ކުޅުންތެރިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގައުމީ ކްރިކެޓް ޓީމުގެ ކޯޗު ދެކުނު އެފްރިކާގެ އާސިފް ޚާންގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި ޔޫތު މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ގައުމީ ޓީމުގެ ކޯޗު އާސިފް ޚާން، ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރުމަށްފަހު އޭނާ މިވަނީ މިހާރު ދޫކޮށްލާފަ އެވެ. ފުރަން ގޮސް އެއާޕޯޓުގައި ހުއްޓާ ހޮނިހިރު ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު އިއްޔެ މުއްދަތު ޖަހަން ކޯޓަށް ގެންދިޔަ ފަހުން 24 ގަޑިއިރު ހަމަވެފައިވާތީ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލަން އަމުރުކުރީ އެވެ.

މިއަދު ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސެޝަންތަކުގެ ތެރެއިން ބައެއް ކުޅުންތެރިންނަށް އާސިފް ޖިންސީ ގޯނާކުރިކަމުގެ މައްސަލަ ކްރިކެޓް ބޯޑަށާއި ފުލުހުންނަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު އެ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލަ އަކީ ގައުމީ ޓީމެއްގެ ކޯޗަކާއި ގުޅޭ މައްސަލައެއް ކަމުގައިވިޔަސް މިއީ ޖިނާޢީ މައްސަލައެއް ކަމުގައިވާތީ މިކަން ތަހުގީގު ކުރުމުގެ ހުރިހާ ކަމެއް ކުރިއަށްގެންދާނީ ފުލުހުން ކަމަށާއި ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މިދިޔަ އަހަރުން ފެށިގެން ގައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ އާސިފް ޚާން ކުޑަކުދިން ހިމެނޭ ގޮތަށް ބައެއް ކުޅުންތެރިންނަށް ޖިންސީ ގޯނާކޮށްފައިވާކަން އިތުބާހުރި މަސްދަރުތަކުން ޔަގީންވާ ކަމަށާއި އަދި އެ މައްސަލައިގެ ހަގީގަތް ނުބަލައި އޭނާ ރާއްޖެއިން ފުރުވާލަން ކްރިކެޓް ބޯޑުން މަސައްކަތްކުރި ކަމަށް ބުނެ ގައުމީ ފިރިހެން އަދި އަންހެން ކްރިކެޓް ޓީމުގެ ކުޅުންތެރިން ވަނީ އިހަކަށް ދުވަހު ބަޔާނެއްވެސް ނެރެފަ އެވެ.

ދިވެހި ކުޅުންތެރިންގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ކުޅުންތެރިން ވަނީ މި މައްސަލައިގައި ކްރިކެޓް ބޯޑުން އަމަލުކުރި ގޮތް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. ކްރިކެޓް ބޯޑަށް ތުހުމަތުގެ އިނގިލިތައް ދިއްކުރަމުން ކުޅުންތެރިން ބުނެފައިވަނީ ޖިންސީ ގޯނާގެ މައްސަލަތަކާއި ހެދި އާސިފް ހާން ކުއްލިއަކަށް އިސްތިއުފާ ދިން ދިނުން ކްރިކެޓް ބޯޑުން ސިއްރު ކުރުމަށް ފަހު މަސައްކަތް ކުރީ އޭނާ ގައުމުން ފުރުވާލަން ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވާގޮތުން ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރު މަތިން އާސިފް ޖިންސީ ގޯނާކޮށްފައިވާކަން ތުހުމަތުކުރެވޭ ކަމަށާއި އޭގެ ތެރޭގައި ގިނައީ 18 އަހަރު ނުފުރޭ ކުޅުންތެރިން ކަމަށެވެ.

ކުޅުންތެރިން އިތުރަށް ބުނެފައި ވަނީ ކްރިކެޓްގެ ހަރުދަނާ އުސޫލުތަކާއި ހަމަތައް ހިފަހައްޓަން ތިބި ކްރިކެޓް ބޯޑުގެ ފަރާތުން ފެނުނު ކަންތައްތަކުން މި ހިނގާދިޔަ ކަންކަމުގައި ކްރިކެޓްބޯޑު ފެއިލް ވެފައިވާކަން ހާމަކޮށްދޭ ކަމަށެވެ.