ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި ސެވިއްޔާ ބައްދަލުކުރި މެޗް ކާމިޔާބުކޮށް ބާސާ އިން ތާވަލުގެ އެންމެ ކުރީގައި ރެއާލް މެޑްރިޑާއި ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފި އެވެ.

ސްޕެނިޝް ލީގުގައި ރޭ ކޭމްޕް ނޫގައި ކުޅުނު މެޗު ބާސާ އިން ކާމިޔާބުކޮށްފައިވަނީ 4-0ގެ ނަތީޖާއަކުންނެވެ. ވަރުގަދަ ސެވިއްޔާ އަތުން ލިބުނު މުހިއްމު ތިން ޕޮއިންޓާއެކު ބާސާ އަށް މިހާރު އަށް މެޗުން ސޯޅަ ޕޮއިންޓް ލިބިފައިވާއިރު އެއް ވަނައިގައި ވާދަވެރި ރެއާލެ މެޑްރިޑް އޮތީ އަށާރަ ޕޮއިންޓް ހަމަކޮށްގެންނެވެ. ލަލީގާ ތާވަލުގެ ތިންވަނައިގައި ބާސާގެ ފަހަތުން ފަނަރަ ޕޮއިންޓް ލިބިގެން އެތުލެޓިކޯ މެޑްރިޑް އޮތްއިރު ހަތަރުވަނައިގައި ސާދަ ޕޮއިންޓާއެކު އޮތީ ގްރަނާޑާ އެވެ.

ރޭގެ މެޗު ބާސާ އިން ބޮޑު ތަފާތަކުން ކާމިޔާބުކުރި ނަމަވެސް އެޓީމުން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާއެކު އެވެ. އެގޮތުން މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ސެވިއްޔާގެ ހަވިއޭ ހަނާންޑޭޒް އަށް ކުރި ފައުލަކާއި ގުޅިގެން ބާސެލޯނާގެ ރޮނާލްޑް އަރައުޔޯ އަށް ރަތް ކާޑު ދެއްކުމުގެ އިތުރުން އެކާޑާއި ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ސަބަބުން އުސްމާން ޑެމްބެލޭ އަށް ދެވަނަ ރީދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. ފުރަތަމަ ރަތް ކާޑު ދެއްކި އުރުގުއޭގެ އުމުރުން 20 އަހަރުގެ އަރައުޔޯ ރޭ ބާސެލޯނާ އަށް ކުޅުނު މެޗަކީ އެޓީމަށް ލީގުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

ރޭގެ މެޗުގައި ބާސެލޯނާ އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ މެޗްގެ ފުރަތަމަ ހާފުގައެވެ. އެގޮތުން ހާފުގެ ފަހުކޮޅު ކައިރި ކައިރީގައި ބާސާ އިން ލަނޑުތައް ކާމިޔާބުކުރިއިރު ފުރަތަމަ ލަނޑު 27 ވަނަ މިނެޓްގައި ޖެހީ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެވެ. ދެވަނަ ލަނޑު 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ޗިލީގެ އަރްޓޫރޯ ވިޑާލް އެވެ. އޭގެ ދެ މިނެޓް ފަހުން ޑެމްބެލޭގެ ލަނޑުން ބާސާ އިން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކުރި އެވެ. އެވެ. މެޗުގައި ބާސާ އިން ޖެހި ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން ކެޕްޓަން ލިއޮނަލް މެސީ އެވެ.

މިއީ މިސީޒަންގައި މެސީ ކާމިޔާބުކުރި ފުރަތަމަ ލަނޑުކަން ފާހަގަކޮށްލެވެ އެވެ.