ފިންލެންޑް، ރަޝިއާ އަދި އިންޑިއާގެ ލަކުޑި ހިމަނައިގެން އުފައްދާ "ސިސްކާ ޖަޒީރާ" ކެރަމް ބޯޑު ތައާރަފްކޮށްފި އެވެ.

ދުނިޔޭގެ އެންމެ މޮޅު ކެރަމް ބޯޑު އުފައްދާ އެއް ކުންފުނިކަމަށްވާ 'ސިސްކާ' އިން ސިސްކާ ޖަޒީރާގެ ނަމުގައި އުފައްދަމުން އަންނަ އިންޓަރނޭޝަނަލް ސްޓޭންޑަރޑްގެ ކެރަމް ބޯޑް މިއަދު ރާއްޖޭގައި ތައާރަފްކޮށްފައިވަނީ މ. މުލީގައި މިއަދު ހެނދުނު ފެށި އިންޑިއާ މޯލްޑިވްސް ޓެސްޓް ސީރީސް ގެ ތެރެއިންނެވެ.

ސިސްކާ ކުންފުނީގެ ވެރިޔާ އަތުލް މެހެރާ ވިދާޅުވީ ސިސްކާގެ އުފެއްދުންތައް ބޭނުންކުރާ ކުޅުންތެރިންނާއި ގައުމީ އެސޯސިއޭޝަންތަކާއެކު އޮންނަ އިތުބާރާއި ގުޅުން ވަރުގަދަކުރަން އެ ކުންފުނިން މަސައްކަތްކުރަމުން އަންނަ ކަމަށާއި ބޮޑެތި މުބާރާތްތަކަށް އެންމެ ފެންވަރު ރަނގަޅު ކެރަމް ބޯޑު ހޯދައިދިނުމަކީވެސް އެ ކުންފުނީގެ އެއް އަމާޒު ކަމުގަ އެވެ.

" އަޅުގަނޑުމެން މިއަންނަނީ ސިސްކާގެ އުފެއްދުންތައް ބޭނުންކުރާ ކުޅުންތެރިންނާއި އަދި ގައުމީ އެސޯސިއޭޝަންތަކާއެކު އޮންނަ އިތުބާރާއި ގުޅުން ވަރުގަދަކުރަން މަސައްކަތްކުރަމުން. އަދި ހަމައެހެންމެ މުބާރާތްތަކަށް އެންމެ ފެންވަރު ރަނގަޅު ބޯޑު ހޯދައިދިނުމަކީވެސް އަޅުގަނޑުމެންގެ އެއް އަމާޒު. ސިސްކާ ޖަޒީރާ ބޯޑު އެކުލެވިގެންވަނީ ދުނިޔޭގެ އެކި ގައުމުތަކުން ހޯދާފައިވާ އެންމެ މޮޅު ލަކުޑި. ރާއްޖޭގެ މާކެޓަށް ސިސްކާ ޖަޒީރާ ފޯރުކޮށްދީ، ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލް ބްރޭންޑަކަށް މި ބްރޭންޑްވާނެ ކަމަށް އުއްމީދުކުރަން." އަތުން މެހެރާ ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖޭގެ ގައުމީ ކެރަމް ޖޫނިއާ އަދި ސީނިއާ ޓީމުތަކާއެކު ކުޅޭ ޓެސްޓް ސީރީސް އަށްފަހު ސިސްކާ ޖަޒީރާ ސީރީސްގެ ކެރަމް ބޯޑު ދުނިޔޭގެ މާކެޓަށް ނެރުމަށްވަނީ ހަމަޖެހިފައެވެ.

މިއަދު ހެނދުނު ފެށި އިންޑިއާ-ރާއްޖެ ޓެސްޓް ސީރީސްގައި ރާއްޖޭގެ ކުޅުންތެރިންނާ ވާދަކުރުމަށް އިންޑިއާގެ ކެރަމް ޓީމުގައި ހިމެނޭ ޖުމްލަ 20 ކުޅުންތެރިންނާއި ފަސް އޮފިޝަލުން ވަނީ ރާއްޖެ އައިސްފަ އެވެ. އެއީ ސީނިއާ 10 ކުޅުންތެރިންނާއި ޖޫނިއާ 10 ކުޅުންތެރިންނެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުޅޭ ޓެސްޓް ސީރީސް މެޗުތައް މިއަދާއި މާދަމާ ކުރިއަށް ދާނެ އެވެ. ޓެސްޓް ސީރީސްގައި ޖުމްލަ ފަސް މެޗު ކުޅޭ އިރު، އޭގެ ތެރެއިން ތިން މެޗު ކާމިޔާބުކުރާ ޓީމެއް މޮޅުވާނެ އެވެ. މި ސީރީސްގެ މަގްސަދަކީ 2024 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިވެހި ކުޅުންތެރިންނަށް ދުނިޔޭގެ އެންމެ މޮޅު ކެރަމް ކުޅުންތެރިންނާ އެކު ގިނަ މެޗްތަކެއް ކުޅުމުގެ ފުުރުސަތު ހޯދައި ދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު