އަންނަ އަހަރު އޮންނަ އޭއެފްސީ ނަވާރަ އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ރާއްޖެ ކުޅުނު ތިންވަނަ މެޗުގައި ލުބްނާން އަތުން ބަލިވެ ކޮލިފައިންގް ނިންމާލައިފި އެވެ.

ތަޖިކިސްތާނުގައި މިއަދު ކުޅުނު "ގްރޫޕު ސީ"ގެ މެޗުގައި ލުބްނާން އަތުން ރާއްޖެ ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ލުބްނާނުން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާދަމް ހިޖާޒީ އެވެ. އޭގެ ފަހުން ދެވަނަ ހާފުގެ 76 ވަަނަ މިނެޓުގައި އެޓީމުގެ އަބްދުލް ރައްޒާގުގެ ލަނޑުން ލުބްނާނުން ލީޑު ފުޅާކުރިއިރު މެޗުގެ އިތުރު ވަގުތުގައި ރާއްޖޭގެ އިބްރާހިމް ސާވީ އަށް ރެފްރީ ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. މި މެޗުން ރާއްޖެ ބަލިވި ނަމަވެސް ޖުމްލަގޮތެއްގައި ދިވެހި ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަކަން ފާހަގަކޮށްލެވެ އެވެ. މިއަދުގެ ނަތީޖާއާއެކު އަންނަ އަހަރުގެ ޗެމްޕިއަންޝިޕަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެ އަށް ވަނީ ގެއްލިފައެވެ.

ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ތަޖިކިސްތާން އަތުން ތަފާތު ބޮޑު ނަތީޖާއަކުން ވަނީ ބަލިވެފައެވެ. މިދިޔަ ބުދަ ދުވަހު ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 9-0ގެ ނަތީޖާއަކުންނެވެ. އޭގެ ފަހުން ދެވަނަ މެޗުގައި ސީރިއާއި ދެކޮޅަށް ރާއްޖެ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އެ މެޗުގައި ފުރަތަމަ ލީޑު ނަގައި ކުރިހޯދީވެސް ރާއްޖެ އިންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސީރިއާ އިން ފަހަތުން އަރައި 2-1ގެ ލީޑެއް ނެގި ނަމަވެސް ރާއްޖެ އިން ދެވަނަ ހާފުގައި މެޗުގެ ނަތީޖާ އެއްވަރު ކުރި އެވެ. ނަމަވެސް އެ ނަތީޖާގައި ހިފަހައްޓާނުލެވި ރާއްޖެ މެޗުން ބަލިވީ 3-2 އިންނެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް ސީގެ އެއްވަނައިގައި އޮތީ ހަ ޕޮއިންޓާއެކު ތަޖިކިސްތާނެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާއެކު ސީރިއާ އޮތްއިރު ތިންވަނައިގައި އެއް ޕޮއިންޓާއެކު އޮތީ ލުބްނާނެވެ. މި ގްރޫޕްގެ ފަހު މެޗުގައި މިރޭ ތަޖިކިސްތާނާއި ސީރިއާ ވާދަކުރާނެ އެވެ.

އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައި ވާދަކުރި ޒުވާން ގައުމީ ޓީމަކީ ނިމިގެންދިޔަ މަހު ނޭޕާލުގައި ބޭއްވި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރަނގަޅު ނަތީޖާއެއް ހޯދި ޓީމެކެވެ. އެޓީމުން ވަނީ އެ މުބާރާތުގެ ތިންވަނަ ހޯދައިފައެވެ. އެއީ މިހާތަނަށް އެ މުބާރާތުން ރާއްޖެއިން ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.

އޭއެފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕަކީ 1959 އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި މުބާރާތް އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ ސައޫދީ އަރަބިއާ އެވެ. މިދިޔަ އަހަރު އިންޑޮނޭޝިއާގައި އޮތް މުބާރާތް ސައުދީ އަރަބިއާ އިން ކާމިޔާބުކުރީ ފައިނަލުގައި މުބާރާތުގެ ތަށި އެންމެ ގިނަ ފަހަރު އުފުލާފައިވާ ދެކުނު ކޮރެއާގެ މައްޗަށް 2-1ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މިއީ ސައުދީން މި ތަށި ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.

އަންނަ އަހަރު މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އުޒްބެކިސްތާނުގަ އެވެ. މިއަދު އޭޝިއާ ބައްރުގެ 46 ގައުމަކާއެކު ފެށި ކޮލިފައިން މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު ޗެމްޕިއަންޝިޕުން ފުރުސަތު ލިބިގެންދާނީ ޖުމްލަ 16 ޓީމަށެވެ. އެގޮތުން ކޮލިފައިންގައި ވާދަކުރާ 46 ގައުމު 11 ގްރޫޕަކަށް ބަހާލައިގެން މެޗުތައް ކުޅެ ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ހޯދާ ޓީމާއި ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށް ބޮޑު މުބާރާތުން ޖާގަ ލިބޭނެ އެވެ.