21 އަހަރުން ދަށުގެ ސައުތް އޭޝިއަން ރީޖަނަލް ބެޑްމިންޓަން މުބާރާތުގެ މިކްސް ޓީމް އިވެންޓުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ބަލިވެ ރާއްޖެއަށް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

ސާކް ރީޖަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ޓައިގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ 3-2 ގޭމުންނެވެ. ބަންގްލަދޭޝްއިން ފިރިހެން ސިންގަލްސް އާއި ފިރިހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ގޭމް ކާމިޔާބުކުރިއިރު ރާއްޖެއަށް ކާމިޔާބުކުރެވުނީ އަންހެން ސިންގަލްސް އާއި އަންހެން ޑަބަލްސްގެ ގޭމެވެ.

މެންސް ސިންގަލްސްގައި ވާދަކުރީ ރާއްޖޭގެ އަޙުމަދު ނިބާލް އާއި ބަންގްލަދޭޝްގެ ގުރާބް ސިންހާއެވެ. މިމެޗު 2-1 ސެޓުން ކާމިޔާބުކުރީ ގުރާބް ސިންހާއެވެ. އަންހެން ސިންގަލްސްގައި ބަންގްލަދޭޝްގެ އުރްމީ އަކްތަރްގެ މައްޗަށް ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުލް ރައްޒާގް ކުރިހޯދީ ސީދާ ދެސެޓުންނެވެ.

މެންސް ޑަބަލްސްގައި ބަންގްލަދޭޝްގެ ޕެއާއިން ރާއްޖޭގެ މުޙައްމަދު އާކިފް އާއި އަޙުމަދު ޝިފާއުގެ ޕެއާގެ މައްޗަށް ކުރިހޯދީ ސީދާ ދެސެޓުންނެވެ. އަންހެން ޑަބަލްސްގައި ބަންގްލަދޭޝް އާއި ދެކޮޅަށް ރާއްޖޭގެ ފާތިމަތު ނަބާހާ އާއި އާމިނަތު ނަބީހާ ވާދަކުރަން އޮތް މެޗު ބަންގްލަދޭޝްގެ ޕެއާ ވާދަނުކުރުމުގެ ސަބަބުން ރާއްޖެއަށް މެޗު ލިބުނެވެ. މިކްސް ޑަބަލްސްގައި ރާއްޖޭގެ އަޙުމަދު ނިބާލް އާއި ނަބީހާ އަބްދުލް ރައްޒާގެ ޕެއާ ބަންގްލަދޭޝްގެ ގުރާބް ސިންހާ އާއި އުރްމީ އަކްތަރްގެ ޕެއާއަތުން ބަލިވީ ސީދާ ދެސެޓުންނެވެ.

ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ރާއްޖޭގެ މައްޗަށް ލަންކާ ކުރިހޯދީ ސީދާ ފަސް ގޭމުންނެވެ. އެގޮތުން ފިރިހެން ސިންގަލްސްގައި ވާދަކުރީ ލަންކާގެ ޑުމިންދުއާއި ރާއްޖޭގެ މުހައްމަދު އާކިފެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ޑުމިންދެވެ.

އަންހެން ސިންގަލްސްގައި ވާދަކުރީ ލަންކާގެ ހަސާރާ ޗަތުމްހަރީއާއި ރާއްޖޭގެ އާމިނަތު ނަބާހާ އެވެ. މި މެޗުވެސް ލަންކާއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ފިރިހެން ޑަބަލްސްގައި ލަންކާގެ ޑުމިންދުއާއި ރަންތުޝްކާއާއި ދެކޮޅަށް ރާއްޖެއިން ވާދަކުރީ މުޙައްމަދު އާކިފްއާއި އަހުމަދު ޝިފާއުއެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ލަންކާގެ ޕެއާ އެވެ.

އަންހެން ޑަބަލްސްގައި ލަންކާގެ ހަސީނީ ނުސާކާއާއި ހަސާރާއާ ދެކޮޅަށް ރާއްޖެއިން ވާދަކުރީ ފާތިމަތު ނަބާހާ އާއި އާމިނަތު ނަބީހާ އެވެ. މި މެޗު ލަންކާއިން ކާމިޔާބުކުރީ 2-1 ސެޓުންނެވެ. މިކްސް ޑަބަލްސްގައި ލަންކާގެ ރަންތުޝްކާއާއި ޖަނަނުވާނީއާ ދެކޮޅަށް ވާދަކުރީ ރާއްޖޭގެ އަހުމަދު ނިބާލްއާއި ނަބާހާއެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ލަންކާއިންނެވެ.

ޓީމް މިކްސް އިވެންޓުގެ ތިންވަނަ މެޗުގައި ރޭ ނޭޕާލް އާއި ވާދަކޮށް ރާއްޖެ ބަލިވެފައިވަނީ 3-2 ގޭމްއިންނެވެ. އެގޮތުން ފިރިހެން ސިންގަލްސްގައި ރާއްޖޭގެ އަހުމަދު ނިބާލްގެ މައްޗަށް ނޭޕާލްގެ ޕްރިންސް ދަހާލް ކުރިހޯދީ ސީދާ ދެ ގޭމުންނެވެ. އަންހެން ސިންގަލްސްގައި ރާއްޖޭގެ ފާތިމަތު ނަބާހާގެ މައްޗަށް ރަސީލާ މަހަރްޖާން ކުރިހޯދީ ވެސް ދެ ގޭމުންނެވެ.

ފިރިހެން ޑަބަލްސްގައި މުހައްމަދު އާކިފް އާއި އަހުމަދު ޝިފާއުގެ ޕެއާގެ މައްޗަށް ދެ ގޭމުން ނޭޕާލްގެ ޕްރިންސް ދަހާލް އާއި ޕްރަފުލް މަހަރްޖާންގެ ޕެއާ ކުރިހޯދިއިރު އަންހެން ޑަބަލްސްގައި ފާތިމަތު ނަބާހާ އާއި އާމިނަތު ނަބީހާގެ ޕެއާ ވަނީ ދެ ގޭމުން ނޭޕާލްގެ ޖެސިކާ ގުރުންޖް އާއި ރަސީލާ މަހަރްޖާންގެ ޕެއާ ބަލިކޮށްފަ އެވެ. އަދި މިކްސް އިވެންޓުގައި އަހުމަދު ނިބާލް އާއި އާމިނަތު ނަބީހާ ވަނީ ދެ ގޭމުން ޕްރަފުލް އާއި ޖެސިކާގެ ޕެއާ ބަލިކޮށްފަ އެވެ.