ޑޭވިޑް ލުއިޒް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިން ލަނޑާއެކު 0-1 ގެ ނަތީޖާ އަކާއެކު އޭއެފްސީ ބޯންމައުތް ބަލިކޮށް، އާސެނަލް އިން ޕްރިމިއާ ލީގުގެ ޕޮއިންޓު ތާވަލުގެ 3 ވަނަ އަށް ޖެހިލާފައެވެ.

މެދުތެރެއިން އެޓޭކް ކުރެވޭނެ ކުޅެންތެރިއެއްގެ ގޮތުގައި އެޓީމުގެ ސްކޮޑުގައި ފާހަގަކޮށްލެވޭ އެންމެ ހުނަރުވެރި ކުޅުންތެރިޔާ، ސެބަޔޯސް ފުރަތަމަ 11 ގައި ހިމެނިގެން އާސެނަލް ކުޅެމުން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް ފެނުނީ މެޗު ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅުނު ތަނެވެ. މި ސީޒަނަށް އެޓީމުން ސޮއިކުރި ނިކޮލަސް ޕެޕޭ ނަގައިދިން ކޯނަރަކުން ލަނޑު ޖަހައިދިނީ އަލަށް ގެނައި ޑިފެންޑަރު ޑޭވިޑް ލުއިޒް އެވެ.

ދެވަނަ ހާފު ފަށައިގެން އާސެނަލް އިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުން އައި ގޭމް ގެއްލިގެން ދިޔައެވެ. ނަމަވެސް ކައުންޓަަ އެޓޭކްތަކުގައި ބޯންމައުތް ގޯލަށް ނުރައްކާ ކުރެވޭތޯ ބެލިތަން ފެނިގެން ދިޔައެވެ. މި ހާފުގައި ގިނަ ހަމަލާތަކެއް އުފެއްދީވެސް ރަށުން ބޭރުގައި ކުޅެމުން ދިޔަ ބޯންމައުތް ޓީމެވެ. މިރޭ އާސެނަ؛ލް މޮޅުވި ނަމަވެސް ޖުމްލަ ގޮތެއްގައި އާސެނަލްގެ ފަރާތުން ފެނިގެން ދިޔައީ ނިސްބަތުން އެޓީމުގެ ސަޕޯޓަރުން ބަލަން ބޭނުންވާ ވަރުގެ ކުޅުމަށްވުރެ އާދައިގެ ކުޅުމެކެވެ.

މިރޭ ހޯދި މޮޅާއެކު، އާސެނަލް ވަނީ ޕްރިމިއާ ލީގު ތާވަލުގެ 3 ވަނަ އަށް ޖެހިލާފައެވެ. އެއީ ކުޅުނު 8 މެޗުން ހޯދި 15 ޕޮއިންޓާ އެކީގައެވެ. މިއީ އެންމެ ފަހުގެ ޗެމްޕިއަނުން މެންޗެސްޓާ ސިޓީ އަށްވުރެ އެންމެ ޕޮއިންޓެއް މަދުން ލިބިގެންނެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން، 24 ޕޮއިންޓާ އެއްކޮށް ލިވަޕޫލް އެވެ.