ފުވައްމުލަކު ސިޓީ ކައުންސިލް 2019 ވަނަ އަހަރުގެ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު މިއަދު ކުޅޭނެއެވެ. މުބާރާތުގެ ފައިނަލުގައި މިފަހަރު ވާދަކުރަނީ ޒަމާނުއްސުރެ އެ ސިޓީގެ ކުޅިވަރުގެ މައިދާނުގައި ވާދަވެރި ދެ އަވަށް ކަމަށްވާ ހޯދަޑާއި ދޫނޑިގަމުގެ ދެ ޓީމެވެ.

މިމަހުގެ 1 ވަނަ ދުވަހު ފެށި މި މުބާރާތުގައި ފުވައްމުލައް ސިޓީގެ 8 އަވަށުގެ ތެރެއިން 4 އަވަށަކުން ޖުމްލަ 7 ޓީމު ބައިވެރިވިއެވެ. މި މުބާރާތުގެ ފައިނަލަށް ހޯދަޑު ސްޕޯޓްސް ޓީމާއި، އެފްސީ ދޫނޑިގަލޯނާ ޓީމުވެސް ދަތުރުކުރީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ.

މި މުބާރާތުގައި ބައިވެރިވި ޓީމުތައް 2 ގުރޫޕަކަށް ބަހާލައިގެން ކުޅުމަށްފަހު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދި 2 ޓީމު ވަނީ ސެމީ ފައިނަލަށް ގޮސްފައެވެ. މިމަހުގެ 6 ވަނަ ދުވަހު ކުޅެވުނު ސެމީ ފައިނަލް މެޗުތަކުގައި ހޯދަޑު ސްޕޯޓްސް ޓީމު ވަނީ މިސްކިތްމަގު ޓީމު 0-4 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. ވާދަވެރި ކުޅުމަކަށްފަހު އެފްސީ ދޫނޑިގަލޯނާ ފައިނަލަށް ދަތުރުކުރީ ދަޑިމަގު ޓީމު 1-2 ގެ ނަތީޖާއިން ބަލިކޮށްގެންނެވެ.

މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި އޮތް 2 ޓީމުގައިވެސް މޮޅެ، ނަން މަޝްހޫރު ކުޅުންތެރިން ހިމެނެއެވެ. އެގޮތުން އެފްސީ ދޫނޑިގަލޯނާ ޓީމުގައި ރާއްޖޭގެ ފުޓްސަލްގެ ކިންގެއް ކަމަށްވާ އިބްރާހީމް އަސްވަދު (ގަބޭ) ކުޅޭކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އެޓީމުން ލިރޫ، ސެވެންޓީ އަދި ޕެލޭ ފާހަގަކޮށްލެވެއެވެ. ހޯދަޑު ސްޕޯޓްސް ޓީމަށް ރާއްޖޭގެ ފުޓްސަލްގައި މިހާރު އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ، އަލީ ހާފިޒު ކުޅެއެވެ. އެ ޓީމުގައި ހިމެނޭ އަލީފް އަދި އިއްސެ އަކީ ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންނެވެ.

ފޯރިގަދަވާނެ ކަމަށް ބެލެވޭ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:30 ގައެވެ.