ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބުރާސްފަތި ދުވަހު ވަރުގަދަ ސީރިއާ ދެކޮޅަށް ކުޅޭ މެޗުގައި ރާއްޖޭގެ ޓީމުގެ މުހިއްމު ކުޅުންތެރިންތަކަކަށް ނުކުޅެވޭނެ އެވެ.

ކޮލިފިކޭޝަންގެ ތިންވަނަ މެޗާއި ގައުމީ ފުޓްބޯޅަ ޓީމުން ކުރިމަތިލާއިރު ދިވެހި ޓީމު އޮތީ އެހާ ރަނގަޅު ހާލަތެއްގައެއް ނޫނެވެ. ސީރިއާ އާއި ދެކޮޅަށް ރާއްޖޭގެ އެންމެ ވަރުގަދަ އެގާރަ ނުނެރެވޭއިރު މި މެޗަކީ ކޮލިފައިންގައި ކުރިއަށް ދިއުމަށް ރާއްޖެ އަށް މުހިއްމު މެޗެކެވެ.

އެންމެ ފަހުން މާލޭގައި ޗައިނާ އާއި ވާދަކުރި މެޗުގައި ދެއްކި ކާޑާއެކު ކުރިމަތިވި ސަސްޕެންޝަނާއި ހެދި ރާއްޖޭގެ ފޯވަޑް ލައިންގައި ހަރަކާތްތެރިވާ އެންމެ މުހިންމު ކުޅުންތެރިޔާ އިބްރާހިމް މަހުދީ ހުސައިން (ހަބޭސް އިއްބެ) އަށް ނުކުޅެވޭނެ އެވެ. ގައުމުން ބޭރުގައި ވަރުގަދަ މެޗަކަށް ދިވެހި ޓީމުން ނުކުންނައިރު ޓީމުގެ އެޓޭކިންލައިންގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ނުކުޅެވުމުގެ ހިތާމަ އޮތްއިރު ކެޕްޓަން އަކުރަމް އަބްދުލް ޢަނީ އަށް ވެސް ސަސްޕެންޝަންގެ ސަބަބުން ސީރިއާ އާ ދެކޮޅަށް ނުކުޅެވޭނެ ކަމެވެ. އެއީ މާލޭގައި ޗައިނާ އާ ދެކޮޅަށް މިދިޔަ މަހު ކުޅުނު މެޗުގައި އޭނާ އަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ.

ސާފް ސުޒުކީ ކަޕް ފައިނަލް: ދިވެހިރާއްޖެ އަދި އިންޑިއާ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މާޒިޔާ ސްޕޯޓްސް އަށް ކުޅެމުން އަންނަ ހަބޭސް އިއްބެ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ އިތުބާރު އެއް ފޯވަޑެވެ. ކޮއްޓުމާއި ނެއްޓުމުގެ އިތުރުން ލަނޑު ޖެހުމުގައި ތޫނުފިލި އިއްބެ ވެފައި ވަނީ ފަހަކަށް އައިސް ގައުމީ ޓީމުގެ އެޓޭކްގެ މައިބަދަ އަށެވެ. އިއްބެގެ ހަލުއި ސްޕީޑާއި ޑިފެންޑަރުން ކައިރިން ދެމިގަންނަލެއް ފަސޭހަކަމުން އޭނާ ވެފައިވަނީ ކޯޗު ޕީޓާ ސެގާޓްގެ ޓެކްޓިކްސްގައި ވަރަށް މުހިއްމު ކުޅުންތެރިއަކަށެވެ.

ހަބޭސް އިއްބެ އާއި އަކުރަމްގެ އިތުރުން ޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ އިބްރާހިމް ވަހީދު ހަސަން ހުރީ އަނިޔާގަ އެވެ. މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އިން ކާމިޔާބުކުރިއިރު ޓީމުގައި އެންމެ މޮޅަށް ކުޅުނު އެކަކީ އިއްބެ ވަހީދު އެވެ. އޭނާ ނެތްތަން ހަމަގައިމުވެސް ޓީމުގެ މެދުތެރެއިން ފެންނާނެ އެވެ.

ސާފް ސުޒުކީ ކަޕް ފައިނަލް: ދިވެހިރާއްޖެ އަދި އިންޑިއާ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސީރިއާ މެޗަށް މާލެއިން ފުރުމުގެ ކުރިން އަވަސް އޮންލައިނާއި ހަވާލާދީ ގައުމީ ކޯޗު ޕީޓާ ޝެގަޓް ބުނީ އިއްބެ އާއި އަކުރަމް އަދި އިބްރާހިމް ވަހީދު ހަސަން އަށް ނުކުޅެވުމަކީ ގޮންޖެހުމެއް ކަމަށެވެ. އަދި ސީރިއާ މެޗަށް ޓީމުގެ އެޓޭކު ބިނާ ކުރުމުގައި ހަބޭސް އިއްބެ ނެތްތަން ފޫބެއްދުމަށް ސްކޮޑުގެ ތެރެއިން ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ޝެގަޓް ބުންޏެވެ.

ރާއްޖެ އިން ވަރުގަދަ މެޗަކާއި ކުރިމަތިލާއިރު މުހިއްމު ކުޅުންތެރިންތަކެއް ބޭރުވެފައި ތިބުމަކީ ޓީމަށް ދިމާވެފައިވާ ބޮޑު ނުތަނަވަސްކަމެކެވެ. މީގެ އިތުރުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރަނގަޅަށް ކުޅެމުން އައި ފޯވަޑުން ކަމަށްވާ އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އާއި އަލީ ފާސިރު (ސެންޓޭ) އަށް މިފަހަރު ޓީމުން ފުރުސަތު ދީފައިނުވެ އެވެ.

ސާފް ސުޒުކީ ކަޕް ފައިނަލް: ދިވެހިރާއްޖެ އަދި އިންޑިއާ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިދިޔަ މަހު ގުއާމް އާއި ޗައިނާ އާ ދެކޮޅަށް ކުޅެން ނެގި ގައުމީ ސްކޮޑުގައި ސެންޓޭ އާއި ރިޒޭ ހިމެނުނު ނަމަވެސް އެ ދެމެޗަށް ތައްޔާރުވުމުގެ ގޮތުން ލަންކާގައި ކޭމްޕު ކުރުމަށް ޓީމާއެކު އެ ދެ ކުޅުންތެރިން ގޮސްފައެއް ނުވެ އެވެ. ޓީމާއެކު ރިޒޭއާއި ސެންޓޭ ނުދިޔަ ސަބަބާ ގުޅިގެން އެފްއޭއެމްއިން ބުނީ، ދެކުޅުންތެރިންވެސް ދިޔައީ "އަމިއްލަ ސަބަބުތަކަކާ" ހުރެގެން ކަމަށެވެ.

މި މައްސަލަ ބެލުމަށްފަހު އެފްއޭއެމް އިން މިދެކުޅުންތެރިން ޖޫރިމަނާވެސް ކުރި އެވެ. ޖޫރިމަނާ ފައިސާ މުސާރައިން ކެނޑޭ ގޮތަށް ކްލަބް އީގަލްސް އިން ވަނީ އެދުވަހުން އެދުވަހަށް އެފްއޭއެމް އަށް ދައްކާފަ އެވެ. އެއާއެކު ލީގުގައި އީގަލްސް އޭގެ ފަހުން ކުޅުނު މެޗުތަކުގައި އެ ދެކުޅުންތެރިން ވަނީ ކުޅެފަ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، ސެންޓޭ އާއި ރިޒޭއަށް އެޅި ޖޫރިމަނާގެ ފިޔަވަޅާއެކު އޭރު ހިނގާދިޔަ މައްސަލަ ނިމިފައިވާ ކަމަށެވެ. އަދި ސެންޓޭ އާއި ރިޒޭ ޓީމަށް ނެގުމާމެދު އަދި ނުނެގުމާމެދުވެސް އެފްއޭއެމުން ވަކި ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.

މުހިއްމު ކުޅުންތެރިންތަކެއް ޓީމުން ބާކީވެފައި ތިބިއިރު 19 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓް) ވަނީ ސީނިއާ ގައުމީ ޓީމާ ގުޅިފަ އެވެ. ޗޯޓުގެ އިތުރުން ޒުވާން ޓީމުގެ ސާވީ އިބްރާހިމް އާއި އަހްމަދު ނާހިލް އިބްރާހިމް ސީނިއާ އަށްވެސް ގައުމީ ޓީމުގެ ސްކޮޑުން ވަނީ ފުރުސަތުދީފަ އެވެ. ގައުމީ ސީނިއާ ޓީމުން ފުރުސަތު ދިން ޒުވާން ޓީމުގެ މި ކުޅުންތެރިންނަކީ ސާފް ޗެމްޕިއަންޝިޕާއި އޭއެފްސީ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގައި ރަނގަޅު ކުޅުމެއް ދެއްކި ދެ ކުޅުންތެރިންނެވެ.