އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ރާއްޖެ އައިސްފި އެވެ.

މަޝްހޫރު ކޯޗު ގާޑިއޯލާ ރާއްޖެ އައިސްފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގަ އެވެ. އޭނާ ޗުއްޓީ ހޭދަކުރަމުންދަނީ ރަންދެލި ރިސޯޓުގަ އެވެ. ގާޑިއޯލާ ރާއްޖެ އައިސްފައިވަނީ ބައިނަލްއަގުވާމީ މެޗުތަކަށް ފުޓްބޯޅަ ލީގުތައް މެދުކަނޑާލުމުންނެވެ.

ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ގާޑިއޯލާ ރާއްޖެ އައިސްފައިވާއިރު އޭނާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ މެންޗެސްޓާ ސިޓީ އަށް މި ހަފުތާ އަކީ ހަނދާނުން ނައްތާލަން ޖެހޭ ދުވަސްކޮޅެކެވެ. ޕްރިމިއާ ލީގުގައި އެންމެ ފަހުން ވުލްވްސް އަތުން ބަލިވުމުން ސިޓީ އާއި ލީގުގެ އެންމެ ކުރީގައި އޮތް ލިވަޕޫލާއި ދެމެދު އޮތް ފަރަގު އަށް ޕޮއިންޓަށް ވަނީ ބޮޑުވެފަ އެވެ. ދުނިޔޭގެ އެންމެ އެޓޭކް ވަރުގަދަ އެއް ޓީމުގެ ތެރޭގައި ހިމެނޭ ސިޓީން އެ މެޗު ނިންމާލީ ސުންކަޑުވާނުލެވި 2-0ގެ ނަތީޖާއަކުންނެވެ.

ލީގުގެ ކުރީކޮޅު ވާދަވެރި ލިވަޕޫލުން އެހާ ބޮޑު ލީޑެއް ނެގުމުން ސިޓީގެ އިތުރުން ގާޑިއޯލާ އަށް ބޮޑު ޕްރެޝަރަކާއި ކުރިމަތިވެފައިވާއިރު އޭނާ ރާއްޖެ އައީ ސިކުނޑި ހަމަޖައްސުވާލައި ބްރެކް އަށް ފަހު ސިޓީ އަލުން އެނބުރި ހަމަ މަގަށް އެޅުވުމަށް ކުރަންޖެހޭ ވިސްނުންތައް ކުރުމަށްކަމަށް ވެދާނެ އެވެ. މިފަހަރަކީ އިނގިރޭސި ލީގުގެ ތާރީހުގައިވެސް ފުރަތަމަ އަށް މެޗައްފަހު ތާވަލުގެ އެންމެ ކުރީގައި އޮތް ޓީމުން މިހާ ބޮޑު ލީޑެއް ނެގި ފުރަތަމަ ފަހަރެވެ. ގިނަ ބަޔަކު ސިޓީ އަށް މިހާރު ތަށި ގެއްލިފައިވާ ކަމަށް ގަބޫލުކުރިއަސް ގާޑިއޯލާގެ ވާހަކަ ހުރީ އިދިކޮޅަށެވެ.

''މިއީ އަދި އޮކްޓޯބަރު މަސް. ލީގުގައި ބައިވަރު މެޗުތަކެއް ކުރިއަށް އެބަހުރި. އެހެންކަމުން އަދި ޓައިޓަލް ރޭހެއް ނުނިމޭ. މިކަން އޮތީ ކުރިއަށް. އަހަރެމެން ރޭގަ ބަލިވީ ރޭގެ މެޗުގައި މޮޅަށް ކުޅުނު ބައެއްގެ އަތުން. އެމީހުން ރޭ ވަރަށް މޮޅު. ކައުންޓާ ހަމަލާތަކުގައިވެސް އަދި މަތިން އައި ބޯޅަ ތަކުގައިވެސް ވަރަށް ހުޝިޔާރުކަމާއެކު ވުލްވްސް ކުޅުނީ،'' ޕްރިމިއާ ލީގު ރޭސް އޮތީ އަދި ކުރިއަށް ކަމަށް ބުނެ އޭނާ އަށް ކުރިމަތިވަމުން އަންނަ ފާޑުކިއުންތަކަށް ރައްދު ދެމުން ގާޑިއޯލާ ބުންޏެވެ.

ވުލްވްސް މެޗަކީ މިދިޔަ ޑިސެމްބަރު މަހު ކްރިސްޓަލް ޕެލަސް އަތުން ބަލިވި މެޗަށް ފަހު ސިޓީން އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ. ކޮންމެ ޓްރާންސްފާ ބާޒާރެއްގައިވެސް މިލިއަނުން ހަރަދުކޮށްގެން ގާޑިއޯލާ ސިޓީގެ ޓީމު ބިނާކުރާއިރު އޭނާ އަށް ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުކުރުން ނޫން ޗޮއިސް އެއް ނޯވެ އެވެ. ނިމިގެންދިޔަ ސީޒަންގައި އިނގިރޭސި ފުޓްބޯޅައިގެ ހުރިހާ ތައްޓެއްވެސް ކާމިޔާބުކުރި ގާޑިއޯލާ އަށް މި ސީޒަންގައި އެ ކާމިޔާބީ ތަކުރާރުކުރެވިދާނެތޯ މިއީ މިހާރު އުފެދިފައިވާ ބޮޑު ސުވާލެކެވެ.