އިނގިރޭސި ފުރަތަމަ ޑިވިޝަން ފުޓްބޯޅަ ލީގު ރީބްރޭންޑްކޮށް މިހާރު އޮންނަހެން ވިހި ޓީމުގެ މެދުގައި ކުޅެން ފެށީ މީގެ 27 އަހަރު ކުރިންނެވެ. ކުރިން ފުޓްބޯޅަ ލީގުގެ ނަމުގައި ކުރިއަށްގެންދިޔަ މުބާރާތް ޕްރިމިއާ ލީގަށް ބަދަލުކުރި ފަހުން މިހާތަނަށް 27 ސީޒަން ކުޅެފައިވާއިރު އޭގެ ތެރެއިން ރެކޯޑު ތޭރަ ފަހަރު ތަށި އުފުލާލައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ފަވާލެވިފައިވަނީ މަޝްހޫރު މެންޗެސްޓާ ޔުނައިޓެޑުގެ ނަމެވެ.

ސްކޮޓްލޭންޑްގެ ސާ އެލެކްސް ފާގަސަން 1986 ވަނަ އަހަރު ޔުނައިޓެޑާއި ހަވާލުވުމަށްފަހު ޔުނައިޓެޑު ކޮޅަށް ނެގި އެވެ. ހާއްސަކޮށް އިނގިރޭސި ފުރަތަމަ ޑިވިޝަންގައި އެންމެ ކާމިޔާބު ކްލަބުގެ ގޮތުގައި އެއިރު އޮތް ލިވަޕޫލް އާއި ޔުނައިޓެޑު ފައި ހަމަކުރީ އަވަށް ސްޕީޑެއްގަ އެވެ.

ޕްރިމިއާ ލީގު ރީބްރޭންޑް ކުރުމުގެ ފަހުން ލިވަޕޫލަށް އަދި އިނގިރޭސި ޗެމްޕިއަންކަން ލިބިފައިނުވާއިރު އެޓީމުން އެންމެ ފަހުން އެގައުމުގެ ފުރަތަމަ ޑިވިޝަން ފުޓްބޯޅަ ލީގު ކާމިޔާބުކޮށްފައިވަނީ މީގެ 30 ވަރަކަށް އަހަރު ކުރިންނެވެ. ފާގަސަން ޔުނައިޓެޑާއި ހަވާލުވިއިރު 18 ތައްޓާއެކު ލީގުގައި އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް ލިވަޕޫލް ފަހަތައް ޖައްސާލުމަށްފަހު ޔުނައިޓެޑަށް އިނގިރޭސި ފުޓްބޯޅަ ލީގުގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފު ލިބުނީ 2011 ވަނަ އަހަރު އެވެ. އޭގެ ދެ އަހަރު ފަހުން ފާގަސަން ޔުނައިޓެޑު ދޫކޮށްލީ 26 އަހަރު އެ ކްލަބަށް އިރުޝާދު ދިނުމަށްފަހު އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑަރީ ކޯޗު ފާގަސަން އެ ކްލަބް ދޫކޮށްލި އިރު އޭނާ ޔުނައިޓެޑަށް ހޯދައިދިން ކާމިޔާބީތައް ތަކުރާރުކުރެވޭނެ ފަދަ ކޯޗެއް ހޯދުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެކަން އެކްލަބުގެ ސަޕޯޓަރުންނަށް ވެސް އެެއިރު ގަބޫލު ކުރެވުނެވެ. ނަމަވެސް ރެކޯޑު ތޭރަ ތައްޓާއެކު އެއިރު އެގައުމުގެ ފުޓްބޯޅައިގައި ޔުނައިޓެޑު އޮތް ހިސާބުގެ ގޮތުން އެޓީމު މިިއަދު ފެންނަމުންދާ އަނަރޫފު ހާލަތުގައި ފެނިދާނެ ކަމަށް އެ ކްލަބުގެ އިތުރުން ވާދަވެރި ޓީމުތަކުގެ ސަޕޯޓަރުންނަށް ވެސް ގަބޫލެއް ނުކުރެވޭނެކަން ޔަގީނެވެ.

ޕްރިމިއާ ލީގަކީ ކާމިޔާބުކުރަން އެހާ ފަސޭހަ ލީގެއް ނޫނެވެ. ނަމަވެސް 2013 ވަނަ އަހަރުގެ ނިޔަލަށް 13 ފަހަރު ލީގު ކާމިޔާބުކޮށްފައިވުމުން ޔުނައިޓެޑު އެއިރު ދަތުރުކުރަމުން ދިޔައީ ކިހާ ފެންވަރެއެއްގައި މިއަދު ތަސައްވުރު ކުރެވެ އެވެ. ފާގަސަންގެ ފަހުން ޔުނައިޓެޑުން ދުނިޔޭގެ ނަން މަޝްހޫރު އެތައް ކޯޗުންނެއް ކްލަބަށް އިރުޝާދު ދޭން ގެނެސް ޓެސްޓް ކޮށްފި އެވެ. ހޮލަންޑުގެ ވެން ހާލް އާއި ސްކޮޓްލޭންޑްގެ ޑޭވިޑް މޯއިސްގެ އިތުރުން ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ވެސް ގެނަ އެވެ. އޭގެ ތެރެއިން ކުޑަކޮށްވެސް ޔުނައިޓެޑުގެ ފެންވަރާއި ކައިރި ކޮށްލެވޭ ވަރަށްވެސް ތައްޓެއް ކާމިޔާބުކުރެވުނީ މޮރީނިއޯ އަށެވެ. ނަމަވެސް ލީގުގައި މޮރީނިއޯ އަށް އެހެން ޓީމުތަކާއި ވާދަ ނުކުރެވުމުން އޭނާ މަގާމުން ދުރުކުރީ އެވެ.

މޮރީނިއޯގެ ފަހުން ޔުނައިޓެޑުގެ ކޯޗު ކަމާއި ހަވާލުވީ އެޓީމަށް 250 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ އޮލޭ ގުނާ ސޯލްޝެއާ އެވެ. މޮރީނިއޯ ވަކިކުރުމަށްފަހު ޔުނައިޓެޑުގެ ބޯޑުން ސޯލްޝެއާ އަށް ފުރަތަމަ ދިނީ ކެއާޓޭކާ އެއްގެ މަސްއޫލިއްޔަތެވެ. ބޮޑު ކްލަބެއްގެ ޒިންމާ ކޮނޑުގައި އަޅުވައިގެން ސޯލްޝެއާ އެޓީމަށް އިރުޝާދު ދިން 19 މެޗުގެ ތެރެއިން 14 މެޗުން މޮޅުވުމުން މާޗު މަހު ތެރޭގައި އޭނާ އަށް ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ދާއިމީ ގޮތުން ޔުނައިޓެޑުގެ ކޯޗު ކަމުގެ މަގާމު ލިބުނެވެ.

ޔުނައިޓެޑާއެކު ހޭދަކުރި ފުރަތަމަ ދުވަސްކޮޅު ސޯލްޝެއާ ނެރުނު ނަތީޖާތަކަށް ބެލުމަށްފަހު ގިނަ ބަޔަކު ހީކުރީ ކުރީގެ ޔުނައިޓެޑު އެނބުރި އައީ ކަމަށެވެ. ނަމަވެސް ކަންވީކީ އެހެންނަކުން ނޫނެވެ. މި ސީޒަންގައި ޕްރިމިއާ ލީގުގެ ފުރަތަމަ އަށް މެޗުން އެޓީމަށް މިހާތަނަށް ހޯދިފައިވަނީ އަށް ޕޮއިންޓެވެ.

މި ސީޒަނުގައި މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން އެންމެ ދެ މެޗު ކާމިޔާބުކޮށްގެން ޔުނައިޓެޑު އޮތީ ލީގުގެ 12 ވަނައިގަ އެވެ. އެއީ ރެލިގޭޝަން ޒޯނަށް ވުރެ ދެ ޕޮއިންޓް ކުރި އެވެ. ލީގުގައި ރޭ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 1-0 އިން ބަލިވިއިރު، މިއީ މިދިޔަ 30 އަހަރުތެރޭ އެ ކްލަބް ލީގުގައި އެންމެ ދަށްކޮށް ފެށި ފަހަރެވެ. މި ބައްޔާއެކު ޔުނައިޓެޑު ވަނީ އޯލްޑް ޓްރަފޯޑް އިން ބޭރުގައި މޮޅެއް ނުލިބި އެގާރަ މެޗު ހަމަކޮށްފަ އެވެ. މިއީ 1989 ވަނަ އަހަރުގެ ފަހުން އަވޭގައި މޮޅެއް ނުލިބި އެޓީމުން މިހާ ގިނަ މެޗު ހަމަކުރި ފުރަތަމަ ފަހަރެވެ.

ޔުނައިޓެޑުން އެންމެ ފަހުން އޯލްޑް ޓްރަފޯޑް އިން ބޭރުގައި މޮޅުވެފައިވަނީ ނިމިގެންދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން އާއި ވާދަކުރި މެޗުގަ އެވެ. ޕީއެސްޖީ މުބާރާތުން ކަޓުވާލުމަށްފަހު އޭގެ ފަހުން ޔުނައިޓެޑު މިހާތަނަށް ކުޅުނު ދިހަ އަވޭ މެޗުގެ ތެރެއިން ހަތް މެޗުން ބަލިވެފައިވާއިރު އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޕްރިމިއާ ލީގުގެ ޓީމުތަކާއި ދެކޮޅަށް ނަތީޖާ ނުނެރެވުމުގެ އިތުރަށް ލީގް ކަޕްގައި ވާދަކުރާ ތިންވަނަ ޑިވިޝަންގެ ޓީމުތަކާއި ދެކޮޅަށް ވެސް ޔުނައިޓެޑަށް ހިފަހައްޓާލެވެނީ ކިރިޔާ އެވެ. އެހެން ކަމުން އެޓީމުގެ މިހާރުގެ ފެންވަރާއިމެދު ހަމަ ގައިމުވެސް ވަރަށް ބޮޑަށް ސުވާލު އުފެދެ އެވެ. ދަނޑުމަތީގައި އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާއި ދެމެދު އޮންނަ ޖެހޭ ޓީމްވޯކެއް ޔުނައިޓެޑްގެ ފަރާތުން ނުފެނެ އެވެ. ޓީމުގެ ފަހަތް ރަނގަޅު ކުރުމަށްޓަކައި ބޮޑު އަގު ދީފައި ނިމިގެންދިޔަ ޓްރާންސްފާ ބާޒާރުގައި ޑިފެންޑަރުން ގަތް ނަމަވެސް އޭގެ ރަނގަޅު އަސަރެއް އަދި މިހާނަތަށް ކޮށްފައި ނެތެވެ.

ރޭގެ މެޗަށް ފަހު ކޯޗު ސޯލްޝެއާ ބުނީ މުހިއްމު ކުޅުންތެރިން ނުލައި މެޗުތައް ކުޅެން ޖެހުމުން އޭގެ އަސަރު ޓީމަށް ކުރާ ނަމަވެސް އެއީ ކުރަން ބޭނުންވާ ޝަކުވާއެއް ނޫން ކަމަށެވެ. ސޯލްޝެއާ ބުނީ ކުރިއަށްއޮތް އިންޓަނޭޝަނަލް ބްރޭކަށް ފަހު އެއްވަނައިގައި އޮތް ވަރުގަދަ ލިވަޕޫލާ ދެކޮޅަށް ނުކުތުމުގެ ކުރިން ޓީމު ރަނގަޅަށް ތައްޔާޜުކުރުމަށް އޭނާ ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ.

"މެޗަކުން މޮޅުވެވޭވަރަށް ފުރުސަތެއް ނުހޯދޭ. ފުރަތަމަ ހާފު ދިޔައީ ވަރަށް ގޯސްކޮށް. ދެ ވަނަ ހާފް ކޮންމެވެސް ވަރެއް ކުރި. މިއީ އަހަރެން ހަވާލުވެހުރި ޒިންމާއެއް. އަހަރެން ހައްލެއް ހޯދަންޖެހޭ. ގޯސް ނަތީޖާތަކެއްގެ ސަބަބުން ކުޅުންތެރިންގެ ކޮންފިޑެންސަށް ވަނީ އަސަރުކޮށްފައި، އަހަރެން ބަލާނަން ކުޅުންތެރިންގެ ވިސްނުން ރަނގަޅުކޮށް މިހާރަށްވުރެ ހާލަތު ރަނގަޅު ކުރެވޭތޯ،" ސޯލްޝެއާ ބުންޏެވެ.

ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ބުނީ މިއީ އޭނާ އެ ކްލަބާ ގުޅުނު ފަހުން ކުރިމަތިވާ އެންމެ އުނދަގޫ ދުވަސްތައް ކަމަށާއި އަވަސް ހައްލެއް ނުލިބިއްޖެނަމަ ކްލަބް ވަރަށް ގޯސް ހާލަތަކަށް ދިއުމުގެ ބިރު ވެސް އެބައޮތް ކަމަށެވެ.

" ޔުނައިޓެޑަށް ކުޅެން ފެށި ފަހުން އަހަރުމެންގެ ކުޅުން މިހާ ގޯސްވި ފަހަރެއް އަހަރެން ނުދެކެން. މުޅި ޓީމު އެކީ މަސަތްކަތްކޮށްގެން އެބަޖެހޭ ކުޅުން ރަނގަޅުކުރަން. މެޗެއް ނިމޭއިރު އަހަރުމެންނަށް އެކަށީގެންވާ ހަމަލާއެއް ނުއުފެއްދޭ. އަހަރެން މި ޓީމުގައި ހޭދަކުރި ދުވަސްތަކުގައި މިހާ ގޯސް ސީޒަނެއް ނުދެކެން، މިއީ ހިތާމަހުރި ކަމެއް، އަހަރުމެންނަކީ މެންޗެސްޓާ ޔުނައިޓެޑް. މިއީ ލީގުގެ އެންމެ ކާމިޔާބު ޓީމު. މިޓީމުގެ ހާލަތު މިހާ ދަށް ފެންވަރަކަށް ވެއްޓެންޖެހޭ އެއްވެސް ސަބަބެއް ނުވިސްނުނު. މިކަން ރަނގަޅު ކުރުމުގެ ހުރިހާ ބާރެއް އޮތީ ކުޅުންތެރިން އަތްމަތީގައި،" ޑެހެޔާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާައަސްލަމް

    ގަސްފޯޑު ބޭރުކުރޭ ރަނގަޅު ފޯވާޑެ އް ހޯދާ

    3
    2
  2. ރޯނުއެދުރު

    ޢަތޮޅުވެރިޔާ( ފާގަސަން) ނެތީމަ ވާގޮތްތީޙަމަ.

  3. ލިވަރޕޫލް

    ތިމީހުން އެކީ އެކެއްޗެއް ކިޔާގެ ރަނގަޅުވާނީ ހޭންޑް ބޯލް ކުޅުނިއްޔާ..
    09 ބުރުގެ މެޗުގެ ނަތީޖާ ލަފާކުރެވޭ ގޮތް.
    ލިވަރޕޫލް 3 - 0 ބަސް ޔުނައިޓެޑް