ދާދި ފަހުން ނޭޕާލުގައި ކުރިއަށްދިޔަ ސާފުގެ 18 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުން ތިން ވަނަ ހޯދި ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުގެ ސާވީ އިބްރާހިމް އާއި އަހްމަދު ނާހިލް އިބްރާހިމް ސީނިއާ ގައުމީ ޓީމުގެ ސްކޮޑުގައި ހިމަނައިފި އެވެ.

ގައުމީ ސީނިއާ ޓީމުން ފުރުސަތު ދިން ޒުވާން ޓީމުގެ މި ދެ ކުޅުންތެރިންނަކީ ސާފް ޗެމްޕިއަންޝިޕާއި އިހަކަށް ދުވަހު ނިމުނު އޭއެފްސީ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގައި ރަނގަޅު ކުޅުމެއް ދެއްކި ދެ ކުޅުންތެރިންނެވެ. ސާވީ ވަނީ ކޮލިފިކޭޝަންގެ ދެ ވަނަ މެޗުގައި ސީރިއާ ކޮޅަށް ލަނޑުވެސް ޖާހަފަ އެވެ. އެ މެޗުގައި ޖުމްލަ ގޮތެއްގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ސީރިއާ އަށް މެޗު ކާމިޔާބުކުރެވުނީ ކިރިޔާ އެވެ. އޭގެ ފަހުން ކޮލިފައިންގެ ފަހު މެޗުގައި ލުބްނާނާއި ބައްދަލު ކުރި މެޗުގައިވެސް ދިވެހި ކުޅުންތެރިންގެ ފަރާތުން ކުރިއެރުންތަކެއް ފެނުނުއިރު ސާވީ އާއި ނާހިލްގެ ނަން ފާހަގަކޮށްލެވެ އެވެ.

ނާހިލް އަކީ ޓީމުގެ ފަހަތުން ކަނައަތު ބެކަށް ކުޅޭ ކުޅުންތެރިޔެކެވެ. މިއަހަރު ވިކްޓަރީ ސްޕޯޓްސް ކުލަބަށް ކުޅެމުން އަންނަ ނާހިލް ވަނީ ޕްރިމިއާ ލީގުގެ ބައެއް މެޗުތަކުގައި ކުޅެފަ އެވެ. އީގަލްސްގެ ސްކޮޑުގައި ހިމެނުނު ނަމަވެސް ސާވީ ލީގްގައި މެޗެއް ކުޅެފައެއް ނުވެ އެވެ.

ސާވީ އާއި ނާހިލްގެ އިތުރުން ނަވާރަ އަހަރުން ދަށުގެ ޓީމުގެ ކެޕްޓަން، ހަސަން ނަޒީމް (ޗޯޓް) އަންނަނީ މިދިޔަ މަހުން ފެށިގެން ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދަމުންނެވެ. މިދިޔަ މަހު ގުއާމް އާ ދެކޮޅަށް ކުޅުނު މެޗުގައި ޗޯޓް ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެފެ އެވެ.

ޒުވާން ޓީމުގެ ކޯޗު ޝާޒްލީ މުހައްމަދު ވަނީ ސީނިއާ ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނުމުން، ސާވީ އާއި ނާހިލްއަށް މަރުހަބާ ކިޔާފަ އެވެ. ޝާޒް ބުނީ އެ ދެ ކުޅުންތެރިންގެ އިތުރުންވެސް ސީނިއާ ގައުމީ ޓީމަށް ކުޅެވޭނެ ފެންވަރު ހުރި އެހެން ކުޅުންތެރިންވެސް 19 އަހަރުން ދަށުގެ ޓީމުގައި އެބަތިބި ކަމަށެވެ.

ޝާޒް ބުނީ، ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންނާއެކު ސީނިއާ ޓީމުގައި ފަރިތަކުރަން ސާވީ އާއި ނާހިލްއަށް ލިބުމަކީ އެ ދެކުޅުންތެރިންނަށް ލިބޭނެ ރަނގަޅު ތަޖުރިބާއަކަށް ވާނެ ކަމަށެވެ. މަތީ ލެވެލްގައި ކުޅެން ފުރުސަތު ލިބުމަކީ އެ ކުޅުންތެރިން އިތުރަށް ކުރިއެރުވުމަށް އެޅޭ ބާރަކަށް ވާނެ ކަމަށް ޝާޒް ފާހަގަ ކުރި އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ސީރިއާ އާ ދެކޮޅަށް ނުކުތުމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން މިހާރު ތިބީ ޔުނައިޓެޑު އަރަބި އެމިރޭޓްސްގަ އެވެ. ރާއްޖެ އިން ޔޫއޭއީ އަށް ދިޔައީ ސައުދީގައި ކޭމްޕް ކުރުމަށްފަހު އެވެ. މިފަހަރުގެ ސްކޮޑަށް ބަލާލާއިރު ތަޖުރިބާކާރު ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ) ހިމެނޭއިރު ގުއާމް މެޗަށް ޓީމާއެކު ދަތުރު ނުކުރުމުގެ ސަބަބުން އެފްއޭއެމް އިން ޖޫރިމަނާކުރި އީގަލްސްގެ ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު ރިޒުވާން (ރިޒޭ) އާއި އަލީ ފާސިރު (ސެންޓޭ) އަށް ޓީމުން ފުރުސަތުދީފައި ނުވެ އެވެ.

ސީރިއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ބުރާސްފަތި ދުވަހު އެވެ. ސީރިއާގެ އެތެރޭގެ ހަނގުރާމަ އާއި ދާހިލީ ހަމަނުޖެހުންތަކާ ހުރެ ސީރިއާގެ ހޯމް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަރަބި އެމެރޭޓްސްގަ އެވެ.