ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި 14 އަހަރުން ދަށުގެ ޔޫތު ލީގު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސްގެ ފުޓްބޯޅަ އެކަޑަމީން ހޯދައިފި އެވެ.

ޔޫތު ލީގުގެ ޗެމްޕިއަންކަން މާޒިޔާ ހޯދާފައިވަނީ 21 ޕޮއިންޓާއެކު އެވެ. މާޒިޔާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެޓީމު ކުޅުނު ހަތް މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ލީގުގެ އެންމެ ފަހު މެޗާއި ހަމަ އަށް އައިއިރު މާޒިޔާ ތާވަލުގެ އެއްވަނައިގައި އޮތީ އަށާރަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި ސޯޅަ ޕޮއިންޓާއެކު ހުޅުމާލެ ސްޕޯޓްސް ސްކޫލް ވިއްދައިފައި އޮތުމުން ރޭގެ މެޗު ކާމިޔާބުކުރާ ޓީމަކަށް ލީގު ޗެމްޕިއަންކަން ލިބުމުގެ ފުރުސަތު އޮތެވެ. ރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗު މާޒިޔާ އިން ހުޅުމާލެ ސްޕޯޓްސް ސްކޫލުގެ މައްޗަށް 2-0ގެ ނަތީޖާއަކުން ކުރިހޯދައި ތަށި އުފުލާލިއިރު މުބާރާތުގައި އެޓީމުގެ ކޮޅަށް ވަނީ އެންމެ ލަނޑެކެވެ.

ހުރިހާ މެޗެއް ކުޅެ ނިމުނުއިރު ތާވަލު އޮތްގޮތުން ތިންވަނަ ލިބުނީ ފަނަރަ ޕޮއިންޓާއެކު މޯލްޑިވްސް ސޮކާ މޭޓްސް އަށެވެ. ތޭރަ ޕޮއިންޓާއެކު އާލީ ޓަޗް ފުޓްބޯޅަ އެކަޑަމީން ހަތަރުވަނައިގައި ނިންމާލިއިރު ފަސް ވަނަ ބީޖީ ސްޕޯޓްސްގެ އެކަޑަމީ ޓީމަށް ލިބުނީ ނުވަ ޕޮއިންޓް ހަމަކޮށްގެންނެވެ. ހަވަނައިގައި ހަ ޕޮއިންޓާއެކު ކްލަބް އީގަލްސްގެ އެކަޑަމީ އޮތްއިރު ވިކްޓްރީގެ އެކަޑަމީން ހަތްވަނަ މަގާމުގައި ނިންމާލީ ތިން ޕޮއިންޓް ލިބިގެންނެވެ. ތާވަލުގެ ފުލުގައި އޮތް ހުޅުމާލެ ސްޕޯޓްސް އެކަޑަމީ އަށް ޕޮއިންޓެއް ލިބިފައިނުވެ އެވެ.

މިދިޔަ އަހަރު އެފްއޭއެމް އިން ތައާރަފްކުރި ޔޫތު ލީގަކީ އެ އިދާރާގެ ޓުވާޑްސް ފިއުޗާ ޕްރޮޖެކްޓްގެ ދަށުން ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތެކެވެ. މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައިވަނީ އާލީ ޓަޗް ފުޓްބޯޅަ އެކަޑަމީންނެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ނުވަ ޓީމު ބައިވެރިވިއިރު، މިފަހަރުގެ ޖުމްލަ 11 ޓީމެއް ވާދަކުރި އެވެ. އެއީ ބީޖީ ސްޕޯޓްސް އެކަޑަމީ، އީގަލްސް ފުޓްބޯޅަ އެކަޑަމީ، ޓީސީ ފުޓްބޯޅަ އެކަޑަމީ، މާޒިޔާ ފުޓްބޯޅަ އެކަޑަމީ، މޯލްޑިވްސް ސޮކާ މޭޓްސް، އާލީ ޓަޗް ފުޓްބޯޅަ އެކަޑަމީ، ހުޅުމާލެ ސްޕޯޓްސް ސްކޫލް، އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ، ހުޅުމާލެ ސްޕޯޓްސް އެކަޑަމީ، ވިކްޓަރީ ސްޕޯޓްސް އެކަޑަމީ އަދި ހުޅުމާލެ ސްޕޯޓްސް އެކަޑަމީ އެވެ.