އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ނިއުކާސަލް ޔުނައިޓެޑް އަތުންވެސް ބަލިވެ، މެންޗެސްޓާ ޔުނައިޓެޑަށާއި، ކޯޗު އޮލެ ގަނަރ ސޯލްސްޝާ އަށް އިތުރު ލަދުވެތިކަމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

މިރޭ ނިއުކާސަލް ދަނޑުގައި ކުޅުނު މެޗުގައި އެޓީމުން ޔުނައިޓެޑް ބަލިކުރީ 0-1 ގެ ނަތީޖާ އިންނެވެ. މިރޭގެ މެޗުގައި ނިއުކާސަލް ބޮޑަށް ބެލީ ގިނަ ކުޅުންތެރިން ފަހަތަށް ލައިގެން ޑިފެންޑް ކޮށްގެން ކުޅެވޭތޯއެވެ. އެޓީމުގެ ގޭމްޕްލޭން ވަރަށް ރަނގަޅަށް މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ.

މެޗުގައި މެންޗެސްޓާ ޔުނައިޓެޑަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައި ނުވާއިރު، ރެލިގޭޝަނާއި ހަނގުރާމަ ކުރާނެކަމަށް ސީޒަން ފެށުނުއިރުވެސް ބެލެވިފައި އޮތް ނިއުކާސަލް ދިޔައީ ކައުންޓަ އެޓޭކުތަކުގައި ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

ނިއުކާސަލް އިން މޮޅުވި ލަނޑު ޖަހާފައިވަނީ މެޗުގެ 72 ވަނަ މިނެޓުގައެވެ. ވަރަށް ހިތްގައިމު ޝޮޓަކުން މެތިއު ލޯންގްސްޓާފް ކާމިޔާބުކޮށްދިން އެ ގޯލާ އެކު ޔުނައިޓެޑްގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ކަހަލައެވެ. ސަބަބަކީ މުޅި ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައިވެސް މެންޗެސްޓާ ޔުނައިޓެޑުން އެކުޅުންތެރިޔާ އަށް ފާރަލާފައިވީ ނަމަވެސް، ޓީމުގެ ސްކޮޑު ފުރިހަމަ ކަމަށް ބަލާފައި މެދުތެރެއަށް އެއްވެސް ކުޅުންތެރިޔަކު އެޓީމުން މިފަހަރު އިތުރު ކޮށްފައި ނުވާތީއެވެ.

އެގޯލަށް ފަހު ޔުނައިޓެޑުން ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވީ ނަމަވެސް އެ ޓީމަށް ނިއުކާސަލްގެ ޑިފެންސް ލައިން ފޫއެޅުވޭނެ ގޮތެއް ފެނިފައި ނުވެއެވެ. މިދިޔަ ސީޒަނުގެ ފަހުކޮޅުން ފަށައިގެން މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުމުން އެއްވެސް ކަހަލަ ފިލޯސަފީ އެއް، ބްރޭންޑެއްގެ ފުޓްބޯޅައެއް ކުޅެވޭ ތަން ނުފެންނަ ކަމަށް އެ ޓީމުގެ ގިނަ ސަޕޯޓަރުންވެސް ދެކެއެވެ. އަދި މިފަހުގެ ތާރީޙެއްގައިވެސް އެޓޭކިން ފުޓްބޯޅައެއް އެއްވެސް މެޗެއްގައި ކުޅެވިފައި ނުވާތީ، އެ ޓީމުގެ ކޯޗު އޮލެ ގަނަރ ސޯސްލްޝާ އަށް އިތުރުވަމުންދާ ފާޑުކިޔުންތައް ބޮޑެވެ.

މިރޭގެ ނަތީޖާ އާއި އެކު، މި ސީޒަނުގެ 8 މެޗު ކުޅެ ނިމުނު އިރު މެންޗެސްޓާ ޔުނައިޓެޑް އޮތީ 9 ޕޮއިންޓާ އެކީ ޕްރިމިއާ ލީގު ތާވަލުގެ 12 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް ވަނީ 24 ޕޮއިންޓް ހޯދާފައެވެ. ތާވަލުގެ 4 ވަނައިގައި އޮތް ލެސްޓާ ސިޓީ ވެސް ވަނީ 8 މެޗުން 14 ޕޮއިންޓު ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު