ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕް" ގެ ކޮލިފިކޭޝަން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ކުރީ ސަރުކާރުން ފެށި މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ރިބްރޭންޑުކޮށް ބޮޑެތި ބަދަލުތަކާ އެކު ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕް ގެ ނަމުގައި ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ބޮޑު ލީގެއް ފެށުމަށް ނިންމާފައިވާ ކަމަށް އެފްއޭއެމް އާއި ޔޫތް މިނިސްޓްރީން އިއުލާންކޮށްފައިވަނީ މީގެ އެއް ހަފުތާ ކުރިންނެވެ.

އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ޖަޒީރާ ފުޓްބޯޅަ މުބާރާތް ކުރިން ބާއްވަމުންދިޔަ މިނިވަން ޗެމްޕިއަންޝިޕާއި އެއް ގޮތަށް ކުރިއަށްދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. އެއީ އަތޮޅު ބުރާއި ޒޯން ބުރު އަދި ފައިނަލް ބުރެވެ. އެގޮތުން އަތޮޅު މުބާރާތް ކުރިއަށް ގެންދާނީ ކޮންމެ އަތޮޅަކުން ވެސް މުބާރާތުގައި ބައިވެރިވާ ހުރިހާ ރަށެއް ހޯމް އެންޑް އަވޭ އުސޫލުން މެޗުތަައް ކުޅެ ނިންމާލާ އިރު އެންމެ ގިނަ ޕޮއިންޓް ލިބޭ ޓީމެއް ޒޯން ބުރަށް ދަތުރުކުރާ ގޮތަށެވެ.

ޒޯން ބުރުގެ މުބާރާތުގައި ވެސް އަތޮޅު ޗެމްޕިއަން އެހެން އަތޮޅުތަކުގެ ޓީމުތަކާ ކުޅެގެން މުބާރާތުގެ ފައިނަލް ބުރަށް ދަތުރު ކުރާނީ އަށް ޓީމެވެ. މިހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. މުބާރާތުގެ ފައިނަލް ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ފުރަތަމަ ޑިވިޝަނުން ޖާގަ ދިނުމަށް ވެސް ވިސްނާފައިވާ އޮތް ނަމަވެސް އަދި އެކަން މުޅިން ފައިނަލް ނުވާ ކަމަށް އެފްއޭއެމް އިން މައުލޫމާތުދެ އެވެ. އެފްއޭއެމް އިން ބުނީ ފައިނަލް ބުރުގެ އެންމެ މޮޅު ދެޓީމަށް ޕްރެޒިޑެންޓް ކަޕުން ފުރުސަތު ދިނުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ކުރިން ބާއްވަމުން އައި މިނިވަން ޗެމްޕިއަންޝިޕާއި ހިލާފަށް މިފަހަރު ބާއްވަން ހަމަޖެހިފައިވާ މުބާރާތް ބާއްވާނީ ރަށު ފެންވަރުގައި މުބާރާތެއް ކުޅުމަށްފަހު އެ މުބާރާތް ކާމިޔާބު ކުރާ ޓީމު އަސްލު މުބާރާތަށް ކޮލިފައިވާ ގޮތަށެވެ. އެހެން ކަމުން އަންނަ އަހަރު އޮންނަ ބޮޑު މުބާރާތުން ފުރުސަތު ލިބޭނީ ރަށްރަށަށް ނިސްބަތްވާ ކުލަބު ޖަމިއްޔާތެކެވެ.

އެފްއޭއެމުން ބާއްވާ ކޮލިފިކޭޝަން މުބާރާތުގެ އިއުލާން މިހާރު ވަނީ ގެޒެޓް ކޮށް ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވައިފަ އެވެ. އެ މުބާރާތް ކުޅެވޭނީ ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ އެރަށެއްގެ ކްލަބް ، ޖަމްއިއްޔާ ، ޖަމާޢަތް ތަކަށެވެ. އަދި އެ މުބާރާތް ރާވާ ހިންގާނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.

ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 ގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ރަށު ކައުންސިލްތަކުން ބައިވެރިވުމަށް އެދި 17 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 3:00ގެ ކުރިން އެފްއޭއެމުން ހާއްސަކޮށްފައިވާ މެއިލްއަށް ފޮނުވަން ޖެހޭނެ އެވެ.

ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް ބޭއްވުމުގެ މައިގަޑު މަގުސަދަކީ ރަށު ފެންވަރުގައި ގިނަ ކުޅުންތެރިންތަކަކަށް ކުޅުމުގެ ފުރުސަތު ހުޅުވާލުމާއި، ރަށުގައި ހަރާކާތްތެރިވަމުންދާ ކްލަބް ޖަމްއިއްޔާ ޖަމާއަތްތަކަށް ފުރުސަތު ހޯދައިދީ، އެކްލަބް ޖަމްއިއްޔާ ޖަމާއަތްތަށް އިތުރަށް ހަރުދަނާ ކުރުން ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އަދި ދިވެހި ފުޓްބޯޅައިން ގެއްލިފައިވާ ފޯރި އަލުން އަނބުރާ ސަޕޯޓަރުންގެ ފަރާތުން ހޯދުމަށާއި މިގައުމުގެ ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމުގައި އަތޮޅު ފުޓްބޯޅަ އަކީ ވަރަށް މުހިއްމު ރޯލެއް އަދާކުރާނެ ކަމެއް ކަމުން ދިވެހި ފުޓްބޯޅަ އަލުން ކޮޅަށް ނެގުމަށް ކަމަށްވެސް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.