ފީފާގެ ސްޓޭންޑަޑަށް ހަދާ ސްޕޯޓްސް ރިހެބިލިޓޭޝަން ސެންޓަރެއް ހިމެނޭ ގޮތަށް އިމާރާތް ކުރާ އެފްއޭއެމްގެ އޮފީސް އިމާރާތާއި، ޓާފް ބޮޑު ދަނޑުގެ ބިންގާ އަޅައިފި އެވެ.

މާފަންނު ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ފީފާގެ ފޯވަޑް ޕްރޮގްރާމްގެ އެހީގައި އިމާރާތް ކުރާ މިތަނުގެ ބިންގާ އަޅުއްވައިދެއްވީ މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

ފީފާގެ ފޯވަޑް ޕްރޮގްރާމަކީ ކުރިން ފީފާއިން ގެންދިޔަ ގޯލް ޕްރޮޖެކްޓް ހުއްޓާލުމަށް ފަހު، ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފެންޓިނޯގެ ދައުރުގެ ފުރަތަމަ އަހަރުގައި ތައާރަފް ކުރި ޕްރޮޖެކްޓެކެވެ.

އެފްއޭއެމްގެ އޮފީސް އިމާރާތާއި ޓާފް ދަނޑު އިމާރާތް ކުރަނީ، އެއިދާރާގެ މިހާރުގެ ދެ ޓާފް ދަނޑު އޮންނަ ސަރަހައްދުގެ ދެކުނުުން، ކަޅުތުއްކަލާ ކޮށީ އިރުމަތިން އޮންނަ ހުސް ބިމުގަ އެވެ. މި މަސައްކަތް ކުރުމަށް ހަވާލު ކޮށްފައި ވަނީ، ޓިބަރޯ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. ތިން ފަންގިފިލާ ހިމެނޭ ގޮތަށް އިމާރާތް ކުރާ އެފްއޭއެމްގެ އާ އޮފީހުގައި ކުޅުންތެރިންގެ ޑައިޓް ޕްރޮގްރާމަށް ފެތޭގޮތަށް ހުޅުވާ ކެފެޓީރިއާއަކާއި ފުޓްބޯޅަ ސަމާނު ވިއްކާ ސްޕޯޓްސް ވެއާ ފިހާރައެއްގެ އިތުރުން ޖިމެއްވެސް ހިމެނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ފުޓްބޯޅަ ކުޅުމުގެ ތެރެއިން ކުޅުންތެރިންނަށް ލިބޭ އަނިޔާއިން ރިކަވާ ވުމަށް ރަނގަޅު ފެންވަރުގެ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ގެންދެވޭނެ މާހައުލެއް ނެތުމަކީ ކުޅުންތެރިންނާއި ކުލަބުތަކަށް މިވަގުތު ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ބައްސާމް ވިދާޅުވީ މިހާރު ކުލަބުތައް ޕްރެކްޓިސް ކުރަންދާ ކުޅިވަރު އެކުވެނީގެ ޓާފް ދެ ދަނޑަކީ ބޮޑު ފުޓްބޯޅައަށް ޓީމުތައް ތައްޔާރު ކުރުމަށް އެންމެ އެކަށޭނެ ދަނޑުތަކެއް ނޫން ކަމަށެވެ. އަދި އެފްއޭއެމް އިން އަލަށް ގާއިމްކުރާ ޓާފް ދަނޑު ސަރަހައްދުގައި 150 ހާ މީހުންނަށް ކުޅިބަލަން ތިބެވޭ ގޮތަށް ސަޕޯޓަރުންގެ ސްޓޭންޑެއްވެސް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.

"ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުގެ ސަބަބުން މިހާރު ރިކާވެގެން އަލުން ކުޅެން ނުކުތުމަށް ގިނަ ދުވަސްތަކެއް ހޭދަވެގެން ދޭ، އެހެންވީމަ ފީފާ ސްޓޭންޑަޑްގެ ރިހެބިލިޓޭޝަން ސެންޓަރެއް މިތާންގައި އެޅިގެން ދިއުމަކީ މުސްތަގުބަލުގައި އަޅުގަނޑުމެންގެ ކުޅުންތެރިންނަށް އިންޖަރީން އަވަހަށް ރިކަވާވެގެން ކުޅެން ނުކުތުމަށް މަގުފަހި ވެގެންދާނެ ކަމެއް." ބައްސާމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު