ޕްރިމިއާ ލީގުގައި މިއަދު ވޮލްވްސް އާއި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބައްދަލު ކުރި މެޗު 2-0ގެ ނަތީޖާ އަކުން ވޮލްވްސް ކާމިޔާބު ކޮށްފިއެވެ.

މި މެޗުގައި ރަނގަޅަށް ކުޅެ، ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ ސިޓީ އިން ކަމުގައި ވީ ނަމަވެސް، ވޮލްވްސް ކޮޅަށް ގޯލެއް ޖަހަން ސިޓީ އިން ކުރި މަސައްކަތްތައް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

ގިނަ ޕާސް ތަކަކާއި ކުޅެމުން ދިޔަ ސިޓީގެ ޑިފެންސަށް ދޭތެރެ ދޭތެރެއިން ވޮލްވްސް އިން ނުރައްކާ ކުރަމުން ގެންދިޔައިރު މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދީފައި ވަނީ އަޑަމާ ޓްރައުރޭ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި 95ވަނަ މިނެޓުގައި އޭނާ ވަނީ ސިޓީ ކޮޅަށް އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

މެޗުގައި ފެނުނު ހަމައެކަނި ދެ ގޯލު ކާމިޔާބު ކުރި އެޑަމާ

މިއީ 9 އަހަރު ތެރޭގައި ވޮލްވްސް އަށް ސިޓީގެ މައްޗައް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެ ކްލަބުން ސިޓީ ބަލިކޮށްފައި ވަނީ 2010ވަނަ އަހަރު 2-1ގެ ނަތީޖާ އަކުންނެވެ.

މިއަދުގެ މެޗުގައި ގިނަ 7 ރީނދޫ ކާޑެއް ފެނިގެން ގޮސްފައި ވާއިރު، މިއީ މި ސީޒަނުގައި ސިޓީ މެޗަކުން ބަލިވި ދެވަނަ ފަހަރެވެ. މި ނަތީޖާ އާއި އެކު ތަވާލުގެ އެއްވަނާގައި ލިވަޕޫލް އިން 24 ޕޮއިންޓާއި އެކު ހަމަޖެހިލި އިރު ސިޓީ އޮތީ ދެވަނާގައި 16 ޕޮއިންޓާއި އެކުއެވެ. މިއަދުގެ މެޗުން މޮޅުވި ވޮލްވްސް އޮތީ 10 ޕޮއިންޓާއި އެކު ތާވަލްގެ 12 ވަނާގައެވެ.