހާހިސާބައް ދިޔައީމާ ދެން ބޯޑުގެ ސިލެކްޓާސް އަދި އެކްސްކޯ ގެ އިތުރުން ކޯޗު އައްޔަންކުރި ފަރާތް މިހިންދުން މިހިދަށް އިސްތިއުފާ ދީފައި ގޭގައި މަޑުކޮއްލާ. އަދި މިމީހުންގެ މައްސަލަ ވަރަށް ރަގަޅައް ބެލެންޖެހޭ.

 7. އުތީމު 3 ބެއިން

  އަދިވެސް މާންޑޭމެން މޭފުއްޕާފަ ބުނާތި ތިމަންނާމެންގެ ސަރުކާރޭ. ޥަރަށް ތާހިރެއްނުން އަދި މިއުޅެނީ އެއް އަހަރު ނުވެ މިއޮތީ މުޅި ކުރިމަގު ދޮވެލާފަ.

 8. ހަގީގީ ބޮޑު ސޭލް

  ރާއްޖޭގެ ދިވެހި ވަންތަކަން ދައްކުވައިދޭ ދިވެހި ލޭގެނކުލައިން ޖަރީކޮށްފައިވާ ގައުމީ ޖާޒީ ބައިގެ ކުލަ ބަދަލްކޮށް އޭގައި އިންޑިޔާގެ ދިދަ ޖަހާ ހެދުމުގެ ނަތީޖާއަކަށް މިވީ ދިވެހިވަންތަކަން ކުދިންގެ ކިބައިން ދިއުން އަދި އުގަންނާދޭ މީހުނަށްވެސް ދިވެހިންގެ ސުލޫކީ މިންގަންޑު ދަސްނުވުން.

 9. އަފޫ

  އަޅުގަނޑުމެން ކްރިކެޓް ބޯޑުގެ ފަރާތުން މިކަން ވަރަށް ހަރުކަށި އިބާރާތުން ކުއްވެރި ކުރަން އެހެންވެ ކޯޗު ޑީޕޯރޓް ކޮށްލަން އުޅުނީ.

 10. ކައި

  ކޮބާ އަނގަ ފުޅާކޮށްފައި އުޅޭ ޔޫތު މިނިސްޓަރު. ކެލޭގެ ޒިންމާ އަކީ ކޮބާ މިކަމުގައި. މިވެސް ޔާމީނު ބޮލަށް ކަނޑާލާ