އިޓާލިއަން ސެރިއާ އޭގައި ވާދަވެރި އިންޓަ މިލާނުގެ މައްޗަށް ކުރިހޯދައި ޔުވެންޓަސް އިން ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފި އެވެ.

އިޓަލީ ލީގުގެ އެންމެ ކުރީގައި އޮތް ދެޓީމުގެ ކުރިމަތިލުން ޔުވެންޓަސް އިން ކާމިޔާބުކުރީ 2-1 އިންނެވެ. އިންޓަ އަތުން ލިބުނު މުހިއްމު ތިން ޕޮއިންޓާއެކު ޔުވެންޓަސް ތާވަލުގެ އެއް ވަނަ އަށް ޖެހިލީ ހަތް މެޗުން ނަވާރަ ޕޮއިންޓް ހޯދައިގެންނެވެ. އިންޓަ ދެވަނައިގައި އޮތީ ހަތް މެޗުން އަށާރަ ޕޮއިންޓް ލިބިގެންނެވެ. ލީގުގެ ތިންވަނައިގައި ފަނަރަ ޕޮއިންޓާއެކު އެޓްލާންޓާ އޮތްއިރު ތޭރަ ޕޮއިންޓާއެކު ހަތަރުވަނަ މަގާމުގައި އޮތީ ނަޕޯލީ އެވެ.

ރޭ ސްޓޭޑިއޯ ގުއިސެއްޕެ މީޒާގައި ކުޅުނު ފޯރިގަދަ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސް ޔުވެންޓަސް އިންނެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅު މިޑްފީލްޑަރު މިރަލެމް ޕަޔަނިކް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވަޑް ޕައުލޯ ދިބާލާ އެވެ.

ދިބާލާގެ ލަނޑުން ޔުވެންޓަސް އަށް ލީޑު ލިބިގެންދިޔައިރު އޭގެ ފަހުން ފަރަގު ބޮޑު ކުރަން އިތުބާރު ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ރޮނާލްޑޯ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއެއްގެ ގޮތުން ލިބުނު ޕެނަލްޓީއެއްގައި ލަނޑެއް ޖަހައި އިންޓަ އިން މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. އޭރިއާ ތެރެއިން ޑިފެންޑަރު މެތިސް ޑިލައިޓްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީގައި މި ލަނޑު އިންޓަ އަށް ކާމިޔާބުކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އާޖެންޓީނާގެ ލައުޓަރޯ މާޓިނެޒް އެވެ.

ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ޔުވެންޓަސްގެ ކީޕަރު ޝެޒްނީ ވަނީ އިންޓަގެ މާޓިނެޒް އާއި ޑަނީލޯ ޑެމްބްރޯސިއޯ ކައިރިކައީގައި ފޮނުވާލި ދެ ހަމަލާއެއް މަތަކޮށްފަ އެވެ. މެޗުގެ ފަހު ކޮޅު ޔުވެންޓަސް އަށް ލިބުނު ފުރުސަތެއްގައި ފޯވަޑް ރޮނާލްޑޯ އިންޓަގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް ފަހުން ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގަ އެވެ.

1-1 އިން ދެޓީމު އެއްވަރު ވަމުން ދަނިކޮށް ލީޑު ނަގަން އިންޓަގެ މަޓިއަސް ވެޗީނޯ ފޮނުވާލި ބޯޅަ ދަނޑިއަށް އަމާޒުވިއިރު އޭގެ ފަހުން ޔުވެންޓަސް އަށް ލިބުނު ފުރުސަތުގެ ބޭނުން އެޓީމުން ހިފާލި އެވެ. އެގޮތުން ރޮޑްރީގޯ ބެންޓަންކާ ދިން ބޯޅައެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ގޮންޒާލޯ ހިގުއިން ލަނޑެއް ޖަހައި ޔުވެންޓަސް އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނެވެ.

މެޗު ނިމެން ފަސް ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ވެޗީނޯ އަށް އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ކީޕަރު ޝެޒްނީ ވަނީ މަތަކޮށްފަ އެވެ. މެޗުން އިންޓަ ބަލިވުމުން މިހާރު އިޓަލީ ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ޔުވެންޓަސް އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިޔޯ

    ރޭގެ ކުޅުނު އެކި ލީގުތަކުގެ މެޗުތަކަށް ބަލާއިރު އާޖެންޓީނާގެ ފޯވަޑުން ފާހަގަ ކޮށްލެވެއެވެ. ށުވާލަކީ ޤައުމީޓީމަށް އެކާމިޔާބު މިހާރު ހޯދައިނުދެވެނީ ކީވެބާއެވެ.