އިނގިރޭސި ޕްރިމިއާ ލީގުގެ ޓައިޓަލް ރޭސް އަދި އޮތީ ކުރިއަށް ކަމަށާއި މެންޗެސްޓާ ސިޓި އަށް ލީގު ނުގެއްލޭ ކަމަށް އެޓީމުގެ ކޯޗު ޖޯސެފް ގާޑިއޯލާ ބުނެފި އެވެ.

ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އަތުން ބަލިވެ ސިޓީ އާއި ލީގުގެ އެންމެ ކުރީގައި އޮތް ލިވަޕޫލާއި ދެމެދު އޮތް ފަރަގު ވަނީ އަށް ޕޮއިންޓަށް ބޮޑުވެފަ އެވެ. ލިވަޕޫލުން ވަނީ މި ސީޒަންގައި އެޓީމު ލީގުގައި ކުޅުނު އަށް މެޗު ވެސް ކާމިޔާބުކޮށް 24 ޕޮއިންޓް ހޯދާފަ އެވެ. ރޭގެ މެޗުގައި ސިޓީ އާއްމުކޮށް ކުޅޭ ވަރާއި އަޅާބަލާއިރު ކައިރިއަކަށްވެސް ފެންވަރު ނުދެއްކުނު އިރު ދުނިޔޭގެ އެންމެ އެޓޭކް ވަރުގަދަ އެއް ޓީމުގެ ތެރޭގައި ހިމެނޭ ސިޓީން މެޗު ނިންމާލީ ސުންކަޑުވާނުލެވި 2-0ގެ ނަތީޖާއަކުންނެވެ.

ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލާއިރު ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ލީގުގެ އެއް ވަނައިގައި ބޮޑު ލީޑަކާއެކު ލިވަޕޫލް އޮތުމުން ގިނަބަޔަކު އަންނަނީ ސިޓީ އަށް ތަށި ގެއްލުނީ ކަމަށްބުނެ ވާހަކަދައްކަމުންނެވެ. މިވާހަކަތަކަށް ރައްދު ދެމުން ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިއީ އަދި އޮކްޓޯބަރު މަސް ކަމަށާއި ރޭސް އޮތީ އަދި ކުރިއަށް ކަމަށެވެ.

ގާޑިއޯލާ ބުނީ ރޭގެ މެޗުގައި ސިޓީ ބަލިވި ނަމަވެސް އެޓީމު މިސީޒަންގައި ދައްކަމުން އަންނަނީ ވަކި ގޯސް ނަތީޖާތަކެއް ނޫން ކަމަށާއި ލީގުގައި ކުރިއަށް ބައިވަރު މެޗުތަކެއް ހުރުމުން ލީގު ޗެމްޕިއަންކަން ނަގާނީ ވަކި ޓީމެކޭ ބުނަން އަދި މާއަވަސް ކަމަށެވެ.

''މިއީ އަދި އޮކްޓޯބަރު މަސް. ލީގުގައި ބައިވަރު މެޗުތަކެއް ކުރިއަށް އެބަހުރި. އެހެންކަމުން އަދި ޓައިޓަލް ރޭހެއް ނުނިމޭ. މިކަން އޮތީ ކުރިއަށް. އަހަރެމެން ރޭގަ ބަލިވީ ރޭގެ މެޗުގައި މޮޅަށް ކުޅުނު ބައެއްގެ އަތުން. އެމީހުން ރޭ ވަރަށް މޮޅު. ކައުންޓާ ހަމަލާތަކުގައިވެސް އަދި މަތިން އައި ބޯޅަ ތަކުގައިވެސް ވަރަށް ހުޝިޔާރުކަމާއެކު ވުލްވްސް ކުޅުނީ،'' ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ އިތުރަށް ބުނީ ލީގުގައި ޕޮއިންޓެއް ވައްޓާނުލައި ލިވަޕޫލް ފަސްބެލުމެއްނެތި ކުރިއަށްދާކަން އިނގޭ ކަމަށާއި ސިޓީ އަދި އެނބުރި އަންނާނެ ކަމަށެވެ. އަދި ސިޓީން ޖެހިޖެހިގެން ތިންވަނަ ފަހަރު ލީގު ކާމިޔާބުކުރަން އުޅޭއިރު އެއީ އެހާ ފަސޭހަކަމެއް ނޫން ކަމަށާއި ޕްރިމިއާ ލީގުގެ ތާރީހުގައިވެސް ލީގު ކާމިޔާބުކޮށްފައި ޖެހިގެން އަންނަ ސީޒަންގައި ތަށި ދިފާއުކުރުމަކީ ކޮންމެ ކޮންމެ ޓީމަކަށްވެފައިވާ ކަމެއް ނޫން ކަމަށެވެ.

ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ވުލްވްސް އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އެޑަމާ ޓްރައޯރޭ އެވެ. އެ މެޗުގައި ވުލްވްސް އަށް ވަނީ އިތުރު ލަނޑުތަކެއް ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. އެގޮތުން ފުރަތަމަ ހާފުގައި ޕެޓްރިކް ކުޓްރޯނޭ އާއި ރައުލް ހިމެނޭޒް ފޮނުވާލި ބޯޅަތައް ގޯލަކަށް ބަދަލެއް ނުވި އެވެ. އަނިޔާގެ ސަބަބުން ކެވިން ޑިބްރޭނާ މި މެޗުގައި ނުކުޅޭތީ އޭނާ ނެތްތަން ސިޓީގެ އެޓޭކުން ދެއްކިއިރު ފުރަތަމަ ހާފުގައި އެޓީމުގެ ރަހީމް ސްޓާލިން ޖެހި ބޯޅަ ވުލްވްސް ކީޕަރު ރުއީ ޕެޓްރީޝިއޯ ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ހާފުގައި ސިޓީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާ ޖެހި ހިލޭ ޖެހުމެއް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވިއިރު މަހްރޭޒް ފޮނުވާލި ބޯޅައެއް ޕެޓްރީޝިއޯ ވަނީ މަތަކޮށްފަ އެވެ.

ރޭގެ މެޗަކީ މިދިޔަ ޑިސެމްބަރު މަހު ކްރިސްޓަލް ޕެލަސް އަތުން ބަލިވި މެޗަށް ފަހު ސިޓީން އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ. ސިޓީ ކައިރިން ލިބުނު ތާރީހީ މޮޅާ އެކު ވުލްވްސް ވަނީ އަށް މެޗުން 10 ޕޮއިންޓް ހަމަކޮށް ލީގުގެ 11 ވަނަ އަށް ޖެހިލައިފަ އެވެ.